މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދަރީންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެނީ އަހަރެމެން މި ދުނިޔެއަށް ގެނެސް ހެޔޮގޮތުގައި ބަލައިބޮޑުކުރުމަށް އެ ދެމީހުން އުފުލާ ބުރައަކީ އޭގެ ބަދަލުދެވޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. ހަމަ އެހެންމެ ހެޔޮ ތަރުބިއްޔަތެއްގައި ބޮޑެތިވާ ދަރީން ހަރުމީހުންނަށްވެ ދުނިޔޭގައި ފެތުރިގަންނަ ހިނދު، އެ ދަރީން މައިންބަފައިންނަށް ހެޔޮކޮށްހިތައި އަޅައިލާނެކަމުގެ ޔަޤީންކަން މައިންބަފައިންގެ ހިތްތަކުގައި އޮތުމީ އެމީހުންގެ މައްޗަށް ވެސް އޮތް ކަމެކެވެ. އެހެނީ ދަރީންނާ މެދު އެ ޔަޤީންކަން ބާއްވައި އެކަމަށް ހިތްހަމަޖެހުމަކީ ދަރީން ބޮޑެތިވުމަށް ފަހު އެ ދަރީންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުމުގެ ހަރުދަނާކަމާއި ގާތްކަމުގެ މީޒާނެވެ.
ދަރިއެއް ހޯދުމަށް ފިކުރުކުރެވޭ ހިސާބުން ފެށިގެން މައިންބަފައިން އެ ދެމީހުންގެ ދިރިއުޅުމުގެ މަގުޗާޓު އަލުން ކުރަހައެވެ. އެމީހުންގެ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ އެހެނިހެން ލަނޑުދަނޑިތަކާއި ކަންކަން މަޑުޖައްސާލައި، ދަރިފުޅުގެ ކަންކަން އެންމެ އިސްކަމެއްދީގެން ތަރުތީބުކުރެއެވެ. އެ ދަރިފުޅަށް ރަނގަޅު ކާނާ އާއި އަންނައުނާއި އަރާމު ތަންމައްޗަކާއި ހެޔޮ ތަޢުލީމަކާއި، މިހެން ގޮސް ދަރިއެއް ބޮޑުކުރުމަށް ފުދެންޖެހޭ އެތައް ކަންކަމެއް ފުރިހަމަކުރުމަށް އެ މީހުންގެ ފައިސާ އާއި ވަގުތާއި އަރާމު ޤުރުބާންކުރާން ފަށައެވެ.
މާބަނޑުވީއްސުރެ ކިރުތުނބުން ވީއްލެންދެން މަންމަ އުފުލާ ބުރައަކީ ނިކަމެތިކަމުގެ މައްޗަށް ބަލި ނިކަމެތިކަމެކެވެ. ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ މައިމީހާއަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އުނދަގޫ ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެހެންނަމަވެސް އެ ބަދަލުތަކަށް އެ މަންމަ އެއްވެސް ޝިކާޔަތެއް ނެތި ކެތްތެރިވަނީ އޭގެ ނިހާޔަތުގައިއެވެ. އަދި ވިހެއުމުގެ ހައިޖާނަށް ފަހު ކިރުތުނބުން ވީއްލުމާ ހަމައަށް އެ މައިމީހާ މެދުކެނޑުމެއްނެތި ތަހައްމަލުކުރާ ކަންކަމަކީ ވެސް އޭގައި ނަފުސާނީ އަދި ޖިސްމާނީ އެތަކެއް ވޭނެއް ހިމެނޭ ބޮޑު ޤުރުބާނީއެކެވެ.
އަދި ހަމަ އެ މުއްދަތުގައި މަންމައިންގެ ބެލެހެއްޓުންތެރިޔާގެ ހައިސިއްޔަތުން ބައްޕައިން އުފުލާ ބުރައަކީ ވަކިން ކުޑަ ބުރައެއް ނޫނެވެ. ރައްބައިތުލް ބައިތު، އާދެ! ގޭގެ ރާނީ އުފުލާ ކޮންމެ ބުރައަކީ، ކޮންމެ ވޭނަކީ އޭގެ އަސަރު ފިރީންނަށް ކުރާނޭކަމެކެވެ. މާބަނޑުވީއްސުރެ ވިހެއުމާ ހަމައަށް ޖިސްމާނީ އަދި ނަފުސާނީގޮތުން އެ މަންމަ ބަރުދާސްތުކުރާ ހުރިހާ ވޭނެއް ލުއިކޮށްދޭން އެންމެ ގާތުގައި ހުންނަނީ ބައްޕައެވެ. އަދި މަންމަ އާއި ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމާއި އެ ދަރިފުޅުގެ ތަރުބިއްޔަތާއި ދިރިއުޅުމުގެ ޚަރަދުބަރަދާ ދޭތެރޭ އެންމެ ހިނދުކޮޅެއް ވެސް ދޫކޮށްނުލައި ފިކުރު ހިންގައި، އެ ކަންކަން ހާސިލުކުރުމަށް ޢަމަލީ ގޮތުން އެންމެ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކީ ބައްޕައިންނެވެ. އެހެންކަމުން އަނބިމީހާ މާބަނޑުވީއްސުރެ ވިހެއުމާއި އަދި އޭގެ ފަހުގެ މުއްދަތުގައި ފިރިންނަށް ވެސް ޖިސްމާނީ ގޮތުން އަދި ނަފުސާނީގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ. އެހެނީ ކައިވެންޏަކަށް ފަހު ހަމަ އެކަނި އަނބިމީހާގެ ގޮތުގައި ހުރި މީހާ މަންމައަކަށްވެ އެ މަންމަގެ ހުރިހާ ވަގުތަކާއި ސަމާލުކަމެއް ތުއްތު ދަރިފުޅަށް ދޭންޖެހޭ ހިސާބުން، ޒަވާޖީ ޙަޔާތަށް އަންނަ ބާނީގައި މިސްރާބު ހެޔޮކުރުމުގެ އެންމެ ބޮޑު މަސްޢޫލިއްޔަތެއް އެޅެނީ ފިރިންގެ ބޮލުގައިއެވެ. އަލަތު ދަރިއެއް ނަމަ އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތި، ޒަވާޖީ ޙަޔާތާއި ދަރިފުޅުގެ ޙަޔާތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަދި އިތުރުވެގެންދެއެވެ. ފިރިމީހާ، ބައްޕައެއް ހައިސިއްޔަތުން މި ބޮޑު މަސްޢޫލިއްޔަތު އުފުލާއިރު ނަފުސާނީގޮތުން އޭނާއަށް ކުރާ އަސަރުތަކާއި އަންނަ ބަދަލުތަކުގެ ވާހަކައަކީ މުޖުތަމަޢުގައި ނުދައްކާ އަބުއި ވާހަކަތަކެއް ކަމުން، ދަރިންނަށްޓަކައި ބައްޕައިންގެ ހިތުގައި ހިނގާ އިހުސާސްތަކާއި ވާ ޤުރުބާނީތަކަކީ ގިނަފަހަރަށް މައިންނަށް ވެސް އަދި ދަރީންނަށް ވެސް އަންދާޒާ ނުކުރެވޭ އަދި ނޭނގޭ ވާހަކަތަކެކެވެ.
އެހެންކަމުން ކީރިތި ﷲ މައިންގެ ޤަދަރު އުފުއްލަވައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވަނީ އެ ދެމީހުން އެވާ އަގުނުކުރެވޭ ބޮޑު ޤުރުބާނީއަށްޓަކައެވެ. وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍۢ وَفِصَـٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ ) لقمان 14) މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ."
މި އާޔަތާ މެދު ފުންކޮށް ވިސްނާ އިރު މައިން އުފުލާ ބުރަ ނުހަނު ފުރިހަމައަށް ދެ ލަފުޒަކުން އެ ވަނީ އަންގަވައިދެއްވާފައެވެ. حمل މި ލަފުޒުން ބުނެދެނީ ބަލިވެއިނުމަށް ފަހު މައިމީހާ ބަނޑުގައި އުފުލާ ދަރިފުޅުގެ ބުރަދަނެވެ. އަދި وهن މި ލަފުޒުން ބުނެދެނީ އެކަމުން މައިމީހާއަށް ކުރާ އަސަރެވެ. މަލާއިކަތުން ކީރިތި ﷲގެ އަރުޝިކޮޅު އުފުއްލަވައި ގޮތް ހާމަކުރެއްވުމަށް އަލް ޙާއްޤާ ސޫރަތުގެ 17 ވަނަ އާޔަތުގައި ވެސް ބަޔާންކުރައްވާފައިވަނީ ހަމަ حمل މި ލަފުޒެވެ. އެހެންކަމުން މި އާޔަތުގައި މައިމީހާގެ ބަނޑުގައި ދަރިފުޅު އުފުލާ އުފުލުމަށް حمل އޮތުމުން އެނގިގެންދަނީ، ގަރުބަގަތީއްސުރެ މައިމީހާ އެ އުފުލަނީ މި ޒަމާނުގެ ޕްރެގްނެންސީ އެޕްތަކުން އަޅައިކިޔަން ދައްކާފައި ހުންނަ ފަދަ ސްޓްރޯބެރީ އޮށެއް، ބްލޫބެރީއެއް ނުވަތަ އާފަލެއްގެ ސައިޒުގެ މަސްކޮޅެއް އެކަނި ނޫންކަމެވެ. ﷲ ތަޢާލާ އެކަލާނގެ އަރުޝިކޮޅު އުފުއްލަވާ ގޮތް ބަޔާންކުރެއްވުމަށް ވަޙީކުރެއްވި ލަފުޒު، މައިމީހާ އޭނާގެ ބަނޑުގައި ދަރިފުޅު އުފުލާއުފުލުން ބަޔާންކުރެއްވުމަށް ގެންނަވާފައި ވުމުން، އެކަމުގެ ބޮޑުކަމާއި ބުރަކަން ނިކަން ތަޞައްވަރުކުރައްވާށެވެ. އެއީ ކުޑަ "ބޭބީ ބަންޕެއް" ނޫނެވެ. އެހެނެއްކަމަކު އެއީ ﷲ ގެ ހަޟުރަތުން ފުރާނައަޅުއްވައި ހަވާލުކުރައްވާފައިވާ މުޤައްދަސް އަމާނާތެކެވެ. އެއީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށް ލެއްވެވި އިންސާނާ މި ދުނިޔެއަށް އުފަންކުރުމަށް މައިން އެ އިންސާނާ އުފުލާއުފުލުމެވެ.
ދެން އޮތީ މައިމީހާއަށް އެކަމުން ކުރާ އަސަރެވެ. وهن، އާދެ! ބަލިކަށިކަމެވެ. ވަރުދެރަކަމެވެ. ދަރިފުޅުގެ ހެދިބޮޑުވުމަށް މައިމީހާގެ ހަށިގަނޑުގެ ކައްޓާއި ލެޔާއި އެ ލޭގައި ދަތުރުކުރާ ކާނާއިން ވާ ޤުރުބާނީއެވެ. އެއީ އެއްފަހަރަކުން އެ ހަށިގަނޑަށް ބަލިކަށިކަމެއް ލިބި ނިމޭ ކަމެއްނޫނެވެ. ﷲ އެކަން ބަޔާންކުރައްވާފައިވަނީ وَهْنًا عَلَىٰ وَهْنٍۢ ، "ބަލި ނިކަމެތިކަމުގެ މައްޗަށް ބަލި ނިކަމެތިކަމެއް" ގެ ގޮތުގައިއެވެ. އާދޭހެވެ! މާބަނޑުވުމުން ފުރަތަމަ މަހުގެ ވަރުދެރަވުމާއި ނިކަމެތިކަން އެ މަސް ވެއަތުވުމުން ނިމެނީއެއް ނޫނެވެ. އެ ތަކުލީފުގެ މައްޗަށް އެ މައިމީހާ ކުރިމަތިލަނީ ދެވަނަ މަހުގެ ބަލި ނިކަމެތިކަމާއެވެ. އަދި އޭގެ މައްޗަށް ތިން ވަނަ މަހުގެ ބަލި ނިކަމެތިކަމާއެވެ. އެގޮތަށް ނުވަމަސްވެ ވިހެއުމާހަމައަށް އެ ބަލި ނިކަމެތިކަން ފަށްފަށްވެ އިތުރުވެގެންދެއެވެ. މޭނުބައި ކުރުމުންނާއި ހޮޑުލެވުމުންނެވެ. ބުރަކައްޓާއި ގައިގައި ރިއްސުމުންނެވެ. ނޭވާކުރުވުމާއި ގުނަވަންތައް ފިތުމުންނެވެ. ރޭނގަޑުގެ ނިދިން މަހުރޫމު ވުމާއި އަދިވެސް އަދިވެސް އެތަކެއް އެތަކެއް ބަލި ނިކަމެތިކަމެކެވެ. ދެން އެއަށް ފަހު އެކަނލާންގެ ވަޙީކުރައްވަނީ "އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައި" ކަމެވެ.
ސުބްޙާނަﷲ އެވެ! ކޮންފަދަ ބޮޑު އަދި އެހާމެ ބުރަ ޤުރުބާނީއެއްތޯއެވެ. ބަލިވެއިނީއްސުރެ ކިރުތުނބުން ވީއްލެންދެން ހޭދަވާ މައިމީހާގެ ޙަޔާތުގެ 3 އަހަރު އެއީ އޭނާގެ ހަށިގަނޑު ތުއްތު ދަރިފުޅަށްޓަކައި އެކީއެކަށް ޤުރުބާންކޮށްގެން އިންނަ 3 އަހަރެވެ. އަދި އެހިސާބުން ވެސް މައިންބަފައިން ދަރިންނަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް ކުރާ މަސައްކަތަކީ ލިޔެ ކޮޅުންނުލާހާ ގިނަ މަސައްކަތްތަކެކެވެ. އެހެންކަމުން މައިމީހާ އުފުލާ ބުރަ ބަޔާންކުރެއްވުމާ ވިދިގެން، ހަމަ އެ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަނީ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ "ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ!". މައިންބަފައިންނަށް ޝުކުރުވެރިވެ އިޙްސާންތެރިވުމަށް އަންގަވާފައި އެވަނީ އަހަރެމެން ހެއްދެވި ﷲ، އެކަލާނގެއަށް ޝުކުރުވެރިވުމާއި އެކުއެކީ އެއް އާޔަތުގައިއެވެ. އެކަލާނގެއަށް ޝުކުރުވެރިވެ އެއަށްފަހުއެއް ނޫނެވެ. އެހެނެއްކަމަކު ޝުކުރުވެރިވާން އެ އަމުރުކުރައްވަނީ އެކަލާނގެ އާއި މައިންބަފައިންނަށް އެކުއެކީއެވެ. އެއީ އެކަމަށް ދޭންޖެހޭ އަހައްމިއްޔަތުކަމުގެ ބޮޑުކަމަށްޓަކައިއެވެ.
އެހެންކަމުން މައިންބަފައިން މުސްކުޅި އުމުރަށް ފޯރައްޖެނަމަ، އެމީހުންނަށް އިޙްސާންތެރިވުމަކީ އެކަމުގައި އެއްވެސް ދެބަސްވުމެއްނެތި ދަރީން އަދާކޮށްދޭންޖެހޭ ވާޖިބެކެވެ. އަދި ދުނިޔެ ދައްކާ ނަޔާ ޙަޤީޤަތަކީ ވެސް މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ހެޔޮ ތަރުބިއްޔަތަކާ އެކު ބޮޑެތިވާ ދަރީން އުފަލާއެކު ކޮށްދޭ ކަންތައްތަކެއްކަމެވެ. އެހެންނަމަވެސް ދަރީންނާ މެދު އެ ޔަޤީންކަން ނޯންނަ މައިންބަފައިން މަދުން ނަމަވެސް ދިވެހި މުޖުތަމަޢުން ފެންނަކަމީ ހިތާމަކުރާންޖެހޭ، އަދި އެކަމުން ޢާއިލީ ގުޅުންތަކަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރާ އާފާތެކެވެ.
ދަރީން ބޮޑެތިވުމަށް ފަހު ކައިވެނިކޮށް ފަށާ ދިރިއުޅުމަކީ ވަކި ދިރިއުޅުމެކެވެ. އެއީ އެ ދަރީންގެ ދުނިޔެވީ އިމްތިޙާނެވެ. އެއީ އެ ދަރީން ލިބި ބަލައިބޮޑުކޮށް މީހުންނަށް ހެދުމަށް ހަމަ އެ މައިންބަފައިން ވެސް ދަތުރުކުރި ދިރިއުޅުމެވެ. އެހެންކަމުން ދަރިފުޅު ބޮޑުވުމަށް ފަހު، އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭނީ އޭނާގެ އަމިއްލަ ޙަޔާތަށެވެ. އޭނާގެ އަމިއްލަ ޢާއިލާއަށެވެ. އެ ޢާއިލާއަކީ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި އޭނާގެ ދަރީންނެވެ. އެހެނީ އިސްލާމް ދީނުގައި އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކަކީ އެކަމަށްޓަކައި ގިނަ ވަގުތުތަކެއް ކެތްތެރިކަމާއެކު ހޭދަކުރާންޖެހޭ ކަންކަމެވެ. އަދި އިސްވެ ދެންނުވުނު ފަދައިން ދަރިން ހޯދައި، ތަރުބިއްޔަތުކުރުމުގެ މަސްޢޫލިއްޔަތަކީ ނުހަނު ބޮޑު މަސްޢޫލިއްޔަތެކެވެ. އެހެންނަމަވެސް މައިންބަފައިން ލޯބިން ބަލައިބޮޑުކުރާ ދަރިފުޅު ތަސައްރަފުފުދުމަށް ފަހު، އެ މައިންބަފައިންނާ ވަކިން އެހެން ދިރިއުޅުމެއްގައި މަޝްޣޫލުވެގެން އުޅުމަކީ ބައެއް ފަހަރަށް އެ މައިންބަފައިންގެ ހިތްތަކަށް އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމަކަށް އޮންނަނީ ވެފައިއެވެ.
ދަރީން ތިމާ ދޫކޮށްލީ ކަމަށާއި، ފޯނުން ގުޅައި ހާލުއަހުވާލު އެހުމަށް ހޭދަކުރާ ވަގުތު މަދުވެއްޖެކަމަށާއި، އެއީ އެ ދަރީންގެ އަނބިން ނުވަތަ ފިރިންނާ ހެދި އައި ބަދަލެއްކަމަށާއި، ތިމާމެން ދެމަފިރިންނަށް ފެންފުރަން މި އުޅެވުނީ ފޫނެއް ފަޔަކުން ކަމާއި، މުސްކުޅިވެ ބަލަން ޖެހިއްޖެ ނަމަ އެކަނިވެ، އެއްވެސް ދަރިއެއްގެ ފުށުން އެހީތެރިކަމެއް ނުލިބޭނެކަން ފަދަ ޚިޔާލުތަކަކީ މުސްކުޅި އުމުރުގައި ބައެއް މައިންބަފައިންނަށް ކުރެވޭ އިހުސާސްތަކެކެވެ. އަދި މި އިހުސާސްތަކާއި ހީވުންތަކުގެ ސަބަބުން އެ މީހުންގެ މުސްކުޅި އުމުރުގެ ބޮޑު ބައެއް ނަފުސާނީ ބަލިމަޑުކަމެއްގައި ހޭދަކުރާންޖެހޭ ތަން ވަރަށް ގިނަ ފަހަރަށް އާދެއެވެ. އަދި ދަރީން ކޮށްދޭ ހެޔޮކަންކަމަށް ހިތް ނުފުރި، އެކަންކަމުގެ ޝަކުވާ އާއި ނުނިޔަތްލެވުމުގެ ވިސްނުންތަކުގައި ގިނަ ވަގުތުތަކެއް ހޭދަކުރެވޭތަން އާދެއެވެ. މިކަމުގެ ސަބަބުން ޢާއިލާތަކުގައި ރެނދުލައި، ދަރީންނާ ދެމެދު އޮންނަ ގުޅުމުގައި ބީރައްޓެހިކަން އަށަގަނެގެންދެއެވެ. އަދި މައިންބަފައިން ދަރިންނަށް އިތުބާރުނުކުރާކަމުގެ ހިތާމަވެރި އިހުސާސް އެ ދަރީންނަށް ވެސް ކުރެވި، މައިންބަފައިންނަށް 'އުއްފު' ބުނެވޭތަން އާދެއެވެ.
ކަންމިހެން އޮތުމުން، އުމުރުން ދުވަސްވަމުން ދާވަރަކަށް ވަރުދެރަވުމާއި، ކުރިން ކުރެވޭ ކަންކަން ނުކުރެވުމާއި، ލޯބޯ ކޮށިވުމާއި، ޒަމާނާ އެކު އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ފައިހަމަކުރުމަށް ނުކުޅެދުމާއި، ނިދި މަދުވުން ފަދަ އެތަކެއް ކަމެއް ޖިސްމާނީ އަދި ނަފުސާނީ ގޮތުން ދިމާވަމުން ދާދިއުމުގައި، ދަރީންގެ މައްޗަށް މިފަދަ ދެރަވަރު ގޮތަކަށް ހިތެވުމަކީ ޝައިތާނާގެ ފުށުން އަންނަ ވަސްވާސްކަން މައިންބަފައިން ދަންނަންޖެހެއެވެ. އެއީ މުސްކުޅި އުމުރުގެ އިމްތިޙާނެއްކަން ހަނދާންކުރަން ޖެހެއެވެ. ތެދެކެވެ. ތިމާގެ އެތަކެއް ވަގުތަކާއި ހަކަތެއް ހޭދަކޮށް ތިމާގެ މުޅި ދިރިއުޅުމަކީ އެ ދަރީންކަމުގައި ދެކިގެން ބޮޑެތިކުރާ ދަރީން، އެ މީހުންގެ ހުރިހާ ވަގުތެއް ތިމާއަށްޓަކައި ވެއަތުކުރުމަށް އެދެވުމަކީ އިންސާނީ ތަބީއަތުގެ ބައެކެވެ. އެހެނެއްކަމަކު ތިމާގެ ޒުވާން ދައުރު އަމިއްލަ ދިރިއުޅުމަކައިގެން ހޭދަކުރިގޮތަށް، ތިމާގެ ދަރީން ވެސް އެ ދިރިއުޅުން އުޅޭނެކަމީ ދުނިޔޭގެ އާދަކަން މައިންބަފައިން ދެނެގަންނާންޖެހެއެވެ. އެއީ އެ ދަރީން މައިންބަފައިން ބޮލާލައި ޖަހަނީ ނޫންކަން ޤަބޫލުކުރާންޖެހެއެވެ.
މުސްކުޅި އުމުރަށް ފޯރާއިރު ދަރީންނާމެދު އޮންނަ ޔަޤީންކަން ބަލިކަށިކުރުމަށް ޝައިތާނާގެ ފަރާތުން ކުރިމަތިވާ ވަސްވާސްތަކުން ދުރުހެލިވުމަށްޓަކައި އަޅާންޖެހޭ ބިންގާ އަޅާންޖެހެނީ ދަރީންގެ އެންމެ ތުއްތު އުމުރުން ފެށިގެން އެ ކުދީން ތަރުބިއްޔަތުކުރުމުގެ ތެރެއިންނެވެ. އެގޮތުން ކުދީންގެ އުމުރާ ގުޅޭ ގޮތަށް ދީނީ ޢިލްމު އޮޅުން ފިލުވައިދީ މައިންބަފައިންނަށް އިޙުސާންތެރިވުމުގެ މުހިއްމުކަން އުނގަންނައިދޭންޖެހެއެވެ. މައިންބަފައިންނަކީ، ދަރީން ހެދިބޮޑުވަމުން އަންނައިރު ދިމާވާ ކޮންމެ ކަމެއްގައި ވެސް އެއްވެސް ހިފެހެއްޓުމެއް، ވަންހަނާކުރުމެއް އަދި ބިރުގަތުމެއް ނެތި ވާހަކަދައްކައި ޚިޔާލުބަދަލުކުރެވޭނޭ ބައެއްކަން އެ ކުދީންނަށް ކިޔައިދީ، ޢަމަލީގޮތުން އެކަންކަން ދައްކައި ދަރީންނާއެކު އެކަންކަން ތަޖުރިބާކުރަން ޖެހެއެވެ. މިޒަމާނުގެ ގޮތަށް ބުނަނީ ނަމަ މައިންބަފައިންނަކީ ދަރީންނަށް ''ސޭފް ސްޕޭސް'' އެއްކަން އެކުދީންނަށް ތަޖުރިބާކުރެވެންޖެހެއެވެ. މީގެ އިތުރުންވެސް އެއްވެސް ފޮރުވުމެއް ނެތި ދުނިޔެ ހިނގާ ހަޤީޤަތްތައް ދަރީންނަށް ކިޔައިދީ އެ މަޢުލޫމާތުތައް ފޯރުކޮށްދޭ ވަސީލަތަކީ މައިންބަފައިންނަށް ވާންޖެހެއެވެ. މިފަދަ ހެޔޮ ތަރުބިއްޔަތެއްގައި ދަރީން ބޮޑެތިކުރުމަށް ފަހު ދެން އޮތީ ﷲއަށް ވަކީލުކޮށް އެ ދަރީންގެ ކަންކަން އެކަލާނގެ ވަޖުހުފުޅަށް ދޫކޮށްލުމެވެ. އަދި ދަރީން ތަރުބިއްޔަތުކުރުމުން އަތްވީއްލާލައި މައިންބަފައިންގެ ރޯލުން ނުކުތުމެވެ.
ދަރީން ބޮޑެތިވުމުން ދެމަފިރިއަކު މައިންބަފައިންގެ ގޮތުގައި ހޭދަކުރަންޖެހޭ ދުވަސްތަކަށް އަޞުރުވީއެވެ. ދެން އޮންނާނީ ދަރީން އެދިއްޖެ ހިނދެއްގައި އެކުދީންނަށް ކަންކަމުގައި ލަފާދީ، އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެހެންނަމަވެސް، އެންމެ ދަރިއަކު ހުންނަ މައިންބަފައިންގެ އުމުރުން މަދުވެގެން ފަންސަވީހަކަށް އަހަރު އަދި ގިނަ ދަރީން ތިބޭ މައިންބަފައިން އެމީހުންގެ ހަޔާތުގެ އެޔަށް ވުރެ ވެސް ގިނަ އަހަރު ދަރީންގެ ކަންކަމަށް އެކޮށް ހުސްވެ ތިބުމަށްފަހު، އެ ރޯލުން އަތްވީއްލާލުން ވެފައިވަނީ އުނދަގޫކަމަކަށެވެ. އަދި އެޔާއެކު ލިބޭ ހުސްވަގުތުތައް ހެޔޮކަންކަމުން އިޙްޔާނުކުރެވޭ ނަމަ، ކުރިން ދެންނެވިފައިވާ ވަސްވާހާއި ޝައްކުތަކުގެ ނައްސި ބުރުގެ ތެރެއަށް ދަމައިގަތުން އޮންނާނީ ނުހަނު ގާތުގައިއެވެ. އެހެންކަމުން މުސްކުޅި އުމުރުގެ ދުވަސްތައް ދެމަފިރީން އެކަކު އަނެކަކާއެކު ގިނަ ވަގުތު ހޭދަކުރާ ދުވަސްތަކަކަށް ހަދާންޖެހެއެވެ. ދަރީން ބޮޑެތިކުރުމުގައި ދެމަފިރީންނަށް ގެއްލުނު ވަގުތުތަކާއި އުފާވެރިކަން އަލުން ހޯދައިގަނެ، ޒަވާޖީ ޙަޔާތުގެ މާމުއިހަނދުގެ ދުވަސްތައް އިއާދަކުރުމަށް މަޝްޢޫލުވާންޖެހެއެވެ. މީގެ އިތުރުން، ކަސްރަތާއި އަޅުކަންތަކަށް އިތުރު ޖޯޝަކާއި ފޯރިއެއް ގެނުވާންޖެހެއެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހި ރަޙުމަތްތެރިންނާ ބައްދަލުކުރާ ވަރު އިތުރުކޮށް، ހީނސަމާސާކޮށް ސަކަރާތްޖެހުމާއި، މައިޒާންތަކަށް ނުކުމެ ވަގުތު ހޭދަކުރުމަށާއި ރެސްޓޯރެންޓުތަކަށް ކާލަން ދިއުމަށް އިތުރު ހިތްވަރެއްލާން ޖެހެއެވެ. ހުސްވަގުތުގައި ކުރުމަށް ޒުވާން ދުވަސްވަރު އުންމީދު ކުޅަ ކަންކަން ކުރުމަށް ވެސް ފަހި ފުރުސަތުތަކެއް ހޯދުމަށް މަސައްކަތްކުރާން ޖެހެއެވެ. ވާހަކަ ކިއުމެވެ. ދީނީ މަޢުލޫމާތުތައް އެއްކޮށް ހޯދައިގަތުމެވެ. މުނިފޫހިފިލުވުމަށް ފިލްމެއް ބަލާލުމެވެ. އަދަބިއްޔާތަށް ޝައުޤުވެރިކަން ހުންނަ ނަމަ އެކަމެވެ. އަތްތެރި މަސައްކަތްތައް ނުވަތަ ކާއެއްޗެހި ތައްޔާރުކުރުމަށް ފޯރިހުންނަ ނަމަ އެކަމެވެ. ނުވަތަ ގަސް ހެއްދުން ވެސްމެވެ. އަދި ހަމަ އެހެންމެ މާމަ ކާފަ ދަރީންނާ އެކު ބައެއް ވަގުތުތައް ހޭދަކޮށްލުން ވެސް މެއެވެ. މިފަދަ އުފެއްދުންތެރި ކަންކަމާއި މުނިފޫހިފިލުވުމާއި ކަސްރަތާއި އަޅުކަމުގެ ކަންކަން ކުރުމަށް ހަރުއުމުރާއި މުސްކުޅި އުމުރުގެ ވަގުތުތަކާއި ދުވަސްތައް ތަރުތީބުކުރެވޭނަމަ އެއީ ކޮންފަދަ ބޮޑު ނަސީބެއްތޯއެވެ. ހަށިގަނޑާއި ސިކުނޑިއަށް ލިބޭ ކޮންފަދަ ބޮޑު އަރާމެއްތޯއެވެ. މިކަންކަން ކުރުމަށް ދަރީން ވެސް މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ މީހުންނަށް ކޮށްދެވޭނޭ ނުހަނު ބޮޑު ހެޔޮކަމެކެވެ.
މައިންބަފައިންގެ މުސްކުޅި އުމުރު ދުޅަހެޔޮގޮތެއްގައި ވެއަތުކުރުމަށް ހިތްވަރު ދިނުމަކީ އެމީހުންނަށް އިޙްސާންތެރިވުމުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއްކަން ދަރީން ވެސް ދަންނާންޖެހެއެވެ. ކޮންމެ މަޔަކު ވެސް އަދި ބަފަޔަކު ވެސް އެ މީހުންގެ ދަރީންނާ ޤަވާއިދުން ވާހަކަ ދައްކާލައި ހީނ ސަކަރާތް ޖަހާލަން ބޭނުންވާނެކަން ދަނެ، ތިމާގެ ބުރަ ހަޔާތުން ކޮންމެ ދުވަހަކު ވެސް ވަގުތު ކޮޅެއް އެ ދެމީހުންނާއެކު ހޭދަކޮށްލުމަށް އިސްކަމެއް ދޭންޖެހެއެވެ. ބައްދަލު ނުކުރެވޭ ދުވަސްތަކުގައި ފޯނުކޮށްލައިގެންނެވެ. ނޫނީ 'ސްނެޕް' އެއް ނުވަތަ މެސެޖެއް ނަމަވެސް ކޮށްލައިގެންނެވެ. އަދި ތިމާގެ މައިންބަފައިންނާ އެކު އުފާވެރި ވަގުތު ހޭދަކުރާކުރުމުގައި ތިމާގެ ދަރީން ވެސް ޝާމިލުކުރުމަކީ އެ ކުދީންނަށް ދެވޭނެ ހެޔޮ ތަރުބިއްޔަތެކެވެ. އަދި މައިންބަފައިން އެމީހުންގެ މުސްކުޅި އުމުރުގައި ކަސްރަތާއި ހިތް އުފާކުރުމުގައި މަޝްޣޫލުކުރުވުމަށް ހިތްވަރުދީ އެކަންކަން ހަނދާންކޮށްދޭން ޖެހެއެވެ.
އެހެންކަމުން ދަރީން މައިންބަފައިންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރިވުމުގެ އިތުރުން، ދަރީން ބޮޑެތިވުމަށް ފަހު އެ ކުދީންނާ މެދު ހެޔޮކޮށް ދެކުމަކީ މިއަދުގެ ދަރީންނާއި މައިންބަފައިން އަލުން ދަސްކުރާންޖެހިފައިވާ ދެކަމެވެ. އަދި މައިންބަފައިން އެ މީހުންގެ އަމިއްލަ ނަފުސަށާއި ދެމަފިރިންގެ ގުޅުމަށް އިސްކަންދިނުމަކީ ވެސް އަލުން މުތާލިޢާކުރަން ޖެހިފައިވާ މުހިއްމު ކަމެވެ. އެހެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެ ދެމީހުންގެ މުސްކުޅި އުމުރުގައި ބެލެހެޓުން ދަރިންގެ މައްޗަށް ވާޖިބުވީ ފަދައިން، ދަރިންނާ މެދު ހެޔޮ ނިޔަތަކުން ދެކުމަކީ ޢާއިލާތަކުގެ މުޤައްދަސް ގުޅުމަށްޓަކައި މައިންބަފައިންގެ މައްޗަށް ވެސް އޮތް ވާޖިބެކެވެ. ތިމާގެ ދަރިން ތިމާ ހެޔޮގޮތުގައި ބަލައި ބޮޑުކުރި ފަދައިން، ތިމާއާ މެދު ވެސް އެ ދަރިން ހެޔޮކޮށް ހިތައި ތިމާގެ ބެލެހެއްޓުންތެރިން ކަމުގައި ވާނޭކަމުގެ ޔަޤީންކަން ހިތުގައި ބޭއްވުމަކީ އިބާދާތުގެ ބައެކެވެ. މައިންބަފައިންގެ ހެޔޮ ދުޢާގެ އަސަރު ދަރިންނަށް ކުރާ ފަދައިން ނުނިޔަތާއި ބަދު ދުޢާގެ އަސަރު ވެސް އެ ދަރިންނަށް ކުރާނެކަން ދަނެ އެ ފަދަ ކަންކަމަށް ސަމާލުވާން ޖެހެއެވެ. އަދި ތިމާގެ ދަރީންނަށް ތިމާ ދިން ހެޔޮ ތަރުބިއްޔަތުގެ މައްޗަށް އިތުބާރާއި ޔަޤީންކަން ބާއްވަންޖެހެއެވެ. ތުއްތު ދަރިފުޅު މައުސޫމުކަމާއެކު އެއްވެސް ފިކުރެއް ވަސްވާހެއް ނެތި އޭނާގެ ހުރިހާ ކަމެއް އެންމެ ލޯބިން ކޮށްދޭނެކަމަށް މައިންބަފައިންނަށް ކުރި އިތުބާރު، މައިންބަފައިން ވެސް އެމީހުން މުސްކުޅިވުމަށް ފަހު އެ މީހުން ބަލާނެކަމަށް ދަރީންނަށް ކުރާންޖެހެއެވެ. ދަރީން މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، އަދި މައިންބަފައިން ވެސް ދަރީންނާ މެދު ހެތޮކޮށް ހިތައި ޔަޤީންކަން ބޭއްވުމަކީ ދުނިޔޭގައި އަހަރެމެން ހިނގާންޖެހޭ އިތުބާރާއި ޔަޤީންކަމުގެ ބުރެވެ. އެއީ އީމާންތެރިކަމުގެ ބޮޑު އެއްބައެވެ.




