ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންނާއި މުޅި ކުޅިވަރު އާއިލާ އަންތަރީސްކޮށްލުމަށްފަހު، ކުޅިވަރުގެ އެންމެ އިތުބާރުހުރި އިޓަލީގެ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ މިވަނީ އެންމެ ފަހުގެ އެންމެ ބޮޑު "ބޮމްބާ" އިއުލާންކޮށްފަ އެވެ. މަޝްހޫރު ޕޯޗުގަލް ކޯޗު ހޯސޭ މޮރީނިއޯ، ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އަރިހުގައި އެ ކްލަބުގެ އާ ހެޑް ކޯޗުގެ ގޮތުގައި ރަސްމީކޮށް މިވަނީ ދައްކާލާފަ އެވެ.
ކްލަބުގެ ތާރީހުގައި ހޯދާފައިވާ ޔޫރަޕްގެ އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގު ތަށިތަކުގެ ކުރިމަތީގައި، "މޮރީނިއޯ" ޖަހާފައިވާ ރެއާލް މެޑްރިޑްގެ ޖާޒީ ހިފައިގެން ރައީސް ޕެރޭޒްއާއެކު ނަގާފައިވާ ފޮޓޯއާއެކު މުޅި ފުޓްބޯޅަ ދުނިޔެ މިވަނީ ގުޑުވާލާފަ އެވެ.
"މިއީ އަލުން ގެއަށް އެނބުރި އައުން ފަދަ ކަމެއް!"
އަލުން ސެންޓިއާގޯ ބާނަބެއުއަށް އެނބުރި އައުމަށްފަހު، އުފަލުން ފުރިގެންވީ ޝުއޫރުތަކެއް ފާޅުކުރަމުން މޮރީނިއޯ ބުނެފައިވަނީ، މިއީ އެނބުރި "އަމިއްލަ ގެއަށް" އާދެވުނު ފަދަ އިހުސާސެއް ކަމަށެވެ. އަދި ޖަޒުބާތީ ގޮތުން، ފުރަތަމަ ފަހަރަށްވުރެ ވެސް މިފަހަރުގެ އެނބުރިއެކުން މާ ފުރިހަމަވެފައި ރީތި ކަމަށް އޭނާ ފާހަގަކުރި އެވެ.
މޮރީނިއޯ އިތުރަށް ބުނެފައިވަނީ:
"އަހަރެންގެ ނަޒަރުގައި ފުޓްބޯޅަ ކޯޗަކަށް ވާސިލުވެވޭނެ އެންމެ އުސް، އެންމެ މަތީ މަންޒިލަކީ ރެއާލް މެޑްރިޑް. މިއީ ކޯޗަކަށް ވެސް އަދި ކުޅުންތެރިއަކަށް ވެސް ހާސިލުކުރެވޭނެ އެންމެ މަތީ ދަރަޖަ."
މެޑްރިޑްގެ ސަޕޯޓަރުންނާ މުހާތަބުކޮށް މޮރީނިއޯ ދިން މެސެޖުގައި އޭނާގެ ހިތުގައި ރެއާލް މެޑްރިޑަށް އޮތް ލޯބި ވަނީ ވަރަށް ފުރިހަމައަށް ހާމަކޮށްފަ އެވެ.
"އަހަރެން ރެއާލް މެޑްރިޑް ދެކެ އިންތިހާއަށް ލޯބިވޭ. އަހަރެންނަކީ ތިޔައިން ކޮންމެ މީހަކު ފަދައިން މެޑްރިޑިސްޓާއެއް. ކްލަބު ދޫކޮށް ދިޔަ ދުވަހުން ފެށިގެން ވެސް އަހަރެންގެ ހިތް އޮތީ މި ކްލަބާއެކު."
އޭނާ ބުނި ގޮތުގައި މެޑްރިޑަށް އެނބުރި އައުމަކީ ހާއްސަ "މިޝަން" އެކެވެ. އަދި ކްލަބުގެ ތަމްރީނު ކުރާ "ވަލްޑެބެބާސް" އަށް ވަންނަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ސީދާ ރެއާލް މެޑްރިޑްގެ ހައްގުގައިކަން އިހުސާސް ކުރެވެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާގެ އަމާޒަކީ ކްލަބުގެ ކޮންމެ ފަރުދެއްގެ ކިބައިގައިވެސް މަސައްކަތުގެ އަހްލާގާއި، ޒިންމާދާރުކަމާއި، އަދި އިތުރަށް ކުރިއަރައިދިއުމުގެ ރޫހު އަލުން އާލާކުރުމެވެ.
މި ތާރީހީ އެނބުރިއައުމުގެ އެންމެ ހައިރާންކުރުވަނިވި ތަފްސީލަކީ، މި ތަޢާރަފްކުރުމުގެ ރަސްމިއްޔާތު ބޭއްވި އަޖައިބުުރުވަނިވި ގޮތެވެ. އާންމުކޮށް ރެއާލް މެޑްރިޑުން ބާއްވާ ކުލަގަދަ ބޮޑެތި ޕްރެސް ކޮންފަރެންސްތަކާ ހިލާފަށް، "ސިއުޑާޑް ރެއާލް މެޑްރިޑް" ގެ ހެޑްކުއާޓަރޒްގައި ބޭއްވި މި ރަސްމިއްޔާތަކީ ނޫސްވެރިންނާއި ސަޕޯޓަރުންނަށް މުޅިން ބަންދުކޮށްގެން ސިއްރިއްޔާތުގައި ބޭއްވި އިވެންޓެކެވެ.
މި ރަސްމިއްޔާތުގެ ހަމައެކަނި ފޮޓޯއާއި ވީޑިއޯ އާންމުކުރީ ކްލަބުގެ ރަސްމީ ރެއާލް މެޑްރިޑް ޓީވީ އާއި ސޯޝަލް މީޑިއާ އެކައުންޓްތަކުން އެކަންޏެވެ. މި އިވެންޓުގައި ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ މޮރީނިއޯއާއެކު 2029 ޖޫން 30 ގެ ނިޔަލަށް 3 އަހަރުގެ ދިގު އެއްބަސްވުމެއްގައި ސޮއިކުރައްވައި، ކްލަބުގެ ރަސްމީ ހަދިޔާގެ ގޮތުގައި ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގެ ރެޕްލިކާއަކާއި، ހާއްސަ އަތްކުރި ގަޑިއެއްގެ އިތުރުން އޭނާގެ ނަން ޖަހާފައިވާ ޖާޒީ ހަދިޔާކުރައްވާފަ އެވެ.
ޖެހިޖެހިގެން 2 ސީޒަން ބޮޑު ތައްޓަކާ ނުލައި ނިންމާލަންޖެހުމުން، މެޑްރިޑްގެ ޑްރެސިންގ ރޫމްގެ ކޮންޓްރޯލް އަލުން ހޯދައި، ކްލަބުގެ ހައިބަތު އިއާދަކުރުމަށްޓަކައި ޕެރޭޒް ވަނީ މޮރީނިއޯއަށް މުޅި ޓީމު އަލުން ބައްޓަންކުރުމުގެ ފުރިހަމަ ބާރު ދެއްވާފަ އެވެ. މޮރީނިއޯ ހަވާލުވުމާއެކު، ރެއާލް މެޑްރިޑުން ވަނީ ބާސެލޯނާގެ "ދެ އަހަރުގެ ލާލީގާ ޑޮމިނެންސް" ނިމުމަކަށް ގެނައުމަށްޓަކައި ބޮޑެތި ޓްރާސްންފާ ކުޅުންތެރިންތަކެއް ވެސް ގެނެސްފަ އެވެ.
އޭގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ތަރި ބެނާޑޯ ސިލްވާ، އިބްރާހީމާ ކޮނާޓޭ، މާކް ކުކުރެއްޔާ، އަދި ޑެންޒެލް ޑަމްފްރީސް ފަދަ ވަރުގަދަ ކުޅުންތެރިން ހިމެނެ އެވެ. ކީލިއަން އެމްބާޕޭ، ވިނީޝިއުސް ޖޫނިއަރ އަދި ޖޫޑް ބެލިންގްހަމް ފަދަ ސުޕަރސްޓާރުންނާއެކު މޮރީނިއޯ ނުކުންނާނީ އަލުން ޔޫރަޕްގެ ތަޖު ކްލަބަށް ހޯދައިދިނުމުގެ ބޮޑު ކެމްޕޭނަށެވެ.




