twitterviber whatsapp telegramfacebookyoutube instagram
8th September 2026

މަދަނީ މައްސަލަތައް އަވަސްކުރުމަށް ޤާނޫނީ އޮނިގަނޑަށް ބަދަލުގެންނަނީ

ނަބީލާ އިސްމާޢީލް
Sep 7, 2026

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނު އިސްލާހުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، 3 ވަނަ ދައުރަށް މަޖިލީސް ހުޅުވުމާއެކު، ކޯޓުތަކާއި ބެހޭ ގާނޫނަށް ބައެއް އިސްލާހުތައް ހުށަހަޅުއްވާނެކަމަށެވެ. މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، މައްސަލަތައް އަވަސްކުރުމަށާއި، މަދަނީ މައްސަލަތަކުގެ މަރުހަލާ ފަސޭހަކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވޭ. ވަރަށް ލަސްތައްވޭ. މަދަނީ މައްސަލަތަކުގައި ދިމާވާ ދަތިތައް އެ ޕްރޮސެސްގައި ނަގާ ޓަައިމް އެފިޝެންޓްކޮށް އަވަސް ކުރުމަށްޓަކައި އިޖްރާއަތްތައް ފަސޭހަ ކުރުމަށްޓަކައި، މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާނަން،". ރައީސް ވިދާޅުވިއެވެ.

އަދި މަދަނީ ކުދި މައްސަލަތައް ފަސޭހައިން ކޯޓަށް ހުށަހެޅޭނެ ގޮތަށް، އަދި އަވަހަށް މައްސަލަ ނިންމޭނެ ގޮތަށް ނިޒާމެއް ގާއިމް ކުރުމަށްޓަކައި "ސްމޯލް ކްލެއިމް" ކޯޓެއް ގާއިމް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ، ވިޔަފާރިތަކަށް ފަހިކޮށްދިނުމަށްޓަކައި ޝައުރީ ދާއިރާވެސް އަވަސްވާން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ، ބޮޑެތި ވިޔަފާރިތައް އަވަހަށް ބެލޭނެ އިޖުރާއަތްތައް ކަނޑައަޅައި، ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޝަނެއް ގާއިމް ކުރުމަށް، ނުވަތަ ވަކި ކޯޓެއް ގާއިމް ކުރުމަށް ކަމަށް، ވިޔަސް އެކަމުގެ ފަންނީ ދިރާސާތައް ކުރެވެމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ ބިލް އޮކްޓޯބަރު މަސް ތެރޭގައި މަޖިލީސް ހުޅުވާއިރު، ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގެ ސަބަބުން އާއްމު ރައްޔިތުންގެ ކުދިކުދި މައްސަލަަތަކަށް ވަކިން ހާއްސަ ކޯޓެއް. ކުދިކުދި ވިޔަފާރިތަކާއި އާއްމު އިންޑިވިޑުއުއަލް ފަރާތްތަކުގެ މައްސަލަތައް އަވަހަށް ހުށަހެޅި ނިންމޭނެ. އަދި ބޮޑެތި ވިޔަފާރިއާ ގުޅޭ މައްސަލަތައް ވަކިން ހާއްސަ ޑިވިޝަނެއްގެ ތެރެއިން ކޯޓު ތެރެއިން ބެލޭނެ ގޮތް ނޫނިއްޔާ ވަކި ކޯޓެއް ގާއިމް ކުރުމަށް އަޅުގަނޑު ހުށަހަޅާނަން،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ނިޒާމް މިނިވަން ކުރުމަށްޓަކައި އަދި ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަމުންދާ ކަމަށެވެ. މިގޮތުން އެންމެ ބޮޑު ކަމަކަަށް ރައީސް ފާހަގަކުރެއްވީ މި ސަރުކާރުން، ޝަރުއީ ނިޒާމުގެ ބަޖެޓް ބޮޑު ކުރުމަށްފަހު، ވަކި ކޮށްދިނުމެވެ. އަދި ސުޕީރިއާ ކޯޓުގެ ކޮމްޕްލެކްސް އެޅުމަށްޓަކައި ސޮއިކުރެވި، އެކަމުގެ މަސައްކަތް ކުރެވެމުންދާއިރު، ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ނުހިނގައި އޮއްވައި، ދެ ކޯޓަށް ހާއްސަ އިމާރާތެއް އަޅައިދީ، އެ ދެ ކޯޓުގެ ރަސްމީ މަސައްކަތްތައްވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ރަައީސް ވިދާޅުވިއެވެ.

"މިނިވަން ކޮށްދިނުމަށް ވަަރަށް ގިނަ ކަންތައް. ނުފޫޒެއް ނުހިނގާ، އެއްވެސް ކޭސްއެއް ވަކި ގޮތަކަށް ނިންމާކަށް ނާންގަން، މިނިވަން ކުރުމުގެ ސިޔާސަތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރެވޭ،". ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293