ކުޅުދުއްފުށީގައި ހުންނަ ތިލަދެކުނު ސިނަމާ އިމާރާތުގެ ހާލަތު ދަށްވުމުން އެތަން ކައުންސިލުން ބަންދުކޮށްފި އެވެ. އެތަން ބަންދުކުރީ މިދިޔަ ހަފްތާތެރޭގައި އެވެ.
ސިނަމާ މަރާމާތުނުކޮށް ގިނަ އަހަރުތަކެއްވެފައިވާއިރު ފާއިތުވި 7 އަހަރެއްހާ ދުވަހު ފީއެސްއެމާއި އެންސީއޭ ދިޔައީ އެތަނުގެ ބެލެނިވެރިކަމުގައި ވަކާލާތުކުރަމުންނެވެ. އެކަމަކު އެ އިމާރާތް ހުންނަނީ ފީއެސްއެމްގެ ބިމެއްގެ ގައި އެވެ.
އެ ދެ ފަރާތުގެ ކޯޅުމުގެ ތެރޭގައި ތަން މަރާމާތުނުކުޅެވި ދިގުލައި ދިއުމުގެ ސަބަބުން އެތަނުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ. އެގޮތުން އިމާރާތުގެ ބެރިތައް ކަނޑައިގެންގޮސް ފާރުތަކުގައި ބޮޑެތި ރެނދުތައް ވަނީ ލާފަ އެވެ. އަދި ތަނުގެ ފާހާނާތައްވެސް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި އެވެ.
އެ އިމާރާތް މަރާމާތުކުރުމަށް އެތަކެއް ފަހަރު ކައުންސިލުން ވަނީ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް ތަނުގެ ހާލަތު ކިޔާދީފަ އެވެ. އެގޮތުން ކުރީގެ ސަރުކާރުގައިވެސް މި ސަރުކާރުގައިވެސް ވަނީ ކަމާ ގުޅުން ހުރި މުވައްސަސާތަކާ ބައްދަލުކޮށް މަރާމާތުކުރުމަށް އެދިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަމުގައި މާބޮޑު ސަމާލުކަމެއްވަނީ ނުލިބި އެވެ.
ކައުންސިލުން ބުނީ ތަން ބަންދުކުރީ އިމާރާތުގެ ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ. މިސަރުކާރު އައިފަހުންވެސް ޕީއެސްއެމްގެ ވެރިންނާ ބައްދަލުކޮށް އެތަން މަރާމާތުކޮށްދިނުމަށް އެދިފައިވާނޭ ކަމަށް ކައުންސިލުން ބުނެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ހެދި މި ބައިސްކޯފަކީ ކުޅުދުއްފުށީގައި ފިލްމް ދައްކަން ހުންނަ ހަމައެކަނި ތަނެވެ.