ޖޯސޭ މޮރީނިއޯގެ އެނބުރި އައުމާއެކު ރެއާލް މެޑްރިޑުން އެކުލަބަށް ގިނަ ބަދަލުތަކެއް ގެންނަން އުޅޭކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.
އީއެސްޕީއެންއިން ރިޕޯޓުކުރިގޮތުގައި ރެއާލަށް ތައްޓެއް ނުލިބި ދެއަހަރުވެގެން ގޮސްފައިވާއިރު އެކަން ނިންމުމަށް މޮރީނިއޯ ކޯޗެއްގެ ގޮތުގައި އަނބުރާ ގެންނައިރު މަންޒަރުގެ ފަހަތުން ބޮޑެތި ބަދަލުތަކަކަށް ރެއާލުން އަންނަނީ ތައްޔާރުވަމުންނެވެ.
އަނގަބަހުން މޮރީނިއޯ މިހާރު ވަނީ އަލްވާރޯ އާބެލޯއާގެ ބަދަލުގައި 2 އަހަރު ދުވަހުގެ މުއްދަތަކަށް ރެއާލަށް ކޯޗުކަން ކޮށްދޭން އެއްބަސްވެފަ އެވެ. ކުލަބުން އަންނަ އާދިއްތަ ދުވަހު ނޫނީ ހޯމަދުވަހު ރަސްމީކޮށް މޮރީނިއޯގެ އެނބުރި އައުން އިއުލާނު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އީއެސްޕީއެންއިން ރިޕޯޓުކުރިގޮތުގައި ކުލަބުން އަންނަނީ ކޯޗިން، މެޑިކަލް ސްޓާފުންނާއި މުޅި ކުޅިވަރު ޑިޕާޓްމެންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިތުރު މީހުން ގެނައުމާއި ފޮނުވާލުމާއެކު ފުރަތަމަ ޓީމުގެ ސްކޮޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ކުލަބުގެ އިންތިހާބުތަކަށް ގޮވާލާފަ އެވެ. މި ހޮނިހިރު ދުވަހަށް މުައްދަތު ހަމަވާއިރު ކުރިމަގު އެނގޭނީ އިންތިހާބުގެ ނަތީޖާއިންނެވެ.
މީގެެއިތުރުންވެސް މޮރީނިއޯ ބޭނުންވަނީ އޭނާ މިހާރު ކޯޗުކޮށްދޭ ބެންފީކާގައި ތިބި އޭނާގެ ކޯޗިން ސްޓާފުން ގޮވައިގެން މެޑްރިޑަށް އަންނާށެވެ. އެއާއެކު ވަލްޑެބޭބަސްގެ ފުރަތަމަ ޓީމުގެ ސްޓާފުންނަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ.
އީއެސްޕީއެންއިން އިތުރަށް ރިޕޯޓުކުރިގޮތުގައި ފިޓްނެސް ކޯޗު އެންޓޯނިއޯ ޕިންޓަސް އަދި ގޯލްކީޕަރު ކޯޗު ލުއިސް ލޯޕިސް ވެސް އަންނަ ސީޒަނުގައި އެމީހުންގެ ރޯލުގައި ތިބެވޭނެ ކަމުގެ ޔަގީން ކަމެއް ނެތްކަމަށެވެ.
ކުލަބުގެ ސްޓާފުންގެ މެދުގައި ނުތަނަވަސްކަން އުފެދި ވަޒީފާ ގެއްލިދާނެކަމުގެ ބިރު ބައެއް ސްޓާފުންނަށް އޮތްއިރު ހުރިހާ މެމްބަރުން ވެސް ތިބީ އަންނާނެ ބަދަލުތަކަށް އިންތިޒާރުކޮށްގެންނެވެ. އަދި ގިނަ ޑިޕާޓްމެންޓްތަކެއްގައި ގިނަ އަދަދެއްގެ ސްޓާފުން މޮރީނިއާގެ އައުމާއެކު ބަދަލުވާނެ ކަމަށް ބައެއް ސްޓާފުންނަށް ބެލެވޭ ކަމަށެވެ.
މިވަގުތު ޖޯސޭ އެންހެލް ސަންޗޭޒް އަދި ޖޫނީ ކަލަފަޓްގެ ދަށުން ހިނގަމުން އަންނަ ސްޕޯޓިން ޑިޕާޓްމަންޓަށް ވެސް އާ ސީނިއާ ބޭފުޅެއް ހަމަޖެއްސުމަށް ވެސް ވާހަކަތައް ދެކެވިފައިވާކަމަށް ބުނެވޭއިރު އީއެސްޕީއެންއިން ރިޕޯޓުކުރިގޮތުގައި މޮރީނިއާ ވަނީ ބެންފިކާގެ ފުޓްބޯޅަ ޑިރެކްޓަރު މާރިއޯ ބްރާންކޯ ގެނައުމަށް ވެސް ބުނެފަ އެވެ. އެހެންނަމަވެސް ރެއާލުން އޮޕްޝަނެއްގެ ގޮތުގައި އޭނާ ނުބަލަ އެވެ.
މެޑްރިޑުން އަންނަނީ ކުޅުންތެރިންނާ އަދި ކޯޗިން ސްޓާފާއި ސީނިއާ އެކްސެކްޓިވުންނާއި ގުޅުވައިދޭނެ ފަރާތެއް ވެސް ހޯދަމުންނެވެ. ޓްރެއިނިންތަކުގައި ބައިވެރިވެ ކުޅުންތެރިންނާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށެވެ. މިމަގާމަށް ކުލަބުގެ ކުރީގެ ލެޖެންޑް އަދި މިޑްފީލްޑަރު ޓޮނީ ކްރޫސް އަންނަކަމުގެ އަޑުތައް އެރި ނަމަވެސް ކުލަބުން އަދި ކްރޫސްއަށް ހުށައެޅުމެއް ނުފޮނުވާކަމަށް މަސްދަރުތަކުން ހާމަވެ އެވެ.
މިދިޔަ އޭޕްރީލް މަހު އާ ސްޕޯޓިން ޑިރެކްޓަރެއް ނެގުމަށް ކުލަބުން މަސައްކަތް ކުރަމުން އަންނަކަމަށް ދެކެވުނު ވާހަކަތައް ދޮގު ކޮށް އެކުލަބުން ބަޔާނެއް ވެސް ނެރުނެވެ. އަދި ކުލަބުގެ ބައެއް މަސްދަރުތަކުން ހާމަވާ ގޮތުގައި ސަންޗޭޒްއާއި ކަލަފަޓްގެ މަގާމަށް މިކަމުން އަސަރެއް ނުކުރާނެ އެވެ.
މީގެއިތުރުންވެސް ރެއާލް މެޑްރިޑަށް ގިނަ ބަދަލުތަކެއް އަންނަން އުޅޭކަމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ.




