ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ރިއާލް މެޑްރިޑްގެ މެނޭޖަރުކަމާ އަލުން ހަވާލުވުމަށްފަހު، "ސްޕެޝަލް ވަން" ޖޯސޭ މޮރީނިއޯ ވަނީ ކްލަބުގެ ކުޅުންތެރިންނަށް އަމާޒުކޮށް ވަރަށް ހަރުކަށި އަދި އަސްކަރީ ސިފައެއްގެ އާ ގަވައިދުތަކެއް ތަންފީޒުކުރަން ފަށާފަ އެވެ.
މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި، މޮރީނިއޯ ބޭނުންވަނީ ކްލަބުގެ ތެރޭގައި ކުރިން އޮތް ޑިސިޕްލިން އަލުން ގާއިމުކޮށް، ކުޅުންތެރިންގެ މެދުގައި އޮންނަ ބަދަހިކަން އިތުރުކުރުމަށެވެ.
މޮރީނިއޯ ތަންފީޒުކުރި 5 މުހިންމު ގަވާއިދު:
1. ކާނާގެ ސަގާފަތް ބަދަލުކުރުން (Strict Nutrition)
ކުޅުންތެރިން އަމިއްލައަށް ކާނާގެ ބާވަތްތައް އިހްތިޔާރުކުރުމުގެ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފަ އެވެ. ހެނދުނުގެ ސަޔާއި، ލުއިކޭންތަކަށް ހާއްސަ މެނޫތަކެއް ވަނީ ކަނޑައެޅިފަ އެވެ. ކުޅުންތެރިން ކާންޖެހޭނީ ކްލަބުގެ ނިއުޓްރިޝަނިސްޓުން ތައްޔާރުކުރާ ކާނާ އެކަންޏެވެ.
2. ގަޑިއަށް ފަރުވާތެރިވުން (Mandatory Presence)
ފްރެކްޓިސް ފެށުމުގެ އެއް ގަޑިއިރު ކުރިން ކުޅުންތެރިން ކްލަބުގެ ތަމްރީނު ސެންޓަރު "ވާލްޑެބެބާސް" އަށް ހާޒިރުވާންޖެހޭނެ އެވެ. ކުޅުންތެރިޔާގެ ނަމާއި މަގާމަށް ބެލުމެއްނެތި، ލަސްވާ ކޮންމެ ކުޅުންތެރިއަކަށް އަދަބުދެވޭނެ އެވެ.
3. ފައިސާގެ ޖޫރިމަނާގެ ބަދަލުގައި "ވަކިން ޓްރޭނިންގ"
ގަޑިއަށް ލަސްވާ ކުޅުންތެރިން އަތުން ފައިސާއިން ޖޫރިމަނާ ކުރުމުގެ ބަދަލުގައި، މޮރީނިއޯ ވަނީ އާ އަދަބެއް ތަޢާރަފްކޮށްފަ އެވެ. ގަޑިއަށް ލަސްވާ ކުޅުންތެރިޔާ، މުޅި ޓީމާ ވަކިން، އެކަނި ހުރެ ވަރުގަދަ ވެއިޓް-ޓްރޭނިންގ ސެޝަނެއް ފުރިހަމަކުރަންޖެހޭނެ އެވެ.
4. އަނިޔާގެ ކަންކަން ކްލަބުގެ ދަށަށް ގެނައުން
އަނިޔާގައި ތިބޭ ކުޅުންތެރިން އެމީހުންގެ ރީހެބިލިޓޭޝަން މަސައްކަތްތައް ހެނދުނާއި ހަވީރު ކުރިއަށްގެންދާންޖެހޭނީ ވާލްޑެބެބާސްގަ އެވެ. އަމިއްލަ ޕާސަނަލް ޓްރޭނަރުން ބޭނުންކުރެވުނު ނަމަވެސް، ހުރިހާ ތަމްރީނުތަކެއް ކުރިއަށްދާނީ ރިއާލް މެޑްރިޑްގެ އޮފިޝަލް މެޑިކަލް ސްޓާފުންގެ ސީދާ ބެލުމުގެ ދަށުންނެވެ.
5. އެކުގައި ކެއުން
ޓީމުގެ އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން، މޮރީނިއޯ ވަނީ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ވާލްޑެބެބާސްގައި އެކުގައި ކެއުން މަޖުބޫރުކޮށްފަ އެވެ.
މޮރީނިއޯގެ ފަލްސަފާ: "ކްލަބަށްވުރެ ބޮޑު އެކަކުވެސް ނުހުންނާނެ"
މޮރީނިއޯއަކީ އަބަދުވެސް ކުޅުންތެރިންގެ ފަރާތުން ސަތޭކަ އިންސައްތަ ސަމާލުކަމާއި ޑިސިޕްލިން ބޭނުންވާ ކޯޗެކެވެ. ރިއާލް މެޑްރިޑް ފަދަ ބޮޑެތި ސުޕަސްޓާރުން ތިބި ކްލަބެއްގައި މިފަދަ ހަރުކަށި ގަވާއިދުތަކެއަ ތަންފީޒުކުރުމުން ކުޅުންތެރިންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުން އެކަށީގެންވީ ނަމަވެސް، މޮރީނިއޯ ބޭނުންވަނީ ތަށިތައް ކާމިޔާބުކުރުމަށްޓަކައި ޓީމުގެ މުޅި މާހައުލު އަސްކަރީ އުސޫލަކަށް ބަދަލުކޮށްލާށެވެ.
މި އާ ގަވައިދު ތަކާއެކު ރިއާލް މެޑްރިޑްގެ ކުރިއަށް ހުރި މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ފެންނާނެ ބަދަލުތަކަށް މުޅި ފުޓްބޯޅަ ދުނިޔެ ދަނީ އިންތިޒާރުކުރަމުންނެވެ.




