twitterviber whatsapp telegramfacebookyoutube instagram
15th February 2026

ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ތަށި ބޮޑު ތިލަދުންމައްޗަށް

މުޙައްމަދު އަހުމަދު
Feb 15, 2026

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ގއ. ދެއްވަދޫގެ މައްޗަށް ކުރިހޯދާ ފުރަތަމަ ފަހަރަށް ނައިވާދޫއިން މުބާރާތުގެ ތަށި ބޮޑު ތިލަދުންމައްޗަށް ގެނެސްދީފި އެވެ.

މިރޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެވުނު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލު މެޗު ނައިވާދޫއިން ކާމިޔާބުކުރީ 9 - 3 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި ވަނީ ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.

މެޗު ފެށިތާ 15 ސިކުންތުގެ ތެރޭގައި ދެއްވަދޫގެ އަހްމަދު ރާހިލް ރަޝީދު ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ ކުރީކޮޅު ދެއްވަދޫން ލީޑު ނެގިނަމަވެސް މާގިނައިރުތަކެއް ނުވެ ލިބުނު ހިލޭ ޖެހުމަކުން އަހްމަދު ހަމީދު (އައްމަޑޭ) ވަނީ ނައިވާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު ނައިވާދޫއަށް ވަނީ ޕެނަލްޓީއެއް ވެސް ލިިބިފަ އެވެ. ނައިވާދޫގެ ފައުލް ހަމަވެ 3 ދުރު ޕެނަލްޓީއެއް ދެއްވަދޫއަށް ވެސް ލިބުނެވެ. ނަމަވެސް 3 ޕެނަލްޓީވެސް ދެއްވަދޫއަށް ކާމިޔާބު ނުކުރެވުނެވެ. އެހެންނަމަވެސް އަހްމަދު ހަމީދު ވަނީ ނައިވާދޫގެ ޕެނަލްޓީ ކާމިޔާބުކޮށްދީފަ އެވެ.

ނައިވާދޫން ފުރަތަމަ ހާފުގައި ޖެހި އަނެއް ދެ ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން ޔާމިން މުހައްމަދު (ޔާންޓެ) އެވެ. ފުރަތަމަ ހާފު ނިމުނީ 4 - 1 ނައިވާދޫ ކުރީގައި އޮވެގެންނެވެ. މެޗުގައި ނައިވާދޫގެ ބާކީ ގޯލުތައް އެޓީމަށް ޖަހައިދިނީ ޝާއްޕެ ދެލަނޑު، މައިޝާން 2 ލަނޑު އަދި އަބްދުﷲ ވިޝާމް (ވިޝާންޓެ) ލަނޑެކެވެ. ދެއްވަދޫގެ އަނެއް ދެލަނޑު އެޓީމަށް ޖަހައިދިނީ އަހްމަދު ރާހިލް ރަޝީދު އަދި މުހައްމަދު އިމްރާން އެވެ.

މެޗުގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ނައިވާދޫއިން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާ ގޯލު ޖަހާ ބޮޑު ތަފާތަކުން ފައިނަލު މެޗެއް ކާމިޔާބުކޮށްފަ އެވެ، ފައިނަލުގައި ނައިވާދޫގެ ޝާއްޕެ އަދި ޔާންޓެގެ ކުޅުން އަދި އައްމަޑޭގެ ކުޅުންވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ނައިވާދޫގެ ޖޯޒީ ނަމްބަރު 98 އަހްމަދު ހަމީދު (އައްމަޑޭ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355