އުރީދޫއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން އުރީދޫ މަސްރޭސް 2026 މި އަހަރު ވެސް ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި އަހަރު މަސްރޭސް އޮންނާނީ އަންނަ މަހު 7ގައި ކ. މާފުށީގަ އެވެ.
އުރީންދޫން ބުނީ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މި މަހުގެ 21ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އުރީދޫ މަސްރޭސް 2026ގައި ގިނަވެގެން 20 ޓީމު ވާދަކުރާނެ ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން، 20 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ، ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް މަސްރޭހުން ފުރުސަތު ދޭނެ އެވެ.
ކޮންމެ މަސްރޭހެއްގައި ވެސް ޖުމްލަ 43،000ރ.ގެ ފައިސާގެ އިނާމު ހިމެނެ އެވެ. މީގެ ތެރޭގައި:
ޗެމްޕިއަން ޓީމް: 25،000ރ.
ދެވަނަ ޓީމް: 10،000ރ.
ތިންވަނަ ޓީމް: 5000ރ.
އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1000ރ.ގެ އިނާމު ދޭނެ އެވެ.
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.




