ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕު އޭގެ ފަހު މެޗުގައި މިއަދު ކުލަބް ކޮރަލްސްއިން ކުމުންދޫ ސްޕޯޓްސް ކްލަބު ކޮޅަށް 10 ލަނޑު ޖަހާ މުބާރާތުގެ ސެމީން ޖާގަ ހޯދައިފި އެވެ.
މިއަދުގެ މެޗު 10 - 0 ން ކާމިޔާބު ކޮށްފައިވަނީ ކުލަބް ކޮރަލްސްއިންނެވެ. މިމެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ކޮރަލްސްއިންނެވެ.
ކުމުންދޫ ޓީމަށް ހުސް ފުރުސަތުތަކެއް މާގިނައިން ލިބިފައި ނުވާއިރު ކޮރަލްސްއިން ވަނީ މެޗުގައި ވަރަށް ރަނގަޅަށް ޑިފެންސް ކޮށް ކުމުންދޫ ޓީމު ހުއްޓުވާފަ އެވެ.
މެޗުގައި ކުލަބް ކޮރަލްސްގެ ޒުވާން ފޯވާޑް ސާލިމް މުހައްމަދު (ލިމޭ)ގެ ފަރާތުން ވަނީ ތަފާތު މޮޅުކުޅުމެއް ފެނިގެން ގޮސްފަ އެވެ. މެޗުގައި އޭނާ ވަނީ 4 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ކޮރަލްސްގެ އަނެއް ލަނޑުތައް ޖަހައިދީފައިވަނީ އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ލާބީ 2 ލަނޑު، އާދަމް އާޒިމް 2 ލަނޑެވެ. އަދި އެޓީމުގެ ކެޕްޓަން އަހްމަދު ދާއޫދު (ޑޭވިޑް) އާއި މަތީން ބަޝީރު ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ކޮރަލްސްއަށް ވަނީ އިތުރަށް ފަރަގު ބޮޑުކުރުމަށް މުޅިން ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. އެޓީމުގެ ލިމޭ ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެޓީމުގެ މަހްމޫދު ސާވަން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި އެޓީމުގެ ނޮޅިވަރަމް ފޯވާޑް ލިމޭ އެވެ. މިއާއެކު ކުލަބް ކޮރަލްސް މިވަނީ ގްރޫޕްގެ އޭގެ އެއްވަނައިގައި ސެމީއަށް ދަތުރު ކޮށްފަ އެވެ. ކުޅުނު 3 މެޗުން 7 ޕޮއިންޓާއެކު ކޮރަލްސް ސެމީއަށް ދަތުރު ކުރިއިރު ދެވަނައިގައި ސެމީއަށް ދަތުރުކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ.
ނޮޅިވަރަންފަރު ވެސް ސެމީއަށް ދަތުރު ކޮށްފައި ވަނީ 3 މެޗުން 7 ޕޮއިންޓާއެކު އެވެ. ނަމަވެސް ފައިދާ ގޯލަށް ބަލާ އެއްވަނަ ލިބުނީ ކޮރަލްސް އަށެވެ. މިމުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުތައް މާދަމާ ފެށޭނެ އެވެ. މާދަމާގެ މެޗުގައި ހިރަފުސް ސްޕޯޓްސް ކްލަބުން ނުކުންނާނީ ހަނިމާދޫގެ ސާއްބަ އެކުވެރި ކްލަބާއި ދެކޮޅަށެވެ.
މާދަމާގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ. މާދަމާގެ މެޗު އެއްވަރުކޮށްލައިގެން ނުވަތަ މޮޅުވެގެން ވެސް ސާއްބައަށް ސެނީގެ ޖާގައެއް ލިބޭނެ އެވެ. ނަމަވެސް އަމިއްލަ ބާރުގައި ސެމީ ފައިނަލުން ޖާގައެއް ހޯދުމަށް ހިރަފުސް މާދަމާގެ މެޗުން މޮޅުވާން މަޖުބޫރެވެ.