ފަލަސްތީނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން އެ ގައުމަށް ނަސްރު ދެއްވުމަށް އެދި ދެ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން މަޣްރިބް ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ.
"މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާ އެކު ދުއާ ކުރަންވީ ވަގުތު،" މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ގުނޫތު ނާޒިލާ ކިޔަން ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް މިއަހަރު ފެބްރުއަރީ މަހު ވަނީ ގުނޫތު ކިޔުން މެދުކަނޑާލާފައެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭންފެށި ފަހުން، އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރި ތަނެއް ކަމަށް ދައްކާ މިސްރުގެ ބޯޑަރު ކައިރީ އޮންނަ ރަފަހަށް ވަނީ ގިނަ އަދަދެއްގެ މީހުން ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 1.4 މިލިއަން ރެފިއުޖީން ރަފަހްގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް، ރަފަހާއި މިސްރާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދު ބަންދުކޮށް، އިސްރާއީލުން އަންނަނީ މި މަހުގެ ހަޔަކުން ފެށިގެން ރަފަހަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.
މި ހަމަލާތަކުގެ ޝިކާރައަކަށް ވެފައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިންނެވެ. އަދި ރަފަހުގައި ރެފިއުޖީން ޖަހާފައިވާ ޓެންޓުތައް އަންދާ ރަފަހުގައި ތިބި އެތައް ބައެއްގެ ގެދޮރު އިޒްރޭލުން ދަނީ ހަލާކު ކުރަމުންނެވެ.
މީގެ އިތުރުން، ރަފަހުގެ ބޯޑަރުތައް ބަންދުކޮށް، ފަލަސްތީނަށް ކާނާއާއި އެހީ ލިބޭނެ މަގުތައް ވެސް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ.
އެ ހަމަލާތައް ހުއްޓާލަން ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާއިރު އިސްރާއީލުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އެގޮތުން އައިސީޖޭއިން ބުނެފައިވާ ގޮތަށް އިސްރާއިލުން ގަތުލްއާންމެއް ނުހިންގާ ކަމަށާއި އެހެންކަމުން އަމުރަށް ތަބާވާން ނުޖެހޭ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.