twitterviber whatsapp telegramfacebookyoutube instagram
16th September 2024

އިރުޝާދު ތަފާތު ދައްކައި ކުމުންދޫ އިން ފެށުން ވަރުގަދަކޮށްފި

މުޙައްމަދު އަހުމަދު
Sep 7, 2024
1

މުހައްމަދު އިރުޝާދުގެ މޮޅު ކުޅުމާއެކު ކުމުންދޫ ސްޕޯޓްސް ކްލަބުން ފަހަތުން އަރާ ކުޅުދުއްފުށީ މަގުލަސް ކުލަބުގެ މައްޗަށް ކުރިހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ކުމުންދޫއިން މަގުލަހުގެ މައްޗަށް ކުރިހޯދާފައިވަނީ 3 ލަނޑު ދަށުގައި އޮވެފައި ފަހަތުން އަރާ 4 - 3 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ރަނގަޅު ކުޅުމެއް މެޗުގައި ފެނިގެންދިޔަ އެވެ. ހާއްސަކޮށް ކުމުންދޫ ޓީމުގެ ކުޅުން ރަނގަޅުކަން ފާހަގަކޮށްލެވެ އެވެ. އެޓީމުގެ އިރުޝާދުގެ ފަރާތުން ވަނީ ވަރަށް ރީތި މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑް ނެގީ މަގުލަހުންނެވެ. 16 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު މުހައްމަދެވެ. 32 ވަނަ މިނެޓުގައި އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް އަހްމަދު މުހައްމަދު ވަނީ މަގުލަހަށް ލީޑު ފުޅާކޮށްދީފަ އެވެ.

ފުރަތަަމަ ހާފު ނިމުނީ 2 - 0 ން މަގުލަސް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ދެޓީމުން ވެސް ވަރުގަދަކޮށް ނުކުތްއިރު ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މަގުލަހުން ވަނީ އިތުރު ލަނޑެއްޖަހާ ހަމަޖެހިލާފަ އެވެ. މިލަނޑަކީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ރީހާން ކާމިޔާބު ކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ކުމުންދޫ ޓީމު ޕްރެޝަރަށް ވެއްޓުނެވެ. ނަމަވެސް އެޓީމުން ވަނީ ހިތްވަރު އެލުވާ ނުލައި މެޗުގެ ނަތީޖާ އަނބުރާލަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެޓީމަށް އުއްމީދެއް ލިބިގެން ދިޔައީ މެޗުގެ 57 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު އިރުޝާދުގެ ލަނޑުންނެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ކުމުންދޫގެ ފުރުގާން އަބްދުލްހަމީދު ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މިއާއެކު މެޗުގައި ހަމަޖެހިލައިގެން ކުޅެމުންދިޔަ މަގުލަސް ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. މެޗުގެ ފަހުކޮޅު ކުމުންދޫއަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ މުހައްމަދު ޝަރީފް އެވެ.

ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ 5 ވަނަ މިނެޓުގައި ކުމުންދޫގެ ޝިނާން އިބްރާހީމް ވަނީ ލަނޑެއް ޖަހައި މަގުލަސް ޓީމަށް ސިހުން ގެނުވާލާފަ އެވެ. 3 ގޯލުގެ ލީޑެއްގައި އޮއްވާ ފަހަތުން އަރާ 4 ލަނޑު ކާމިޔާބުކޮށް ކުމުންދޫއިން މިވަނީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފަ އެވެ.

މިމެޗުގައި ކުމުންދޫގެ މުހައްމަދު އިރުޝާދުގެ މޮޅު ކުޅުމާއެކު އޭނާ ވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ ޓީމް ނެއްލައިދޫ އާއި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355