twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށީ އޯޒޯން ހަސީބް އަލީ އަށް އެހީވުމުގެ ގޮތުން ފަންޑު ފޮއްޓެއް ބަހައްޓައިފި

Aug 22, 2011

އިބްރާހިމް ހަމީދު

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށީ އޯޒޯން ހަސީބް އަލީ އަށް އެހީވުމުގެ ގޮތުން މިރޭ ކުޅުދުއްފުށީގައި ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.

އިންޑިއާގައި މިހާރު ފަރުވާ ހޯދަމުން އަންނަ، އުމުރުން 14 އަހަރު ހަސީބްއަށް ވަނީ ކެންސަރުގެ ވައްތަރެއް ކަމުގައިވާ އެކިއުޓް ލިމްފޮބްލަސްޓިކް ލޫކީމިއާ ޖެހިފައެވެ. ފަންޑު ފޮށި ބެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތްކަމަށް ވާ ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ރައީސް އަހްމަދު އާތިފް މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އާއިލާގެ ވެސް އެދުމުގެ މަތީން ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކުން އިސްނަގައިގެން މިރޭ، އެމްއޯސީ ބުކްޝޮޕްގައި ބެހެއްޓި ފޮށީގެ އިތުރުން  އަދި އިތުރު ދެފޮށި ބަހައްޓާނެއެވެ.

ހަސީބުގެ އާއިލާގެ ފަރާތުން އޭނާގެ ބޭބެ އަހްމީމު އަލީ ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކެއްސާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން މާލެދިއުމަށް އެންގިކަމަށާއި މާލެދިއުމުން އަވަހަށް ރާއްޖެ އިން ބޭރަށް ދިއުމަށް ޑޮކްޓަރު އެންގިކަމަށެވެ.

“އެގޮތުން މިދިޔަ އަހަރު އޭޕްރީލް މަހު އިންޑިޔާގެ ކެންސަރާބެހޭ ފަރުވާ ދޭ އާރުސީސީ ހޮސްޕިޓަލަށް ދައްކާ ޓެސްޓް ހެދުމުން ބުނީ ހަސީބްގެ ލެއަށް ކެންސަރު ޖެހިފައިވާކަމަށް. އެވަގުތުން ފެށިގެން އާރުސީސީ ހޮސްޕިޓަލްގައި ހަސީބް އެޑްމިޓް ކޮށް ކެންސަރަށް ފަރުވާ ކުރަމުން މިއަންނަނީ. އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިގެން ފަރުވާ ކުރަމުން އަންނަތާ މިހާރު އެއްއަހަރާއި ހަތަރުމަސް ވީއިރު ހަސީބްގެ ބަލީގެ ބޮޑު ބައެއް ރަނގަޅު ވަމުން ދަނީ.” އަހުމީމް މައުލޫމާތު ދެމުން ބުންޏެވެ.

އާއިލާގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ މަސް ދުވަހުގެ ތެރޭގައި މަދަނައިގެ ހިދުމަތް ނުލިބޭކަމަށާއި އެހެން ނަމަވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު މަދަނައިގެ ހިދުމަތް މިހާރު ލިބެމުން އެބަދެއެވެ. އެހެން ނަމަވެސް މަދަނައިގެ ދަށުން ނުލިބޭ ބައެއް ހިދުމަތްތައް ގަންނަން ޖެހުމުގެ ސަބަބުން ބޮޑެތި ހަރަދު ތަކެއް ކުރަން ޖެހެއެވެ.

ފަންޑު ފޮށި ބެހެއްޓުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މަތި އުތުރު ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ހަސަން ޒިޔާދެވެ. އެމްއޯސީ ފިހާރާގައި ފަންޑު ފޮށި ބެހެއްޓުމުގެ ރަސްމިއްޔާތުގައި ސަރުކާރު އޮފީސްތަކުގެ ވެރިންނާއި ކުލަބް ޖަމްއިއްޔާތަކުގެ މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355