twitterviber whatsapp telegramfacebookyoutube instagram
19th June 2025

ފޯމު ހުށަހެޅިތާ ދެ އަހަރު، ނޮޅިވަރަންފަރު ހައުސިންގ ޔުނިޓްތައް ދިނުން މަޑުޖެހިފައި

އަބްދުލް ވާހިދު ޙަސަން
May 17, 2025
1

ހދ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދިނުން މަޑުޖައްސާލާފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެ، އާންމުންގެ ޝަކުވާ އިތުރުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 2011 ވަނަ އަހަރު އިމާރާތްކުރަން ފެށި ހައުސިންގއަށް ކުރިމަތިލާން ހުޅުވާލީ 2023 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގަ އެވެ. ދެ ކެޓަގަރީއަކަށް ހާއްސަކޮށްގެން ހުޅުވާލި އެ ފުރުސަތުގައި 363 ފޯމު ހުށަހެޅިކަމަށް އޭރު ކައުންސިލުން މައުލޫމާތުދެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ، ނޮޅިވަރަންފަރު ރައްޔިތުންނަށް ހާއްސަކުރި 75 ހައުންސިންގ ޔުނިޓަށް ހުށަހެޅި 253 ފަރާތާއި އެރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 25 ހައުންސިންގ ޔުނިޓަށް ހުށަހެޅި 110 ފަރާތެވެ.

ހައުސިންގ ޔުނިޓްތައް ދިނުން މަޑުޖައްސާލާފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ހައުސިންގ ޔުނިޓްތަކުގެ ފޯމުތަކުގެ އިވެލުއޭޝަންގެ މަސައްކަތް ނިމި ވަގުތީ ލިސްޓް ނެރުނީ 2024 ވަނަ އަހަރުގެ އޯގަސްޓްމަހު ކަމަށާއި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކަށް ބަލައި އެޗްއާރުސީއެމް އިން އަންގައިގެން ދާއިމީ ލިސްޓް ނެރުން މަޑުޖައްސާލި ކަމަށެވެ.

އޭގެ ފަހުން ހައުސިންގ ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ވަނީ އެއްވެސް މުއްދަތެއް ނެތްގޮތަށް ހުއްޓާލާފަ ކަމަށާއި ހައުސިންގ ޔުނިޓްތަކަށް ފޯމު ހުށަހެޅިފަހުން މިއަހަރުގެ އެޕްރީލްމަހުގެ 30 ވަނަ ދުވަހާ ހަމައަށް ދެ އަހަރުވެގެންދިޔައިރު ހައުސިންގ ޔުނިޓްތައް ދިނުން މަޑުޖައްސާފަ އޮތް އޮތުމަކީ ސަރުކާރާއި ކައުންސިލްގެ ބޮޑު އިހުމާލެއްކަމުގައި އޭނާ ބުންޏެވެ.

"މިކަން މިހެން ހުރިއިރު މިރަށުން ގެވަޅު ދޫކުރެވެން އޮތީވެސް މިގެތަކުގެ ކަންތައްތައް ނިމިގެން ހަވާލުކުރެވުނީމަކަމަށް މިރަށުގެ ކައުންސިލުން މައުލޫމާތުދޭ. މިހައުސިންގ ޔުނިޓްތައް ދިނުން ލަސްވަމުންދާތީ މިގެތަކަށް އެދި ހުށަހެޅި ފަރާތްތަކުންވަނީ ކައުންސިލަށާއި މިނިސްޓްރީއަށް އެތައް ގޮތަކުން ޝަކުވާ ހުށަހަޅާފަ." ނޮޅިވަރަންފަރު ރައްޔިތަކު ކިޔައިދިނެވެ.

އަޅައި ނުލައި ދޫކޮށްލުމުގެ ސަބަބުން މިހާރު ވަނީ ހައުސިންގ ޔުނިޓްތަކުގައި ގަސްފަޅައި ވަރަށް ބޮޑަށް ވައުވެފަ އެވެ. މިކަމާ ގުޅިގެން ކައުންސިލާއި ހައުސިންގ މިނިސްޓްރީގެ ބަހެއް ހޯދަން މި ނޫހުން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުނުވެ އެވެ.

ނޮޅިވަރަންފަރަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިހާރުވެސް ހަތަރު ރަށެއްގެ މީހުން ދިރިއުޅެމުންދާ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355