twitterviber whatsapp telegramfacebookyoutube instagram
9th February 2026

ގޯލްޑަން ފުޓްސަލް ޗެލެންޖް: މަތިވެރި ބަލިކޮށް ނައިވާދޫ ސެމީއަށް

މުޙައްމަދު އަހުމަދު
Feb 8, 2026

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ކުއާޓާ ފައިނަލުގައި މިރޭ އއ. މަތިވެރި ބަލިކޮށް ހދ. ނައިވާދޫއިން ސެމީގެ ޖާގައެއް ހޯދައިފި އެވެ.

4 - 2 ގެ ނަތީޖާއަކުން ރެހެންދި ދަނޑުގައި ކުޅެވުނު މިމެޗު ނައިވާދޫއިން ކާމިޔާބުކުރިއިރު މިމެޗުގައި ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފަ އެވެ. ވަރުގަދަ ކުޅުމެއް ދެޓީމުން ދެއްކި ނަމަވެސް ނައިވާދޫއިން ވަނީ ނަތީޖާ ނެރެ ސެމީގެ ޖާގައެއް ހޯދާފަ އެވެ.

މިމެޗުގައި ނައިވާދޫގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ޔާމިން މުހައްމަދާއި ހުސެއިން މައިޝާންގެ އިތުރުން އަހްމަދު ހަމީދު އަދި މުހައްމަދު އަސްލަމެވެ. މިމެޗުގައި މަތިވެރީގެ ދެލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ ފިޒާން އަބްދުލްގަފޫރުގެ އިތުރުން މުހައްމަދު ޝަފުރާޒެވެ.

އަލީ އަލްސަންއާއި އިސްމާއިލް ނަސީމް ފަދަ ތަރިންނާއެކު ނުކުތް މަތިވެރިން މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް މިވަނީ ކުއާޓާ ފައިނަލުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިވާދޫގެ ޖޯޒީ ނަމްބަރު 98 އަހްމަދު ހަމީދު އެވެ.

މިރޭގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ދުވާފަރާއި އޭދަފުށި ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ އޭދަފުށިންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 2 - 2 ން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރީ 6 - 4 ން އޭދަފުށިންނެވެ.

މިމެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ އޭދަފުށިންނެވެ. އޭދަފުއްޓަށް ލީޑު ނަގައިދިނީ ހުސެއިން ޝަރީފް އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އޭދަފުށީގެ އިމްތިޝާލް އަބްދުއްރަހީމް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ދުވާފަރުން އެއްވަރުކުރި އެވެ.

ވަރުގަދަ ކުޅުމެއް ފެނުނު މިމެޗުގައި ދެވަނަ ފަހަރަށް އަލީ ނަސީމް އޭދަފުއްޓަށް ލީޑު ނަގައިދިން ނަމަވެސް ދުވާފަރުގެ މުހައްމަދު ނޫހް އިބްރާހިމް ވަނީ މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ދުވާފަރަށް ލަނޑެއް ޖަހައިދީ މެޗު އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ޕެނަލްޓީ އޭދަފުށިން ވަނީ ދުވާފަރުގެ މައްޗަށް ކުރިހޯދާ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ އޭދަފުށީގެ މުހައްމަދު ފާސިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355