twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ވޯލްޑް ކަޕް ފައިނަލްގެ ހަމަނުޖެހުމާ ގުޅިގެން އާޖެންޓީނާގެ ޕަރޭޑެސް 10 މެޗަށް ސަސްޕެންޑްކޮށް، ބޮޑު އަދަބެއް ދީފި

މުޙައްމަދު އަހުމަދު
Aug 22, 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު އާޖެންޓީނާ އާއި ސްޕޭންގެ ކުޅުންތެރިންގެ މެދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރޭޑެސް ބައިނަލްއަޤްވާމީ 10 މެޗުން ސަސްޕެންޑްކުރުމަށް ފީފާއިން ނިންމައިފި އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ކުޅުންތެރިއަކަށް ދެވުނު އެންމެ ބޮޑު އެއް އަދަބެވެ.

ނިއުޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފެރާން ޓޮރޭސް ޖެހި ލަނޑާއެކު 1-0 އިން ސްޕޭން މޮޅުވި މެޗު ނިމުމާއެކު ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގި އެވެ. ފީފާގެ އަހްލާގީ ކޮމިޓީން ކުރިއަށްގެންދިޔަ ތަހްގީގަށްފަހު ހުކުރު ދުވަހު އިއުލާންކުރި ސަސްޕެންޝަންގެ އިތުރުން ޕަރޭޑެސް ވަނީ 90,000 އެމެރިކާ ޑޮލަރުން (66,000 ޕައުންޑް) ޖޫރިމަނާވެސް ކޮށްފަ އެވެ.

މެޗު ނިމުމާއެކު ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޕަރޭޑެސް ވަނީ ސްޕޭންގެ ޑިފެންޑަރު އެރިކް ގާސިއާގެ ކަނދުރާގައި ހިފައި، ބެންޗުގައި އިން ސްޕޭންގެ މިޑްފީލްޑަރު ގަވީ ކޮއްޕާ ބިމަށް ވައްޓާލާފަ އެވެ. މި އަމަލާ ގުޅިގެން މެޗު ނިމުނު ވަގުތުވެސް އޭނާއަށް ވަނީ ނުރައްކާތެރި ކުޅުމުގެ ސަބަބުން ރަތް ކާޑެއް ދައްކާފަ އެވެ.

މި ހަމަނުޖެހުމާ ގުޅިގެން އަދަބު ލިބުނީ ހަމައެކަނި ޕަރޭޑެސްއަކަށް ނޫނެވެ. އާޖެންޓީނާގެ ޑިފެންޑަރު ނަހުއޭލް މޮލީނާ ވަނީ ސްޕޭންގެ ކެޕްޓަން ރޮޑްރީއަށް ހަމަލާދޭން އުޅުމުން 7 މެޗަށް ސަސްޕެންޑްކޮށް 90,000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އަދި އާޖެންޓީނާގެ ތިއާގޯ އަލްމާޑާ 1 މެޗަށް ސަސްޕެންޑްކޮށް 22,000 ޕައުންޑުން ޖޫރިމަނާކުރިއިރު، އާޖެންޓީނާގެ ކޯޗިން ސްޓާފް ރޮބާޓޯ އަޔާލާ ވަނީ ސްޕޭންގެ ކުޅުންތެރިޔެއްގެ މޫނުމަތީގައި ޖަހަން އުޅުމުން 3 މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

މީގެއިތުރުން ސްޕޭންގެ މިޑްފީލްޑަރު ގަވީވެސް ވަނީ މި ހަމަނުޖެހުމުގައި ބައިވެރިވުމުގެ ސަބަބުން 1 މެޗަށް ސަސްޕެންޑްކޮށް 22,000 ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ. ފީފާއިން އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (AFA) އަށްވެސް ވަނީ ބޮޑު ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން ޓީމުގެ ސުލޫކީ މިންގަނޑާ ހިލާފުވުމާއި ސެކިއުރިޓީ ފޭލްވުމުގެ އިތުރުން ސެމީ ފައިނަލްގައި އިންގްލަންޑް ބަލިކުރުމަށްފަހު ސިޔާސީ މެސެޖެއް އެކުލެވޭ "ފޯކްލޭންޑްސް" ބެނާއެއް ކުޅުންތެރިން ބޭނުންކުރުމުން އާޖެންޓީނާ އެފްއޭ ވަނީ 321,000 އެމެރިކާ ޑޮލަރުން (235,647 ޕައުންޑް) ޖޫރިމަނާކޮށްފަ އެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ:

"ފައިނަލް މެޗަށްފަހު ހިނގާދިޔަ ހާދިސާތަކަކީ ކުޅިވަރުގެ ރޫހާ މުޅިން ހިލާފު، އަދި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫނެވެ. ކުޅުންތެރިންނާއި އޮފިޝަލުންގެ ސުލޫކު ހުންނަންވާނީ ކުޅިވަރުގެ އަބުރާއި އިއްޒަތް ދެމެހެއްޓޭފަދަ ގޮތަކަށެވެ."

މި ސަސްޕެންޝަންތަކުގެ ސަބަބުން އާޖެންޓީނާ ގައުމީ ޓީމަށް ކުރިއަށްހުރި ބައިނަލްއަގްވާމީ މުހިންމު މެޗުތަކުގައި ޕަރޭޑެސްއާއި މޮލީނާގެ ހިދުމަތް ނުލިބޭނެ އެވެ. މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭގެ ލުއިސް ސުއާރޭޒްއަށް ދިން 9 މެޗުގެ ސަސްޕެންޝަނަށްފަހު ވޯލްޑް ކަޕެއްގެ ތެރެއިން ކުޅުންތެރިއަކަށް ދެވުނު އެންމެ ބޮޑު ސަސްޕެންޝަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355