ކުޅުދުއްފުށީ ބޯޒިޔާރަތް ބީޗުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ޖިއޯ ބޭގްތަކަށް ބަޔަކު ގަސްދުގައި ގެއްލުންދީފައިވާތީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ފާހާނާ ބަރިއަކާއި، ފީޑިން ރޫމަކާއި ބާބަކިއު އޭރިއާއަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޫދަށް ފޭބޭނެ ރޭމްޕަކާއި އަދިވެސް އިތުރު ހިތްގައިމު ހިދުމަތްތަކާއިއެކު 3.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސިޓީ ކައުންސިލުން ތަރައްގީކުރި މި ބީޗް ހުޅުވާފައިވަނީ މިދިޔަ އަަހަރު ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މޭޔަރު އާތިފް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯޒިޔާރަތް ބީޗްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ޖިއޯ ބޭގްތަކަށް ތޫނު އެއްޗެހި ބޭނުންކޮށްގެންނާއި، ބޭގުތަކުގެ މަތީގައި ސައިކަލް ދުއްވައިގެން ގެއްލުންދީފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ މަދު ބަޔަކު ކުރާ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ލިބިގެންދާކަމަށެވެ.
"އެހެންކަމުން މިފަދަ ކަންކަމާއި ދުރުހެލިވެ ދިގު މުއްދަތަކަށް ބޭނުންކުރުމަށް މިތަންތަން އޮންނާނޭހެން ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މޭޔަރު ވިދާޅުވިއެވެ.




