twitterviber whatsapp telegramfacebookyoutube instagram
8th September 2026

ޖޫރިމަނާ 5000 ރުފިޔާއަށް ވުރެ އިތުރުވާ ނަމަ، ލައިސަންސް ހިފަހައްޓަނީ

Sep 7, 2026

ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000 ރުފިޔާއަށް ވުރެ ބޮޑުވެއްޖެ ނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.

އަލަށް ގެނެވުނު މި ބަދަލާ އެކު، ހަމައެކަނި ޕޮއިންޓް މަދުވެގެން ނުވަތަ މުއްދަތު ހަމަވުމުން ލައިސަންސް ބާތިލުވުމުގެ ބަދަލުގައި، ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިގޮތުން، ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާ އާއި ދައްކަންޖެހޭ އެކިއެކި ފީތައް އެއްވެގެން 5،000 ރުފިޔާއަށް އަރައިފި ހާލަތެއްގައި، އެ މީހެއްގެ އަތުން ލައިސަންސް އަތުލުމުގެ އިހުތިޔާރު ޓްރެފިކް ފުލުހުންނަށާއި ޝަރުއީ ކޯޓުތަކަށް މިހާރު ލިބިގެންވެއެވެ. އަދި ލައިސަންސް ލިބުމުގެ އަސާސީ ޝަރުތުތަކެއް ފުރިހަމަނުވާކަން އެކަށީގެންވާ ސަބަބުތަކާ އެކު ކަށަވަރުވެއްޖެ ނަމަވެސް އެ ހުއްދަ ބާތިލުކުރެވޭނެއެވެ.

ފުލުހުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފަހައްޓާ ހާލަތްތަކުގައި، ކަމާ ބެހޭ ވުޒާރާއިން އެކަން އިތުރަށް ބަލައި، އެ މީހެއްގެ ކިބައިން ޝަރުތު އުނިވެފައިވާކަން ޔަގީންކުރަންޖެހެއެވެ. މީގެ އިތުރުން، ވަގުތީ ގޮތުން ލައިސަންސް ހިފެހެއްޓޭ ހިނދު، ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، އުޅަނދު ދުއްވުމަށް 48 ގަޑިއިރުގެ ވަގުތީ ހުއްދައެއް ދިނުމުގެ އުސޫލު ކުރިއެކޭ އެއްގޮތަށް ދެމިއޮންނާނެކަމަށް އާ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ލައިސަންސް ނެތި ނުވަތަ ލައިސަންސް ބާތިލުކޮށްފައިވަނިކޮށް އުޅަނދު ދުއްވާ ފަރާތްތަކަށް ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެވަނަ ފަހަރަށް 1،500 ރުފިޔާ އަދި ތިންވަނަ ފަހަރު 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެ ފަހުން ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެންމެ ފަހުން ކުރި ޖޫރިމަނާގެ ދެގުނަ ބޮޑުވަމުންދާނެ ކަމަށް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އުޅަނދުފަހަރު ރަޖިސްޓަރީކޮށް ދުއްވުމުގެ މިންގަނޑުތައް އެކަށައަޅައި، ދަތުރުފަތުރުގެ މުޅި ނިޒާމު ހަރުދަނާ ގޮތެއްގައި ރާވައި ހިންގުމަށްޓަކައި ވުޖޫދުކޮށްފައިވާ މުހިންމު ގާނޫނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293