ދިވެހިރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އިން އިންތިޒާމުކުރާ، 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް އަންނަ މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ނިންމައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އެންމެ ފަހުން 49 ވަނަ ގައުމީ މުބާރާތް ބޭއްވިފަވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ތިން އަހަރު ފަހުން މިފަހަރުގެ ރަންޔޫބީލް މުބާރާތް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 11 އިން 20 އަށް، މާލޭގެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގަ އެވެ.
މި މުބާރާތުގައި ވާދަކުރަން އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އެސޯސިއޭޝަނަށް ހުށަހަޅަންޖެހެއެވެ. މުބާރާތުގެ ބައިވެރިވުމުގެ ފީތަކަށް ބަލާއިރު، ސިންގަލްސް ކެޓަގަރީއަށް 200 ރުފިޔާ، ޑަބަލްސް އަދި މިކްސް ޑަބަލްސްއަށް 300 ރުފިޔާ، އަދި ޓީމު އިވެންޓަށް 3500 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ކުޅުންތެރިންގެ އުމުރުފުރާ ބަލާނީ ދުނިޔޭގެ ބެޑްމިންޓަން އިދާރާ (ބީޑަބްލިއުއެފް) ގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މުބާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފުރަތަމަ އަދި ދެވަނަ ޑިވިޝަންގެ އަންހެން/ފިރިހެން ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް ހިމެނެއެވެ. އުމުރުފުރާ ކެޓަގަރީތަކަށް ބަލާއިރު، 9 އަހަރުން ދަށުގެ ސިންގަލްސް (އަންހެން/ފިރިހެން)، 11 އަދި 13 އަހަރުން ދަށުގެ ސިންގަލްސް އާއި ޑަބަލްސް، އަދި 15، 17 އަދި 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް ބައިތައް ހިމެނެ އެވެ. މީގެއިތުރުން ސްޕެޝަލް އޮލިމްޕިކްސް އާއި ޕެރަ ބެޑްމިންޓަން ކުޅުންތެރިންނަށް ވެސް ޚާއްޞަ ބައިތަކެއް ވަނީ ހަމަޖައްސާފަ އެވެ.
ގަވާއިދުގައިވާ ގޮތުން 9 އަހަރާއި 19 އަހަރާ ދެމެދުގެ ކުޅުންތެރިއަކަށް ވާދަކުރެވޭނީ އޭނާ އިހްތިޔާރުކުރާ އެންމެ އުމުރުފުރާއެއްގަ އެވެ. ނަމަވެސް އަމިއްލަ އުމުރުފުރާގައި ސިންގަލްސް ކުޅުމަށްފަހު، މަތީ އުމުރުފުރާއެއްގެ ޑަބަލްސް ނުވަތަ މިކްސް ޑަބަލްސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އޯޕަންސް އިވެންޓުގެ 1 ވަނަ ޑިވިޝަނުގައި ކުޅެވޭނީ 13 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. އަދި ސްކޫލް ދަރިވަރުން ބައިވެރިވާނަމަ، ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް އެސޯސިއޭޝަނަށް ހުށަހަޅަންޖެހެ އެވެ.
ދެވަނަ ޑިވިޝަނުގައި، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ގައުމީ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ. ނަމަވެސް، ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެއްގެ އުމުރުން 40 އަހަރުވެފައިވާނަމަ ވާދަކުރެވޭނެ އެވެ. އެކަމަކު އެފަދަ ދެ ކުޅުންތެރިން އެކުގައި ޕެއާކޮށްގެން ނުކުޅެވޭނެ އެވެ. އުމުރުން 45 އަހަރުން މަތީގެ ކުޅުންތެރިން މި އުސޫލުން އިސްތިސްނާވާނެ އެވެ.
ބޭރުގެ ކުޅުންތެރިން މުބާރާތުގައި ހިމަނާނަމަ، އެ ކުޅުންތެރިންނަށް ގައުމީ ސިންގަލްސް ރޭންކިންގގެ ގަދަ 15 ގައި ނުވަތަ ޑަބަލްސް ރޭންކިންގގެ ގަދަ 5 ގައި ހިމެނޭ ދިވެހި ކުޅުންތެރިންނާއެކު ޕެއާކޮށްގެން ނުކުޅެވޭނެކަމަށް ގަވާއިދުގައިވެ އެވެ. އެންމެ ފަހުން ބޭއްވުނު ގައުމީ މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުސައިން ޒަޔާން ޝަހީދު ޒަކީގެ އިތުރުން އާމިނަތު ނަބީހާ އަބްދުރައްޒާގު (ނަބީ) އެވެ.




