twitterviber whatsapp telegramfacebookyoutube instagram
31st August 2026

ބާސްކެޓްގެ އަސްލު ފޯރި ކުޅުދުއްފުއްޓަށް: ގައުމީ ރެފްރީންނާއި ހާއްސަ ކޯޗިންއާއެކު އިންޓަރ-އޮފީސް 3x3 މުބާރާތް ފަށަނީ!

މުޙައްމަދު އަހުމަދު
Aug 30, 2026

ކުޅުދުއްފުށީ ސިޓީގައި ބާސްކެޓްބޯޅަ ރަނގަޅު ފެންވަރެއްގައި ކުރިއަރުވައި، އޮފީސްތަކުގެ މެދުގައި ވާދަވެރި އަދި އެކުވެރި މާހައުލެއްގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ވޯރިއާސް ސްޕޯޓްސް އެކަޑަމީ (Warriors Sports Academy) އިން އިންތިޒާމުކުރާ "އިންޓަރ-އޮފީސް 3x3 ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ۔

މިއީ ކުޅިވަރު އާލާކުރުމަށްޓަކައި ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީގައި ހިންގަމުން އަންނަ ވޯރިއާސް ސްޕޯޓްސް އެކަޑަމީން އިންތިޒާމުކުރާ މުބާރާތެކެވެ. މިއަހަރުގެ ސެޕްޓެމްބަރު 24، 25 އަދި 26 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓުގައި ހަވީރާއި ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 ސެޕްޓެމްބަރު 2026 އެވެ.

"ކުޅުދުއްފުށީ އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވޯރިއާސް ސްޕޯޓްސް އެކަޑަމީގެ ޖެނެރަލް ސެކްރެޓަރީ އާދަމް މުހައްމަދު ވިދާޅުވީ، މި މުބާރާތަކީ މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އާ ގުޅިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގެ މެޗުތަކުގައި ރެފްރީކަން ކުރާނީ އެމްބީއޭގެ ލައިސަންސްޑް ރެފްރީން ކަމަށްވާތީ މުބާރާތުގެ ފެންވަރު ވަރަށް ރަނގަޅުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، މީގެކުރިން ކުޅުދުއްފުށީގައި މުބާރާތްތައް ބޭއްވުނު ނަމަވެސް ބާސްކެޓްބޯޅައިގެ އަސްލު ގަވާއިދުތަކަށް ކުޅުންތެރިން އެހާ ބޮޑަށް އަހުލުވެރިވެފައި ނުވާތީ، މުބާރާތުގެ ކުރިން ބާސްކެޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ހުރިހާ ޓީމުތަކަށް ހާއްސަ ކޯޗިން ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަންވެސް ޖެނެރަލް ސެކްރެޓަރީ ފާހަގަކުރެއްވި އެވެ.

މުބާރާތުގެ ގަވާއިދާއި މުހިންމު ތަފްސީލުތައް:

މި މުބާރާތުގައި ބައިވެރިވެވޭނީ ކުޅުދުއްފުށީގައި ގާއިމުވެފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ۔ މުބާރާތް ކުރިއަށްދާނީ ފިރިހެން އަދި އަންހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވާންޖެހެނީ ކޮންމެ ޑިވިޝަނަކަށް ވަކިންނެވެ۔ ވަކި އަދަދެއް ކަނޑައެޅިފައި ނުވި ނަމަވެސް، އަންދާޒާކުރެވެނީ 10 ޓީމު ބައިވެރިވާނެ ކަމަށެވެ. މުބާރާތް ބޭއްވޭނީ މަދުވެގެން 2 ޓީމު ބައިވެރިވެގެންނެވެ۔

މުބާރާތުގެ ދެ ޑިވިޝަންގެ އިތުރުން، ކުޅުދުއްފުށީގެ އެންމެހާ އާންމުންނަށް (ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް) ރެޖިސްޓްރީވެގެން ބައިވެރިވެވޭ ގޮތަށް 'ޝޫޓިންގ ޗެލެންޖު' އެއް ކުރިއަށްދާނެ އެވެ.

ކޮންމެ ޓީމެއްގައިވެސް ގިނަވެގެން ހިމެނޭނީ 4 ކުޅުންތެރިންނެވެ (3 ކުޅުންތެރިންނާއި 1 ބަދަލު ކުޅުންތެރިޔާ)۔ ޓީމެއްގައި އެ އޮފީހަކުން/ކުންފުންޏަކުން ބޭރުން 1 ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ۔ ނޭޝަނަލް ލީގުގެ 1 ވަނަ ޑިވިޝަންގައި ހިމެނޭ ގައުމީ ފެންވަރުގެ ކުޅުންތެރިންގެ ތެރެއިން ޓީމެއްގައި ހިމެނޭނީ ގިނަވެގެން 2 ކުޅުންތެރިންނެވެ۔

އެ އޮފީހެއްގައި/ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ۔ ކޮންމެ ޑިވިޝަނަކުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ކޮންމެ ޓީމަކަށް ވަނީ 3000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފަ އެވެ.

ސުލޫކީ ފިޔަވަޅުތަކާއި މެޗަށް ހާޒިރުވުން:

* މެޗު ފަށަން ކަނޑައެޅިފައިވާ ގަޑިއަށް 3 ކުޅުންތެރިން ހަމަނުވެއްޖެނަމަ، އެ ޓީމެއް ބަލިވީކަމަށް ނިންމައި އިދިކޮޅު ޓީމު މޮޅުވީކަމަށް ކަނޑައެޅޭނެ އެވެ۔
* މެޗުގެ ތެރޭގައި ނުވަތަ މުބާރާތުގެ ތެރޭގައި ނުރައްކާތެރި އަމަލެއް ނުވަތަ ނޭދެވޭ ހާދިސާއެއް ހިނގައިފިނަމަ، މެޗުގެ ރެފްރީން، މެޗު ކޮމިޝަނަރު ނުވަތަ ޓޯނަމެންޓް ޑިރެކްޓަރުގެ ލަފާގެ މަތިން އެކަޑަމީއަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރު ލިބިގެންވެ އެވެ۔
* މުބާރާތުގެ ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ ވޯރިއާސް ސްޕޯޓްސް އެކަޑަމީގެ ހިންގާ ކޮމިޓީންނެވެ۔

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355