ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސަންޓް ބޭންކްތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވާން ފަށައިފި އެވެ.
މިކަން އިއުލާންކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ރިސޯޓުތަކުން ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރުމުގެ އިތުރުން މިހާރު ކޮންމެ 3 މަހަކު މާރުކުރަން އޮންނަ އޮތުން ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އެމްއެމްއޭން މަސައްކަތްކުރަނީ 100 އިންސައްތަ ވެސް މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމަށެވެ. ނަމަވެސް އެ އަމާޒަށް މަސައްކަތް ކުރާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ދަތިނުވާނެ ގޮތަށް އަދި ކުއްްލި ޝޮކެއް ލިބޭ ގޮތަށް ބަދަލު ގެނައުމުގެ އިތުރަށް މަޑުމަޑުުން އިތުރުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ދުވަސް ވަންދެން ދިރާސާކޮށްފައި އަޅުގަނޑުމެން މި ބަދަލުތައް މި ގެންނަނީ ޓޫރިޒަމަށް ވެސް ޝޮކް ވެސް އެބްސޯބް ވެސް ކުރެވޭ ވަރަށް ބަލާފައި މިހާ ދުވަސް ވަންދެން އޮތް މައްސަލައެއް ވީމާ. ބޭނުމަކީ %100 އަށް ވެސް ގެންދިޔުން،" މުނައްވަރު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މި ގާނޫނު އޮންނަ ގޮތުން ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރެވޭއިރު، މި މަހު މަޖިލީހަށް ވަނީ ހަމައެކަނި 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ބިލެއް ހުށަހަޅައިފައެވެ. އެ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގެންފައިވާއިރު ކޮމިޓީ މަރުހަލާ ވެސް ވަނީ ނިމިފައެވެ. މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ކުރިން އިއުލާންކުރި ނަމަވެސް ފަހު ވަގުތު ކެންސަލްކުރިއެވެ.




