twitterviber whatsapp telegramfacebookyoutube instagram
20th April 2026

ނަޝީދުގެ ހުށަހެޅުމަށް ރައީސް ވިދާޅުވީ، އެއީ މެންޑޭޓުން ބޭރު ކަމެއްކަމަށް: ރައީސް

ނަބީލާ އިސްމާޢީލް
Apr 20, 2026

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފަ އެވެ. އެ ބަދަލުތައް ގެނައުމަށް މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރަށް ރައީސް ނަޝީދު އިއްޔެ ގޮވާލެއްވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްވަރާތަކުގައި ބައިވެރިވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރީ މި ސަރުކާރުންވީ ވައުދުތައް ފުއްދައި، ސަރުކާރުގެ ފަސް އަހަރުގެ މެނިފެސްޓޯގައިވާ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާއި އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.

"ބޮޑު ބަދަލު" ގެ ގޮތުގައި ގާނޫނުއަސާސީގެ އިތުރުން ވެރިކަމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ކުރީގެ ރައީސް ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި އެވެ.

އެ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355