ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ނައިބު ރައީސުން އިންތިހާބު ކުރަން ނަގާ ވޯޓު ސިއްރެއް ނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށް އާންމު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މަތީ މަޖިލީހުގެ ކަންކަން ފާސް ކުރުމަށް ވޯޓު ދޭނީ އަތް އުފުލައިގެން ކަމަށާއި މަތީ މަޖިލީހުގައި މެންބަރުން އިންތިހާބު ކުރުމަށް ނަގާނީ ހާމަ ވޯޓެއް ކަމަށް އަސާސީ ގަވާއިދާ ހަވާލާދީ ޕީއެންސީން ބުންޏެވެ.
އެހެންކަމުން ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސުން އިންތިހާބު ކުރުމަށް ހާމަ ވޯޓެއް ނެގުމަކީ އަސާސީ ގަވާއިދާ ހިލާފަށް ހިނގާ ކަމެއް ނޫން ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހު އެވެ.
ކޮންގްރެސްގައި ޕާޓީގެ އާ ނައިބު ރައީސުން އިންތިހާބު ކުރާ އިރު މިހާތަނަށް އެ ޕާޓީގެ އިސް މެންބަރުންތަކެއް އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.
އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޔޫތު މިނިސްޓަރު އަބްދުﷲ ރިފާއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ސިޔާމް ހިމެނެ އެވެ. އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި އޭނާގެ ދަރިކަލުން ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް (މުންދު) ވެސް ވަނީ އެ މާގަމަށް ކުރިމަތިލާން ނިންމައިފަ އެވެ.