twitterviber whatsapp telegramfacebookyoutube instagram
20th August 2026

ރާއްޖޭގެ އެންމެ ފޯރިގަދަ ފުޓްސަލް އީދު، "ގޯލްޑަން ފުޓްސަލް ޗެލެންޖު" އަންނަ އަހަރުގެ މާޗު 27 ގައި ފަށަން ތާވަލުކޮށް ބައިވެރިވާން ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Aug 20, 2026

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް ކުޅިވަރު ހަރަކާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު" އަންނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން (ޖީއެފްއޭ) އިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޖީއެފްއޭ އިން 2015 ވަނަ އަހަރު މާފަންނު ވެލި ދަނޑުގައި އެންމެ ފުރަތަމަ ފެށި މި މުބާރާތް ފަހުން ބާއްވަމުން އައީ ހުޅުމާލޭގެ ރެހެންދި ފުޓްސަލް މައިޒާނުގަ އެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން މެދުކެނޑުމެއް އައި ނަމަވެސް، ކާމިޔާބުކަމާއެކު މިހާތަނަށް މި މުބާރާތުގެ 10 އެޑިޝަނެއް ވަނީ ކުރިއަށްގޮސްފަ އެވެ.

މި މުބާރާތަކީ މުޅި ރާއްޖެއަށް ބަލާއިރު ސަޕޯޓަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ ކުޅިވަރު ހަރަކާތެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ކޮންމެ އަހަރަކުވެސް 100 އަށްވުރެ ގިނަ ރަށުން މުބާރާތުގައި ވާދަކުރެއެވެ.

އަންނަ އަހަރުގެ މާޗުގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުމްލަ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، އެންމެ ފުރަތަމަ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކަށެވެ. އެ މުއްދަތު އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. ކައުންސިލުން ބައިވެރިނުވާ ރަށްތަކުން، އެންމެ ފަހުން މުބާރާތުގައި ވާދަކުރި މެނޭޖްމަންޓަށް ދެވަނަ ފުރުސަތު ލިބޭއިރު، އެއަށްފަހުވެސް ބައިވެރިނުވެއްޖެނަމަ މުޅިން އާ މެނޭޖްމަންޓަކާއެކު ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.

ނިމިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ތާރީހީ މުބާރާތެކެވެ. ސަބަބަކީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ވީޑިއޯ ސަޕޯޓް (ވީއެސް) ނުވަތަ ވީއޭއާރު ބޭނުންކުރީ އެ މުބާރާތުގައި ކަމަށްވާތީ އެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަކޮށް، ފެންވަރު މަތީކޮށް ބޭއްވުމަށްޓަކައި ދުރާލާ ތައްޔާރީތައް ފަށާފައިވާ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ރައީސް ރިލުވާން މޫސާ ވަނީ ވިދާޅުވެފަ އެވެ.

އެ އެސޯސިއޭޝަނުން ދާދިފަހުން ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) އާ ބައްދަލުކުރައްވައި، މުބާރާތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މިނިސްޓަރު ރާފިއުގެ އިސްނެންގެވުމުގެ ދަށުން ކުރައްވަމުންދާ މަސައްކަތްތަކަށް ގޯލްޑަންގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި 9-3 އިން ގއ. ދެއްވަދޫ ބަލިކުރި ހދ. ނައިވާދޫ އެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި އުފުލާލި ޓީމުތަކުގެ ތެރޭގައި ތިން ފަހަރު ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީގެ އިތުރުން ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355