މުހައްމަދު އާދަމް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެވޭ ޕުރައިވެޓް ރޫމްގެ ޚިދުމަތް ފުޅާކުރަން ހަމަޖައްސައިފައި ވާކަމަށް އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން މައުލޫމާތު ދެއްވިގޮތުގައި، މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ 3 ޕްރައިވެޓް ރޫމަކީ ޚިދުމަތް ހޯދާފަރާތްތަކުގެ ޑިމާންޑް އޮތް މިންވަރާ ބަލާއިރު ފުދޭވަރާ ކައިރިވެސް އަދަދެއް ނޫންކަމަށެވެ. އެހެންކަމުން އިތުރު 4 ރޫމް އެއް ފުރަތަމަ ހެދުމަށް ނިންމާފައިވާ ކަމަށްވެސް ބަދުރުއްދީން ވިދާޅުވިއެވެ.
“މިހާރު މިހުރި 3 ރޫމްއަކީ ފުދޭވަރާ ގާތްކުރާ އަދަދެއް ނޫން. އަބަދުވެސް ކިޔުގައި ހަތަކާއި ދިހަޔަކާއި ދެމެދުގެ އަދަދަކަށް މީހުން ބުކިން ހަދާފައި ތިބޭ.” ބަދުރުއްދީން މައުލޫމާތު ދެއްވިއެވެ.
“އެހެންކަމުން މިހާރު ހުރި އިމާރާތައް ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސްގެން ފުރަތަމަ އިތުރު 4 ރޫމް ހެދުމަށް ވަނީ ނިންމާފައި.”
ހއ ހދ އަދި ށ އަތޮޅުގެ ހޮސްޕިޓަލުތައް ހިންގަމުން އަންނަ އެކޯޕަރޭޝަނުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުމާއި ހަވާލުވިފަހުން ރައްޔިތުންނާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން އެންމެ ބޮޑަށް އެދެމުންދަނީ ކޮންކަމެއްތޯ ބަލަމުން އަންނަ ކަމަށާއި އެންމެ ގިނަމީހުން އެދެމުންދާ އެއްކަމަކީ ޕްރައިވެޓް ރޫމް އިތުރު ކުރުން ކަމަށްވެސް ބަދުރުއްދީން މައުލޫމާތު ދެއްވިއެވެ. ފުރަތަމަ 4 ރޫމް އިތުރު ކުރެވުނު ކަމުގައި ވިޔަސް، ކުރިމަގުގައި ޕުރައިވެޓް ރޫމްތަކުގެ އަދަދު އިތުރުވެގެންދާނެކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.
ޕްރައިވެޓް ރޫމްތައް ހެދުމަށްޓަކައި އެމަސައްކަތް ޖުލައި މަހަށް ރޭވިފައި އޮތް ކަމުގައި ވިޔަސް، އެމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ އެންމެ ދެފަރާތެއް ކަމުން، އަލުން އިއުލާން ކުރެވިގެން މިހާރު މަސައްކަތް ކޮށްދޭނެ ފަރާތެއް ކަނޑައަޅާފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އަދި ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި މަސައްކަތް ހަވާލު ކުރެވި، އޮކްޓޯބަރ މަހުގެ ފަހުކޮޅު ޚިދުމަތް ދޭން ފެށޭނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.