ލޯކަލް ކައުންސިލް އިންތިހާބުގައި ހދ ކުރިނބީ ރައީސް އަބުދުﷲ އަސްލަމަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެއްޖެ އެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އަސްލަމަކީ ކުރިނބީގެ ރައީސްގެ އިތުރުން ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްވެސްމެ އެވެ.
ކުރިނބީ ރައީސްގެ މަގާމަށް އަސްލަމްގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި މުހައްމަދު ސިޔާހް އާއި އަމިއްލަގޮތުން އަލީ ވިސާމް ކުރިމަތިލެއްވި އެވެ. 235 ވޯޓުގެ ބޮޑު ތަފާތަކާއެކު އެ ގޮނޑި ކާމިޔާބުކުރެއްވީ އަލީ ވިސާމެވެ.
130 ވޯޓާއެކު އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ސިޔާހް ދެވަނައިގައި އުޅޭއިރު އެންމެ ފުލުން ތިންވަނާގައި އުޅެނީ އަސްލަމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 128 ވޯޓެވެ.
އެ ކައުންސިލްގެ އެހެން ގޮނޑިތަކަށް ބަލާއިރު އަންހެނުން ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ފާތިމަތު ރިފާ އެވެ. އޭނާއަށް އެ ގޮނޑި ކާމިޔާބުކުރެއްވީ 238 ވޯޓާއެކު އެވެ. ޕީއެންސީގެ ކެނޑިޑޭޓް ޒޫނާ އަބުދުލް މަތީންއަށް ލިބުނީ 222 ވޯޓެވެ.
247 ވޯޓާއެކު އާންމު މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ އަބުދުﷲ ނާފިޒެވެ. އަންްހެނުން ކޮމެޓީގެ ރައީސާގެ ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ވަހީދާ އެވެ. އޭނާއަށް ލިބުނީ 276 ވޯޓެވެ. ޕީއެންސީގެ އިނާސާ އާދަަމަށް ލިބުނީ 184 ވޯޓެވެ.
އަންހެނުންގެ ކޮމެޓީގެ ގޮނޑިތަކަށް ބަލާއިރު 254 ވޯޓާއެކު އެމްޑީޕީ އައިޝަތު ފިއުޒާ އިންތިހާބުވިއިރު އޭނާއާ ވާދަކުރެއްވި ރާނިޔާ މުހައްމަދަށް ލިބިވަޑައިގެންނެވީ 197 ވޯޓެވެ. އަދި އެމްޑީޕީގެ އައިޝަތު ލަޔާލީ އަހުމަދު 252 ވޯޓާއެކު ގޮނޑި ނެގިއިރު ޕީއެންސީގެ ފާތިމަތު ނާފިޒާއަށް ލިބުނީ 184 ވޯޓެވެ.




