twitterviber whatsapp telegramfacebookyoutube instagram
15th February 2026

ރާއްޖޭގެ ފުޓްސަލް ކިންގަކަށް ޔާންޓެ

މުޙައްމަދު އަހުމަދު
Feb 15, 2026

ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން މިރޭ ދެއްވަދޫ ބަލިކޮށް ހދ. ނައިވާދޫއިން ހޯދިއިރު ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމު ނައިވާދޫގެ ކެޕްޓަން ޔާމިން މުހައްމަދު (ޔާންޓެ) ކާމިޔާބުކޮށްފި އެވެ.

މިރޭ 9 - 3 ން ނައިވާދޫއިން ވަނީ ދެއްވަދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދާފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިވާދޫގެ އަހްމަދު ހަމީދު (އައްމަޑޭ) އެވެ. އެންމެ މޮޅު ސަޕޯޓިން ޓީމަކަށް ހދ. ނައިވާދޫ ހޮވުނުއިރު ފެއާޕްލޭ ޓީމުގެ މަގާމު ހާސިލް ކުރީ ކ. ގާފަރުންނެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށް ބަލާލާއިރު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ށ. ކަނޑިތީމުގެ ރައުލް ނިޔާޒު އެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ނައިވާދޫގެ ކޯޗު މުހައްމަދު ނާޝިދު އަހްމަދު ނަސީރު އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ތ. ތިމަރަފުށީގެ އަރަމުން އަންނަ ޒުވާން ކީޕަރު ސާއިފް އަލީ އެވެ. އެންމެ މޮޅު ފަސް ރެފްރީންނަށް ހޮވިފައިވަނީ އަލީ ފަހުމީއާއި އަލީ ނަދީމް އަދި މުހައްމަދު އަމީންގެ އިތުރުން އަބްދުﷲ އަފީފްއާއި އިބްރާހިމް ނިއުޝާދު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ނައިވާދޫގެ ކެޕްޓަން ޔާމިން މުހައްމަދާއި ރ. ދުވާފަރުގެ ކެޕްޓަން މުހައްމަދު އިޝާމް (ޝަންޓޭ)އާއި ދުވާފަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ހައިސަމް (ޗުމްޕު)ގެ އިތުރުން އއ. މަތިވެރީގެ ޒުވާން ތަރި އަލީ އަލްސަން އަދި ނައިވާދޫގެ އަހްމަދު ހަމީދު (އައްމަޑޭ) އެވެ. އަދި އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދީ އޭދަފުށީގެ ވަރުގަދަ ގޯލް ކީޕަރު އަބްދުﷲ ނާސިހު އެވެ. އަދި މުބާރާތުގެ ފަހުރުވެރި ކިންގްގެ މަގާމުގެ ހޯދާފައިވަނީ ނައިވާދޫގެ ކެޕްޓަން ޔާންޓެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355