ދުނިޔޭގެ މަޝްހޫރު ސްޕޯޓްސް ބްރޭންޑް އެޑިޑާސްއިން އިސްރާއީލުގެ ސިފައިންގެ ކުރީގެ މީހަކު ބޭނުންކޮށްގެން ހިންގި އިސްތިހާރު ކެމްޕޭނަކާ ގުޅިގެން، އެ ބްރޭންޑް ބޮއިކޮޓްކުރުމުގެ ބޮޑު ކެމްޕޭނެއް މުޅި ދުނިޔޭގައި ވަނީ ފެށިފަ އެވެ.
މި މައްސަލަ ހޫނުވީ އެޑިޑާސްއިން އެއްފައި ނެތް މީހުންނަށް ހާއްސަކޮށްގެން ތައާރަފްކުރި "ސިންގަލް ޝޫ" ކެމްޕޭނުގައި، 2021 ވަނަ އަހަރު ޣައްޒާއަށް ދިން ހަމަލާތަކުގައި ބައިވެރިވެ ފައި ބުރިވި އިސްރާއީލު ސިފައިންގެ މީހެއް ކަމަށްވާ ޝާލެވް ބިޓަން ބޭނުންކުރުމުންނެވެ.
އެޑިޑާސްގެ މި ކެމްޕޭނަކީ އެއްފައި ނުވާ މީހުންނަށް ދެބޫޓުގެ ބަދަލުގައި އެއް ބޫޓު 50 އިންސައްތަ އަގުހެޔޮކޮށް ގަންނަން ލިބޭ ގޮތަށް ކުރިއަށްގެންދިޔަ އިސްތިހާރެކެވެ. ނަމަވެސް، އިސްރާއީލުގެ އުދަނގޫތަކާއި ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން 5,000 އަށްވުރެ ގިނަ ފަލަސްތީނު ކުޑަކުދިންނާއި އާންމުންގެ ފައި ބުރިވެ، ނުކުޅެދޭ ހާލަތަށް ގޮސްފައިވާއިރު، އިސްރާއީލު ސިފައިންގެ މީހަކު އިސްތިހާރުގެ ތަރީގެ ގޮތުގައި ދެއްކުމުން އިންސާނީ ހައްތަގުކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ކުޅިވަރު ނޫސްވެރިޔާ ލޭލާ ހާމެދު އެކްސް (X) ގައި ލިޔެފައިވެ އެވެ:
"ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ކުޑަކުދިންގެ ފައި ބުރިވެފައިވާ ތަނަކީ ޣައްޒާ އެވެ. 2023 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 5,000 އަށްވުރެ ގިނަ މީހުންގެ ގުނަވަންތައް ބުރިވެފައިވާއިރު، އެ ހަމަލާތައް ދިން ސިފައިންގެ މީހަކު މޮޑެލްއަކަށް ނެގުމަކީ އެޑިޑާސްއިން ކުރި ވަރަށް ނުބައި ކަމެކެވެ."
މީގެ އިތުރުން، މަޝްހޫރު ސްޕެނިޝް އެކްޓަރު ހާވިއޭ ބާޑެމް އާއި ބައިނަލްއަގްވާމީ ގޭމިން އަދި އެކްޓިވިސްޓް ގްރޫޕްތަކުންވެސް ވަނީ އެޑިޑާސްގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް އާންމުންނަށް ގޮވާލާފަ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެޑިޑާސް ކައިރިން ނަގާފައިވާ ބޫޓުތައް އުކާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް އާންމުކޮށްފަ އެވެ.
""އެޑިޑާސްއިން ވަނީ ކުށްވެރިންނާއެކު ބައިވެރިވެ، އަނިޔާލިބޭ ފަލަސްތީނުގެ ރައްޔިތުންނާއި ކުޑަކުދިންގެ އިހުސާސްތަކަށް އިންކާރުކޮށްފަ އެވެ. ޣައްޒާގައި 10 އަހަރުގެ ކުޑަކުއްޖަކު ފައި ބުރިވުމުން ޕްލާސްޓިކް ހޮޅިއަކުން ކަފިޖަހައިގެން އުޅޭއިރު، އެޑިޑާސްއިން އިސްރާއީލު ސިފައިންގެ މީހަކު މޮޑެލްއަކަށް ހެދުމަކީ ބޮޑު ނުބައެކެވެ."އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ "ޔޫރަޕް ޕަލަސްޓައިން ނެޓްވަރކް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވޭ
"މީއީ އެޑިޑާސްގެ ފަރާތުން ކަންކަމަށް ސަމާލުކަން ނުދެވި ނުވަތަ އިހްސާސްތަކަށް އިހްތިރާމް ނުކުރެވިގެން ހިނގާފައިވާ ކަމެއް ނޫނެވެ. މިއީ އިސްރާއީލުން ދިން ހަމަލާތަކުގައި ލޯބިވާ ޢާއިލާގެ މެންބަރުންނާއި ގުނަވަންތައް ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ކަރާމާތަށް ސީދާ އަމާޒުކޮށްދިން ނުހައްގު އަނިޔާއެކެވެ." ބޮއިކޮޓް، ޑިވެސްޓްމަންޓް އެންޑް ސެންކްޝަންސް (ބީޑީއެސް) ޙަރަކާތުގެ ބާނީ މެންބަރެއް ކަމަށްވާ 'ޕެލެސްޓީނިއަން ކެމްޕޭން ފޯ ދަ އެކަޑެމިކް އެންޑް ކަލްޗަރަލް ބޮއިކޮޓް އޮފް އިސްރާއީލް' (ޕީއޭސީބީއައި) ގެ ކުޅިވަރު ބޮއިކޮޓް ކެމްޕޭން ކޯޑިނޭޓަރު ސްޓެފަނީ ވެސްޓްބްރޫކް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އޭނާ ވަނީ މިފަދަ ކެމްޕޭންތަކުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލާފަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިފަދަ ކަންކަމުގެ ސަބަބުން "ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކަކީ އާދައިގެ ކަންކަން ކަމުގައި ދައްކައި، އެއްވެސް އަދަބެއް ނުލިބި އެ ޖަރީމާތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އިސްރާއީލަށް ލިބިގެންދެ އެވެ."
"އެޑިޑާސްގެ މި ކެމްޕޭނުން މިއަދު މި ފެންނަނީ އިސްރާއީލުގެ ސިފައިންގެ މީހެކެވެ. އޭނާގެ މުޅި އައިޑެންޓިޓީ ނުވަތަ އަމިއްލަ ތައާރަފު ބިނާވެފައިވަނީ ސިފައިންގެ މީހެއްގެ ގޮތުގަ އެވެ. އޭނާގެ ފަގުޑި ނުވަތަ ފައި ގެއްލުނީ ޣައްޒާއަށް އިސްރާއީލުން ތަކުރާރުކޮށް ދެމުންދިޔަ ހަމަލާތަކެއްގައި ބައިވެރިވަމުންނެވެ. އެއީ މިހާރުވެސް ނަސްލުނައްތާލުމުގެ ބޮޑު ޖަރީމާއެއް ހިންގަމުންދާ، ފަލަސްތީނުގެ ބިންތަކަށް ޣައިރުގާނޫނީ ގޮތެއްގައި ވެރިވެގަނެގެން އުޅޭ، އަދި ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އެތައް އަހަރެއް ވަންދެން އެކަހެރިކުރުމުގެ އުސޫލުތައް ހިންގަމުންދާ ދައުލަތެއްގެ އަސްކަރިއްޔާއަށް ހިދުމަތްކުރާ މީހެކެވެ." އޭނާ ވިދާޅުވި އެވެ.
ބޮއިކޮޓް ކެމްޕޭން ވަރުގަދަވެ، ކުންފުންޏަށް ބޮޑު ފާޑުކިޔުމެއް އަމާޒުވުމާ ގުޅިގެން އެޑިޑާސްއިން ވަނީ ރަސްމީކޮށް މާފަށް އެދިފަ އެވެ. އެޑިޑާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:
"އިސްރާއީލުގެ ލޯކަލް ޓީމުން ކުރިއަށްގެންދިޔަ މި އިސްތިހާރުގެ ސަބަބުން އާންމުންގެ ކަންބޮޑުވުމާއި ނުރުހުން އުފެދިފައިވާކަން އަހަރެމެން ގަބޫލުކުރަމުން."
ނަމަވެސް، އާންމުންނާއި އެކްޓިވިސްޓުން ބުނަމުންދަނީ އެޑިޑާސްގެ މާފުއެދުމަކީ ފުދޭވަރުގެ ކަމެއް ނޫން ކަމަށާއި، ފަލަސްތީނުގެ ނަސްލުނައްތާލުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރުދޭ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.




