ދިވެހިންނަށް ހާއްސަކޮށްފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އުވާލައި އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކޮށް އިއުލާނުކޮށްފިއެވެ.
މި ކުންފުނިތައް އުވާލާފައިވަނީ ކުންފުނީގެ ޤާނޫނުގެ 246 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2025/R-83 (ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަނަންބަރުގެ ދަށުން، ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގަވާއިދު) ގައިވާ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު އެވެ.
މި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އުވާލެވުނު 28 ކުންފުނީގެ ތަފްސީލު ހިމެނޭ ލިސްޓު މިހާރު ވަނީ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
މީގެ އިތުރުން، މި ނިންމުމާ ގުޅިގެން ނުވަތަ އިޢުލާނާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަނީ އެދިފައެވެ.
މިއީ ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވައި، 2040 އާ ހަމައަށް ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.




