ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓާސްކްފޯހެއް ހަދައި، މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ނަމްބަރެއް ފުލުހުން ހަމަޖައްސައިފިއެެވެ.
މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން، ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހާއި ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.
އަދި އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ. އަދި މި ގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.




