twitterviber whatsapp telegramfacebookyoutube instagram
14th October 2026

2026 ވަނަ އަހަރު ކުޅިވަރު ކަލަންޑަރު ސިޓީ ކައުންސިލުން އާންމުކޮށްފި

މުޙައްމަދު އަހުމަދު
Feb 13, 2026

2026 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔުމަށް ރޭވިފައިވާ ކުޅިވަރު ހަރަކާތްތައް އެކުލެވޭ ކުޅިވަރު ކަލަންޑަރު ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

ކޮންމެ އަހަރަކުވެސް ސިޓީ ކައުންސިލުން އަންނަނީ ކުޅިވަރު ކަލަންޑަރު ނެރެމުންނެވެ. ގިނަ ކުޅިވަރު ހަރަކާތްތަކާއެކު މިއަހަރުގެ ކުޅިވަރު ކަލަންޑަރު ވެސް ކައުންސިލުން ނެރުނުއިރު މިއަހަރުވެސް އެކި ފަންތީގެ އެކި ކަހަލަ ކުޅިވަރުތައް ރޭވިފައިވެ އެވެ.

އެކި އެކި ޖަމިއްޔާތަކުން ބާއްވާ މި ހަރަކާތްތަކުގައި އެކި އުމުރުތަކުން ވާދަކުރާނެއިރު ޒުވާނުންނަށް ވެސް އަދި އަރަމުން އަންނަ ތަރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ. މިއަހަރުގެ ކަލަންޑަރު ވެސް ނެރެފައިވަނީ 4 ކުއާޓާއަކަށް ބަހާލައިގެންނެވެ.

މިއަހަރުގެ ހަރަކާތްތަކަށް ބަލާލާއިރު ފުޓްސަލް، ހޭންޑްބޯޅަ، ދުވުމާއި އީދު ކުޅިވަރާއި މަސްރޭސް އަދި ޕީއެސް މުބާރާތްތައް ހިމެނެ އެވެ. އަދި އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މޯލްޑިވްސް ޕެރަ އޮލިމްޕިކް ކޮމިޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށި އޯޕަން ޕެރަ ޗެމްޕިއަންޝިޕާއި ގައުމީ ޕެރަ އޮލިމްޕިކް ދުވަހުގެ ހަރަކާތްތަކެވެ.

މި ހަރަކާތްތަކުން ކުޅުދުއްފުށީގެ ވަރަށް ގިނަ ޕެރަ އެތްލީޓުންނަށް އެމީހުންގެ ހުނަރު ދައްކާ ރަށު ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މިކުޅިވަރުތައް ރާވާ އިންތިޒާމުކުރާ ކުލަބްތަކާއި އެންޖީއޯތަކަށް ކުޅުދުއްފުށީގެ ކުޅިވަރު ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293