twitterviber whatsapp telegramfacebookyoutube instagram
8th September 2026

ދިވެހިންނަށް ހިއްސާ ލިބޭ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

ނަބީލާ އިސްމާޢީލް
Sep 7, 2026

ހުރިހާ ދިވެހިންނަށް ހިއްސާ ލިބޭ ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ރިސޯޓުތަކުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ދިވެހިންނަށް ހިއްސާ ލިބޭ ގޮތަށް 10 ރިސޯޓު ހަދާނެ ތަންތަން މި ހަފުތާގެ ތެރޭގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ. އަދި މި ކަމާ ގުޅޭ މަސައްކަތްތައް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއްވެސް ދިވެހި ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން އާމްދަނީ ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެ ދުވަހު ރައީސް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ އެސެޓްތަކުގެ ހަގީގީ ވެރިންނަކީ ދިވެހިން ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް އެފަދަ އެސެޓުތަކުގެ ސީދާ އާމްދަނީއެއް ލިބޭނެ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާއިން ކޮންމެ ދިވެއްސެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކުރުމަކީ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިއްސާ ލިބޭ ރިސޯޓުތަކުގެ މަސައްކަތް ކުރިއަށް އޮތް 36 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށްފަހު އެ ތަންތަނުގެ މަންފާ ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ބާރު ދުވެލީގައި މަސައްކަތް ހިނގަމުންދާ ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާއިން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ތަފާތުކުރުމެއްނެތި ކޮންމެ ދިވެއްސަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާއެއް އޮންނަ މީހެއްގެ ގޮތުގައި ހަދަން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293