ޔޫރަޕުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބް ރެއާލް މެޑްރިޑުގެ ރައީސްއަކު ހޮވުމަށް އަންނަ އާދިއްތަދުވަހު ވޯޓުލުން ކުރިއަށް އޮއްވާ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކުލަބުގެ ތާރީހު ދުށް އެންމެ ބޮޑު ރެކޯޑް ޓްރާންސްފާގައި ސިއްރު ކުޅުންތެރިޔެއްގެ ސޮއި ހޯދާނެ ކަމަށް ވައުދުވެއްޖެ އެވެ.
މިވަގުތު ވެސް ރެއާލުގެ ރައީސަކަށް ހުރި އަދި އާދިއްތަ ދުވަހުގެ އިންތިހާބުގައި ވާދަކުރާ ޕެރޭޒް ވަނީ އެޓޭކިން ކުޅުންތެރިޔަކަށް 150 މިލިއަން ޔޫރޯގެ (130 މިލިއަން ޕައުންޑް) ޑީލެއް ހުށައަޅާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އެއީ ބަޔާންގެ ކޭން، އޮލީސޭ އަދި ސިޓީގެ ޖެރެމީ ޑޯކޫ ނޫންކަމަށް އޭނާ ބުންޏެވެ.
79 ވަނަ އަހަރުގެ ޕެރޭޒް ވަނީ އެއީ ސިޓީގެ ތަރި އާލިން ހާލަންޑެއް ވެސް ނޫންކަން ފާހަގަކޮށްފަ އެވެ. ޕެރޭޒް މިހެން ބުނެފައިވަނީ އިންތިހާބުގައި އޭނާގެ ވާދަވެރިޔާ އެންރީކޭ ރިކުއެލްމޭ ހާލަންޑް ރެއާލަށް ގެނެސްދޭނެ ކަމަށް ވައުދުވެފައިވަނިކޮށެވެ.
ހާލަންޑް ރެއާލަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ބުނެ ސިޓީން ބަޔާން ނެރުނުއިރު ސިޓީން އަންނަނީ ރިކުއެލްމޭއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދެމުންނެވެ.
ރެއާލަކީ މެމްބަރުން އަމިއްލަ ރައީސަކު ހޮވައިގެން ހިންގަމުން އަންނަ ކުލަބަކަށް ވާއިރު ކޮންމެ މެމްބަރަކު ވެސް އަހަރީ ފީއެއްގެ ގޮތުގައި 130 ޕައުންޑް ދައްކަ އެވެ. އަދި އާދިއްތަ ދުވަހު އެއް ލައްކައެއްހާ މެމްބަރުން ވޯޓު ލާނެ އެވެ.
ފުރަތަމަ ފަހަރަށް 2000 ވަނަ އަހަރު ޕެރޭޒް ރެއާލުގެ ރައީސްކަމަށް އައިއިރު ދުނިޔޭގެ ފެންވަރުގެ އަގުބޮޑެތި ކުޅުންތެރި ރެއާލަށް ގެނައުމަށް މަސައްކަތް ފެށި އެވެ. އޭގެ ތެރޭގައި ލުއިސް ފީގޯ، ޑޭވިޑް ބެކަމް އަދި ޒިދާން ވެސް ހިމެނެ އެވެ. 2006 ގައި ޕެރޭޒް އިސްތިއުފާ ދިންއިރު ރެއާލަށް ކާމިޔާބުކުރެވުނީ 2 ލީގު ތައްޓާއި އެއް ޗެމްޕިއަންސް ލީގެވެ. އަދި ނެރެވުނީ ދަށް ނަތީޖާ ތަކެކެވެ.
2009 ވަނަ އަހަރު އަލުން ރައީސްކަމަށް ކުރިމަތިލާ މަގާމަށް ހޮވުމަށްފަހު އޭނާއާ ވާދަކޮށްލެވޭ ވަރުގެ މީހަކު ނާންނައިރު އޭނާ ވަނީ 17 އަހަރުގެ ދެވަނަ ޓާމެއް ފުރިހަމަކޮށްފަ އެވެ.
މިވަގުތު ލީގުގައި ބާސެލޯނާއަށް ވުރެ 8 ޕޮއިންޓް ފަހަތުން ދެވަނައިގައި ރެއާލް އޮތްއިރު 2025-26 ގެ ސީޒަނަކީ ބޮޑު ތައްޓެއް ނުލިބި ރެއާލުން ނިންމާލި ދެވަނަ ސީޒަނެވެ. އަދި މިސީޒަނުގެ ފަހުކޮޅަށް ގޮސް ޕެރޭޒް ވަނީ ރެއާލުގެ ދުޝްމިނުންނާ ދެކޮޅަށް އަޑު އުފުލާ އަދި އޭނާ ރައީސްކަމުގައި ހުރުމުން ހިތްހަމަ ނުޖެހޭނަމަ އޭނާއާ ދެކޮޅަށް ނުކުމެ ރައީސްކަމަށް ވާދަކުރުމަށް ގޮވާލާފަ އެވެ.
އެއަށްފަހު އެންރީކޭ ރިކުއެލްމޭ ވަނީ ކުރިއަށް ނުކުމެ ޕެރޭޒްގެ މަގާމު ދިފާއުކުރުމަށް ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެލެންޖުކޮށްފަ އެވެ. އަލުން މަގާމަށް ހޮވޭނެ ކަމުގެ އުއްމީދުގައި ޕެރޭޒް ވަނީ ވޯޓުލާ ބޭފުޅުންނަށް ރެއާލްގެ ސްޓައިލުގެ ވަރުގަދަ ޓްރާންސްފާ ބިޑެއް ކުޅުންތެރިޔަކަށް ހުށައަޅާނެ ވާހަކަ މިދިޔަ ބުދަދުވަހު ބުނެފަ އެވެ.
"އަންގާރަ ދުވަހު ނޫނީ އެހެން ދުވަހެއްގައި، އަހަރެން ޗެމްޕިއަންސް ލީގު ކުލަބެއްގެ މޮޅު ކުޅުންތެރިޔަކަށް ޑީލެއް ހުށައަޅާނަން. މި ކުޅުންތެރިޔާއަށް ހުށައަޅާ ޓްރާންސްފާ ފީ ވެގެންދާނީ ރެއާލްގެ ތާރީހުގެ އެންމެ ބޮޑު ޓްރާންސްފާއަށް" ޕެރޭޒް ބުނެފައިވެ އެވެ،
މިކަމާ ގުޅިގެން ގިނަ ބަޔަކު ޕެރޭޒްއާ އެއީ ކޮން ކުޅުންތެރިޔެއް ކަމާއި ކިހާވަރެއްކަމަށް ސުވާލު އުފެއްދި އެވެ. އަދި ޕެރޭޒް ބުނެފައިވަނީ އޮލީސޭ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެންނަމަވެސް އޮލީސޭއެއް އަދި ޖެރެމީ ޑޯކޫ އެއް ވެސް ނޫންކަމަށް ބުނެފަ އެވެ. އަދި ގާތްގަނޑަކަށް 150 މިލިއަނުގެ ފާހަގަކޮށްލެވޭވަރުގެ ބޮޑު ޑީލެއް ހުށައަޅާނެ ކަމަށް ބުނެފަ އެވެ.
"މި ކުޅުންތެރިޔާ ވާން ޖެހޭނީ މިޑްފީލްޑްގައި ކުޅޭ އަދި ކުރިއަށް ދެވޭ ކުޅުންތެރިޔަކަށް އަދި މި ކުޅުންތެރިޔާއަކީ ހާލަންޑެއް ނޫން" ޕެރޭޒް ބުންޏެވެ. މީގެއިތުރުން ޕެރޭޒް ފާހަގަކުރިގޮތުގައި މިކުޅުންތެރިޔަކީ ޕްރިމިއާ ލީގަށް ކުޅޭ ކުޅުންތެރިޔެއް ނޫން ކަމަށާއި ފުރަތަމަ ކަމަކަށް ވާހަކަ ދައްކާނީ ކުލަބާ ކަމަށެވެ.
އަދި މި ޓްރާންސްފާ އަކީ މީހުންގެ މެދުގައި މަގުބޫލުކަން އުފައްދުމުގެ ބޭނުމުގައި ކުރާ ޓްރާންސްފާއެއް ކަމަށް ޕެރޭޒް ބުންޏެވެ. އަދި މީގެއިތުރުން ކުރިން ނިމިފައިވާ ޑީލްތަކުގެ ތެރޭގައި ހިމެނޭ ހޯސޭ މޮރީނިއޯއާއި ޑެންޒެލް ޑަމްފްރީސް އަދި އިބްރާހިމާ ކޮނާޓޭގެ މަސައްކަތް ވެސް އޭނާ އިންތިހާބުވެއްޖެނަމަ ފެށޭނެ ކަމަށް މެމްބަރުންނަށް ޕެރޭޒް ހަނދާން ކޮށްދިނެވެ.
މީގެއިތުރުން ކުރިން ޕެރޭޒް ބުނެފައިވަނީ އޭނާ 150 މިލިއަންގެ ޑީލް ހުށައަޅާ ކުޅުންތެރިޔާ އަކީ ބަޔާން އަދި ފްރާންސްގެ ތަރި މައިކަލް އޮލީސޭ އެއް ނޫންކަމަށެވެ. މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ނެރުނު ބަޔާނެއްގައިވާ ގޮތުން ޕެރޭޒް ވަނީ މިސީޒަނުގައި އަދި ހާއްސަކޮށް ރެއާލުން ބަޔާނަށް ދެކޮޅަށް ކުޅުނު މެޗުތަކުގައި އޮލީސޭގެ ކުޅުމާމެދު ލޯބި ޖެހިފައި ކަމަށެވެ.
މިދިޔަ މޭމަހު ބަޔާނުގެ އުލައި ހޮއެނެފް ބުނި ގޮތުގައި އެޓީމުން އޮލީސޭ ވިއްކާ ނުލާނެ އެވެ. އެކަމަށް އެއްވެސް ފުރުސަތެއް ނެތްކަމަށާއި 200 މިލިއަނަށް ވެސް އޮލީސޭ ވިއްކާ ނުލާނޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
އިތުރު ރިޕޯޓުތަކުން ބުނާގޮތުގައި ޕެރޭޒް މި ޑީލް ހުށައަޅާ ކުޅުންތެރިޔަކީ ޕޯޗުގަލް އަދި ޕީއެސްޖީގެ މިޑްފީލްޑަރު ޖޮއާއޯ ނެވޭސް އެވެ. ޖާނަލިސްޓް ޕެޕޭ އަލްވަރޭޒް ހާމަކުރިގޮތުގައި ޕެރޭޒް ހޮވިއްޖެނަމަ ޕީއެސްޖީގެ ތަރި ތާރީހީ ޓްރާންސްފާއެއްގައި ގެނައުމަށް ޕެރޭޒް ތައްޔާރެވެ.
ޕެރޭޒް ބުނެފައިވަނީ މީގެކުރިން އޭނާ ވާނީ ޒިދާން، ފީގޯ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކަކާ ފަދަ ކުޅުންތެރިން ރެއާލަށް ގެނެސްފައި ކަމަށާއި 150 މިލިއަނުގެ ބިޑް މިފަހަރު ވެސް ހުށައަޅާނީ އެ ލެވެލްގެ ކުޅުންތެރިޔަކަށް ކަމަށެވެ.