ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމުން އަމިއްލަ ގޮތުން ހދ ކުރިނބީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން އަލީ ވިސާމް ނިންމައިފި އެވެ.
ރަށުގެ އިޖުތިމާއީ ކަންކަމުގައި ވަރަށް މުރާލިކަމާއެކު އުޅޭ އަލީ ވިސާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލުން އިންތިހާބުގައި ޕީއެންސީ ޕްރައިމަރީގައި ކުރިނބީ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައި ހުރިހާ ޝަރުތެއް ހަމަވި ނަމަވެސް ވަކި ބައެއްގެ ނުފޫޒުން ކެންޑިޑެންސީ ބާތިލުކުރީ ކަމަށެވެ.
އަދި އެކަމަކީ ޑިމޮކްރަސީއާ ބީރަށްޓެހި އަމަލެއްގެ ގޮތުގައި ވިސާމް ސިފަކުރެއްވި އެވެ.
"ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ހދ. ކުރިނބީ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައި، ހުރިހާ ޝަރުތެއް ހަމަވި ނަމަވެސް، ވަކި ބައެއްގެ ނުފޫޒުން ޕާޓީން އަޅުގަނޑުގެ ކެންޑިޑަސީ ބާޠިލުކުރި ކުރުމަކީ ޑިމޮކްރަސީއާއި ބީރަށްޓެހި އަމަލެއް. ސަޕޯޓަރުން މާޔޫސްވާކަށް އަދި ކައިރިވެސް ނުވޭ. ކާމިޔާބާއި ނާކާމިޔާބަކީ އަޅަމެންގެ ވެރި ﷲ މިންވަރުކުރައްވާ ކަންކަން." ވިސާމްގެ ޕޯސްޓްގައިވެ އެވެ.
އޭނާ ވިދާޅުވީ ﷲގެ އިރާދަފުޅާއެކު އަމިއްލަ ގޮތުން ކުރިނބީ ކައުންސިލްގެ ރައީސްކަމަށް ވާދަކޮށް ރަށުގެ ރައްޔިތުން އެދޭ މަންޒިލަށް އޮޑި ދުއްވަން ހުރީ ތައްޔާރަށްކަމަށެވެ.
ޕީއެންސީގެ ކެންޑިޑޭޓް ޕޯޓަލް މެދުވެރިކޮށް ވިސާމަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ އެ ޕާޓީގެ އިންތިހާބު ކޮމެޓީން ބެލިބެލުމުން ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތު އަލީ ވިސާމްގެ ކިބައިގައި ފުރިހަމަނުވާކަމަށެވެ.
ނޫސްވެރިއެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ވިސާމް ފާހަގަކުރެވީ ރަށުގެ ރައްޔިތުންނާ ގުޅިގެން އިޖުތިމާއީ ގިނަ ކަންތައްތަކެއްގައި އިސްނަގައިގެން އުޅޭ ޒުވާނެއްގެ ގޮތުގައި އެވެ. އޭނާ ވަނީ މީގެ ކުރިން އެރަށު ފެނަކަ އޮފީސް ހިންގުމުގައިވެސް ހަރަކާތްތެރިވެ އެވެ.




