މާލޭގައި މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ އެތްލެޓިކްސް މުބާރާތުގެ އަންހެނުންގެ 100މ އަދި 200މ ދުވުމުގައި ރާއްޖޭގެ ސީނިއަރ ލެވެލްގެ އެތްލީޓުންގެ މައްޗަށް ކުރިހޯދާ ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރު ރަން މެޑަލް ހާސިލްކޮށްފި އެވެ.
އަހުނާ މިވަނީ ރާއްޖޭގެ އަންހެނުންގެ 100މ އަދި 200މ ދުވުމުގެ ރަން މެޑަލް ހޯދާ އެތްލެޓިކްސްގައި ކުޅުދުއްފުށީގެ ނަން ރަން އަކުރުން ފަވާލާފަ އެވެ.
އުމުރުން އެންމެ 10 އަހަރުގައި، 2017 ވަނަ އަހަރު އެތްލެޓިކްސް ކެރިއަރު ފެށި އަހްނާ މިހާރު ވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ފަހުރު ހޯދާފަ އެވެ. އަހުނާ މިކާމިޔާބީ ހޯދައިފައިވަނީ ރާއްޖޭގެ ސީނިއާ ލެވެލްގެ ގިނަ އެތްލީޓުންތަކެއް ފަހަތަށް ޖައްސާލުމަށްފަހުގަ އެވެ. އޭގެތެރޭގައި މިވަގުތު ޖަމައިކާގައި ޓްރެއިނިންގ ހަދަމުންދާ އެތްލީޓުން ވެސް ހިމެނެ އެވެ.
އަހްނާ ވަނީ މިފަހަރުގެ ގައުމީ މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ ހާސިލްކޮށްފަ އެވެ. އަހްނާ ރޭސް ނިންމީ 12.33 ސިކުންތުންނެވެ. މިއީ ޗެމްޕިއަންޝިޕް ރެކޯޑެކެވެ. މިއިވެންޓްގެ ދެވަނައަށް ގޮސްފައިވަނީ ކަސްޓަމުގެ ޝަބާ އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޖަމައިކާގައި ޓްރެއިނިންގ ހަދަމުން އަންނަ ބާރު ދުވުންތެރިޔާ އައްޑޫ އެތްލެޓިކްސް ޓީމުގެ ހިމްނާ އެވެ.
މިމުބާރާތުގެ 200 މީޓަރު ދުވުމުން ވެސް އަހްނާ ވަނީ ރަން މެޑަލް ހޯދާފަ އެވެ. އަހްނާ ރޭސް ނިންމީ 25.10 ސިކުންތުންނެވެ. މިއީ ޗެމްޕިއަންޝިޕް ރެކޯޑެކެވެ.
ރާއްޖޭގެ ގައުމީ ރެކޯޑު މުގުރާނުލެވުނު ނަމަވެސް އަހްނާ ވަނީ މި ދެއިވެންޓުން ޗެމްޕިއަންޝިޕުގެ ރެކޯޑް މުގުރާލައިފަ އެވެ. އަންހެނުންގެ 100މ ދުވުމުން ރާއްޖޭގެ ގައުމީ ރެކޯޑު އޮންނަނީ ރޫޔާ އަތުގަ އެވެ. އަދި 200މ ރެކޯޑް މިވަގުތު އޮތީ އައްޑޫ އެތްލެޓިކްސް ޓީމުގެ ހިމްނާ އަތުގަ އެވެ.
މިއިވެންޓްގެ ދެވަނައަށް ގޮސްފައިވަނީ އައްޑޫ އެތްލެޓިކްސް ޓީމުގެ ހިމްނާ އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒިވީ އެވެ. މިއީ ވެސް ޖަމައިކާގައި ޓްރެއިނިންގ ހަދަމުން އަންނަ އެތްލީޓެކެވެ.
އަހްނާގެ ދައްތަ ނަޝާ ނިޒާރުއަކީ ވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ދުވެ ކާމިޔާބީތަކެއް ހޯދި އެތްލީޓެކެވެ. އަހްނާގެ އެތްލެޓިކްސް ކެރިއަރު ފެށިގެން އައީ ވެސް އޭނާގެ ދައްތަ ހިނގި މަގުންނެވެ. ކޭއޯއަށް ދިން އިންޓަވިއުގައި އަހްނާ ބުނިގޮތުގައި އޭނާ ދުވުމަށް ހިތް ޖެހުނީ ވެސް ދައްތައާއެކު މުބާރާތްތަކަށް ގޮސްފަ އެވެ.
މީގެ ކުރިން ކޭއޯއަށް ދިން އިންޓަވިއުއެއްގައި އަހްނާ ފާހަގަކުރި ގޮތުގައި އޭނާގެ އެތްލެޓިކްސް ކެރިއަރުގައި އެންމެ ކުރިއަށްދާން ހިތްވަރު ލިބުނީ އޭނާގެ އާއިލާއާއި ކޯޗު އަލީ ޝަރީފުގެ ފަރާތުންނެވެ.
2017 ވަނަ އަހަރުން ފެށިގެން ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އަންނަ އަހްނާ ވަނީ އެހާ ޅާ އުމުރެއްގައި ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ފާހަގަކޮށްލެވޭ މޮޅެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އަހްނާ އަކީ މިހާރު އެތްލެޓިކްސް އެސޯސިއޭޝަންގެ ނޭޝަނަލް ޕޫލްގެ އެތްލީޓެކެވެ.
ކުޅުދުއްފުށީގައި ޓްރެއިންވެ ދުވުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެއްކަމަށް އަހްނާ ފާހަގަކުރީ ދުވާނެ ރަނގަޅު ފެންވަރުގެ ޓްރެކެއް ރަށުގައި ނެތުމެވެ. ރަށުގައި ސިންތެޓިކް ޓްރެކެއް ގާއިމުވެގެންދިޔުމަކީ އެހެން އެތްލީޓުންނެކޭ އެއްފަދައިން އަހްނާ ވެސް ދެކޭ ހުވަފެނެކެވެ.
އެތްލެޓިކްސް ކެރިއަރުގައި އަހްނާ މިވަގުތު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ބައިނަލްއަގްވާމީ މުބާރާތަކުން ގައުމަށް މެޑަލްއެއް ހޯދައިދިނުމެވެ. ހާއްސަކޮށް އޮލިމްޕިކްސް ކަހަލަ ބޮޑު މުބާރާތެއްގައި ގައުމަށް ކާމިޔާބު ހޯދައިދިނުމަކީ އޭނާގެ އަމާޒެވެ.
ކުޅުދުއްފުއްޓަށް އުފަން އަހްނާގެ އުއްމީދަކީ ގައުމަށާއި ރަށަށް ކުރިއަށްއޮތްތާ ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެތްލީޓަކަށްވުމެވެ.
މީގެ އިތުރުންވެސް ކުޅުދުއްފުށީގެ އެހެން އެތްލީޓުން ވެސް އަންނަނީ މިފަހަރުގެ ގައުމީ ޗެމްޕިއަންޝިޕުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން ފިރިހެނުންގެ 800 މީޓަރު ދުވުމުން ކުޅުދުއްފުށީގެ އެތްލީޓު އަބްދުﷲ އިކްރާމް ވަނީ ތިންވަނަ ހޯދާފަ އެވެ.
ފިރިހެނުންގެ ލޯންގް ޖަމްޕުގެ ތިންވަނަ ހޯދާފައިވަނީ ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްގެ ސިޒާން އަލީ ރިޒާ އެވެ. އަދި އަންހެނުންގެ ލޯންގް ޖަމްޕުގެ ދެވަނަ ހޯދީ ޝަރީފް ސްޕޯޓްސްގެ ރިފާ މުހައްމަދެވެ.