twitterviber whatsapp telegramfacebookyoutube instagram
17th March 2026

ރައީސް އަޒުލުކުރުމަށް ވޯޓްދޭން އެދި އެމްޑީޕީން ރިޝްވަތު ހުށަހެޅި: ސަލީމް

ނަބީލާ އިސްމާޢީލް
Mar 17, 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ރައްޔިތުންގެ މަޖިލީސްތެރެއިން ވައްޓާލަން އެމްޑީޕީން މަސައްކަތް ކުރި ކަމަށާ އެ މަސައްކަތުގައި ބައިވެރިވެ ވޯޓްދޭން އެދި ރިޝްވަތު ހުށައެޅި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް) ޕާޓީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަލީމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުމާއެކު ރައްޔިތުން އިންތިހާބުކުރި ސަރުކާރު ވައްޓާލަން އެކިގޮތްގޮތުން މަސައްކަތް ކުރި ކަމަށެވެ.

ސަލީމް ވިދާޅުވީ އޭރުގައި މަޖިލިހުގައި ތިއްބެވީ ޕީޕީއެމްގެ ދެ ތިން މެމްބަރުން ކަމަށާއި އެމްޑީޕީއަށް އެކަން ނާކާމިޔާބުވީ، ގައުމަށް ވަފާތެރި، އިހްލާސްތެރި ބަޔަކު އެމްޑީޕީގެ ތެރެއިން ނުކުންނަވައި، ރައީސް ޑރ. މުއިއްޒުއާ ގުޅިވަޑައިގަތުމުގެ ސަބަބުން ކަމަށެވެ. އަދި އެ ވޯޓު ކާމިޔާބު ކުރުމަށް އެމްޑީޕީން އޭނާއަށް ވެސް ރިޝްވަތު ހުށަހެޅި ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރީގައި ބުންޏޭ، މިކޮޅަށް އަންނާށޭ، ތިމަންނަމެން މިތިބީ ރައީސް އަޒުލު ކުރާށޭ. ބޭނުން ކަމެއް ކޮށްދޭނަމޭ. އެ ހިސާބަށް އެކަން ދުއްވާލި،" ނަވާރަ ވަނަ މަޖިލިހުގައި ވެސް އޭދަފުށީ ދާއިރާގެ މެމްބަރުކަން ކުރެއްވެވި، މަޖިލިހުގެ އެންމެ ދުވަސްވީ އެއް މެމްބަރު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަލުން އައިސްފި ނަމަ، އެ ވެރިކަން ވައްޓާލުމުގެ ބާރު ޕީއެންސީއަށް އެބައޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ދެން ވެރިކަމަށް ނާދެވޭނެ ކަމަށާއި ރާއްޖޭގެ ތާރީހުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާނެ ފުރަތަމަ ރައީސަކަށް ވާނީ ރައީސް ޑރ. މުއިއްޒު ކަމަށް ސަލީމް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާއިރު، މަޖިލިހުގެ ގޮނޑިތައް ލިބޭނެ އަދަދެއް އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ހުރިހާ އެންމެންނަށް ވެސް ހަމަހަމަވެގެން ދިއުން ކަމަށް ސަލީމް ވިދާޅުވިއެވެ. ހަގީގަތުގައި އިދިކޮޅު ފަރާތްތަކުން ވެސް ބޭނުން ވަނީ އެއް ދުވަހެއްގައި އިންތިހާބު ބާއްވަން ކަމަށް ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑުމެން މިކަން ކުރާތީ، އެމީހުން ދެކޮޅު ހަދަނީ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވީމަ، ހަރަދުތައް ކުޑަވުމުގެ އިތުރުން ރައްޔިތުން އެންމެ ބޭނުންވާނީ ވެސް މިގޮތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355