twitterviber whatsapp telegramfacebookyoutube instagram
24th April 2026

ވެލީގައި ދިވެހި އެތްލީޓުން އުދުހެނީ، އަހްނާއަށް ޕާސަނަލް ރެކޯޑެއް

މުޙައްމަދު އަހުމަދު
Apr 24, 2026

މިހާރު ޗައިނާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ބީޗް އެތްލެޓިކްސްގައި ދިވެހި އެތްލީޓުން އުދުހޭއިރު ކުޅުދުއްފުއްޓަށް އުފަން އެތްލީޓު އަހްނާ ނިޒާރު އޭނާގެ ޕާސަނަލް ރެކޯޑް އާކޮށްފި އެވެ.

މިއަދު 60 މީޓަރު ސްޕްރިންޓް ހީޓްސްގައި ދުވެ އަހްނާ ވަނީ އޭނާގެ ޕާސަނަލް ބެސްޓްގެ ރެކޯޑް އާކޮށްފަ އެވެ. އޭނާ ވަނީ 7.81 ސިކުންތުން ރޭސް ނިންމާފަ އެވެ. ބީޗް އެތްލެޓިކްސްގައި 60 މީޓަރު ހީޓުގައި ވާދަކުރި އެހެން އެތްލީޓުންނަށް ބަލާލާއިރު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރޭސް ނިންމާފައިވަނީ 7.12 ސިކުންތުންނެވެ. އަދި އަންހެނުންގެ 60 މީޓަރުގައި ރާއްޖޭގެ އައިޝަތު ޝަބާ ސަލީމް ވެސް ވާދަކޮށްފައިވާއިރު އޭނާ ރޭސް ނިންމާފައިވަނީ 8.19 ސިކުންތުންނެވެ.

ރޭހަށްފަހު އޮލިމްޕިކް ކޮމެޓީއާ ވާހަކަ ދައްކަމުން ސާއިދު ބުނީ މިއަދުގެ ދުވުމަށް ވަރަށް ހިތްހަމަޖެހޭ ކަމަށާއި ވެލީގައި ދުވަން ޖެހުމުން ކުޑަކޮށް ތަފާތުކަމެއް އައި ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ ދުވަން ފެށިއިރު ވެލީގައި ދުވި ނަމަވެސް އެވެއްޔަށް ވުރެ މިވެލި މަޑުކަން ސާއިދު ފާހަގަކުރި އެވެ.

"ވަރަށް ތަފާތު ފީލްއެއް މިއައީ. ޓައިމިންއާ ދޭތެރޭ ހިތްހަމަޖެހޭ، ދުވުމާއި ދޭތެރޭ ހިތްހަމަޖެހޭ، ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް މިލިބިގެން ދިޔައީ" ސާއިދު އިތުރަށް ބުނެފައިވެ އެވެ. އަދި ރޭހަށް ޝަބާ ބުނީ މިއީ ވަރަށް ރަނގަޅު ތަޖްރިބާއެއް ކަމަށާއި ހާއްސަކޮށް އޭޝިއާގެ އެންމެ މޮޅެތި އެތްލީޓުންނާއެކު ދުވެ އަދި ވެލީގައި ދުވެލަން ލިބުނީމާ ވަރަށް މަޖާ އަދި އުފާވި ކަމަށެވެ. އަދި ދެން ކުރިއަށް އޮތް ރިލޭ ކަމަށާއި ރިލޭއަށް ޓީމަށް ކުރެވުނީ ރަނގަޅު ޓްރެއިނިންއެއް ކަމަށް ޝަބާ ބުންޏެވެ.

ރޭހަށްފަހު އަހްނާ ބުނީ ރޭސް ދިޔައީ ހީކުރި ވަރަށް ވުރެ ރަނގަޅަށް ކަމަށާއި 7 ސިކުންތުން ދުވެވޭނެ ކަމަށް ވެސް ރޭހުގެ ކުރިން ހީނުކުރާ ކަމަށެވެ. ދެން ކުރިއަށް އޮތް ރިލޭ އަކީ ފައިނަލަކަށް ވުމުން ރިލޭއިން ރަނގަޅު ނަތީޖާއެއް ނެރުމަކީ ކުރިއަށް ދެން އޮތް އަމާޒުކަމަށް ވެސް އަހްނާ ބުނެފައިވެ އެވެ.

މިއަހަރުގެ ބީޗް ގޭމްސްގެ މިހާތަނަށް ގިނަ ކުޅިވަރުތަކުން ދިވެހި ގިނަ އެތްލީޓުން އަންނަނީ މޮޅު ކުޅުމެއް ދައްކާ ކާމިޔާބީތައް ހޯދަމުންނެވެ. މިއަދުގެ ބީޗް ވޮލީބޯޅައިގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު ދެމެޗުގެ ނަތީޖާ ވެސް ދިޔައީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އަންހެން ދެ ޕެއާގެ މެޗުތައް ކުޅެވުނުއިރު ފުރަތަމަ މެޗުން ތައިލެންޑް އަތުން 2 - 0 ން ބަލިވިއިރު މެލޭޝިއާ އަތުން ދެވަނަ މެޗުން ބަލިވީ ވެސް 2 - 0 ންނެވެ.

ވޮލީ މެޗަށްފަހު ވާހަކަ ދައްކަމުން ވޮލީ ޓީމުގެ ރިޝްފާ ބުނީ މިއަދު ޖެހުނީ ތައިލެންޑްގެ ވަރަށް ރަނގަޅު ޕެއާއަކާ ދެކޮޅަށް ކަމަށާއި މިއަދުގެ ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އެއީ އިއްޔެގެ މެޗާ ބަލާފައި ހެދުނު ގޯސްތައް ވަރަށް ބޮޑަށް މިއަދު ރަނގަޅު ކުރެވިފައިވާ ކަމަށް އަދި މިހާ ބޮޑު ގޭމެއްގައި ވާދަކުރަނީ އަލަށް ކަމަށާއި މިއީ ވަރަށް ރަނގަޅު ތަޖްރިބާއެއް ކަމަށް ރިޝްފާ ބުނެފައިވެ އެވެ.

"އަނާއާއި އަރީއާ ދެމީހުންނަށް މިއަދު ޖެހުނީ މެލޭ ޓީމާ، ދެން ވަރަށް ވަރުގަދަ ޓީމެއް، ފުރަތަމަ ސެޓުގައި ވަރަށް ވަރުގަދަ ފައިޓެއް ދެވުނު ދެން އެކަމަކު ދެވަނަ ސެޓުގައި އެމީހުން އަޅުގަނޑުމެންގެ ގޭމް ރީޑްކޮށްގެން މޮޅު ކުޅުމެއް ދެއްކި" މެލޭޝިއާއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޕެއާގަައި ހިމެނޭ އަނާ މެޗަށްފަހު ބުނެފައިވެ އެވެ.

އަދި މިހާ ބޮޑު ގޭމެއްގައި މި ޕެއާ ހަދައިގެން އަލަށް ކުޅުނުއިރު އޭޝިއަން ބީޗް ގޭމްސް ކަހަލަ ބޮޑު މުބާރާތަކާ ބަލާފައި ޕްރެކްޓިސް ވެސް މަދުކަން އޭނާ ފާހަގަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355