ފޯނު ބޭނުންނުކޮށް ސީދާ ސްމާޓްވޮޗުން ގުޅާލެވޭ އަދި މެސެޖްކުރެވޭ 'އީސިމް ވެއަރެބަލް'ގެ ހިދުމަތް އުރީދޫން ތައާރަފްކޮށްފިއެވެ.
މިއީ ރާއްޖޭގައި 'އީސިމް ވެއަރެބަލް،' ނުވަތަ ސްމާޓްވޮޗުގައި އީސިމް ބޭނުންކުރެވޭ ހިދުމަތް ރާއްޖޭގެ އޮޕަރޭޓަރަކު ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
މިހާރު ކުރިއަށްދާ 'މޯލްޑިވްސް މެރިން އެކްސްޕޯ'ގައި ރާއްޖެއަށް 'އީސިމް ވެއަރެބަލް'ގެ ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް-ޙަމާދީ އާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އިތުރުން، ސެމްސަންގް ސްރީލަންކާގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ރުޝާނާ ރަތުނަވީރާއެވެ.
މި ހިދުމަތް ރާއްޖެއަށް ތައާރަފްކުރީ އުރީދު އާއި ސެމްސަންގް ގުޅިގެންނެވެ.
އުރީދޫން ބުނީ، 'އީސިމް ވެއަރެބަލް'ގެ ހިދުމަތް ތައާރަފްކުރެވުމާ އެކު، ފޯނުގެ ބަދަލުގައި ސީދާ ސްމާޓްވޮޗް މެދުވެރިކޮށް މީހުންނަށް ގުޅައި މެސެޖްކުރުމުގެ އިތުރުން މިއުޒިކް އަޑުހާލައި އެޕްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ކަމަށެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް-ޙަމާދީ ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ފޯނާ ނުލައި ކަސްޓަމަރުންނަށް ފޯނުގައި މިހާރު ވެސް ބޭނުންކުރަމުންދާ ހިދުމަތްތައް ފަސޭހަކަމާ އެކު ބޭނުންކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
މި ހިދުމަތާ އެކު، ފޯނު ބޭނުންކުރަން ދަތި ހަރަކާތްތަކުގައި ފޯނުން ކުރެވޭ ގިނަ ބޭނުން ކުރެވޭނެއެވެ.
އުރީދޫން ބުނީ އީސިމް ވެއަރެބަލްގެ ހިދުމަތް އުރީދޫގެ ކަސްޓަމަރުންނަށް އަންނަ މަހުން ފެށިގެން ލިބޭނެ ކަމަށާއި، އެގޮތުން މިހާރު ބޭނުންކުރާ ފޯނު ނަންބަރާ އެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. މި ހިދުމަތުގެ ދަށުން އުރީދޫގެ އީސިމް ވެއަރެބަލް ހިދުމަތް ބޭނުންކުރެވޭނީ ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާގައެވެ.