twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިއަހަރުގެ ކުރިއާ އަޅާބަލާއިރު ކުޅުދުއްފުށީގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި

Aug 25, 2011

މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރު މާލޭގެ ބާޒާރުގައި އިންފްލޭޝަންގެ ރޭޓް ހުރީ ނުވަ ޕަސެންޓްގައެވެ. ހަމަ އެފަދައިން މިއަހަރުގެ ކުރީކޮޅު ކުޅުދުއްފުށީގެ ބާޒާރުގައި ތަކެތި ގަންނަން ލިބުނު އަގުތަކާ އަޅާބަލާއިރު މިހާރުގެ އަގުތައް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ރަމަޟާން މަހާ ދިމާކޮށް ބައެއް ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކެކޭވެސް އެއްފަދައިން ކުޅުދުއްފުއްޓަށްވެސް މިދުވަސްވަރު މަސްވެރިކަން ދައްކަނީ ވަރަށް ދައްކޮށެވެ. ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މަސްވެރިކަން ތަދުވެ މަހުގެ އަގުތައް ވަނީ ރަނަށް ވެފައެވެ. ގޮދާ މަސްވެރިކަން މުޅިން ދައްވެފައިވާ އިރު ކުޅުދުއްފުށީގެ ދޯނި ފަހަރު މިދުވަސްވަރު އެންމެ ގިނައިން ބާނަނީ ހިބަރެވެ. އަދި ބޮޑު ކަންނެލިވެސް ބާޒާރުން ކޮންމެވެސް ވަރަކަށް ލިބެއެވެ.

“ރޯދަމަހުގެ ކުރިންވެސް އަދި މިހާރުވެސް މަސްވެރިކަމެއް ނެތް. ތެޔޮ އަގުބޮޑުކަމުން ބޭރަށް ނުކުމެވޭކަށް ނެތް. އެތަށް އިރަކު ދުއްވައިގެން މީ ލިބޭ މަސްކޮޅަކީ. ތެޔޮ ހަރަދު ކަނޑާފަ ވިއްކޭނީ މިއަގުތަކަށް” މަސްވެރިއަކު ބުންޏެވެ.

ރޯމަސް ތަދުވިއިރު ބާޒާރުގައި ދަޅު މަހުގެ އަގުވެސް ވަނީ މައްޗަށް ގޮސްފައެވެ. މިއަހަރުގެ ކުރީކޮޅު 14 ރުފިޔާއަށް ލިބުނު މަސްދަޅު، ރަމަޟާން މަހުގެ ފަހު ދިހަޔަކަށް އެޅިއިރު ހުރީ 17 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މަސްދަޅުކޭހެއް މިހާރު އެންމެ ކުޑަކޮށް ލިބެން ހުރީ 770 ރުފިޔާ އަށެވެ.

ދަޅު ކާނާއަށް ބަލާއިރު ފެހި އޮށްދަޅެއް ކުރިން 8 ރުފިޔާއަށް ލިބުންއިރު މިހާރު ފެހި އޮށްދަޅެއް ލިބެނީ 10 ރުފިޔާއަށެވެ. ގެރިކިރު ދަޅެއްގެ އަގު 10 ރުފިޔާއިން 14 ރުފިޔާއަށް ވަނީ މި ރަމަޟާން މަހު ބޮޑު ވެފައެވެ. މިއަހަރުގެ ކުރީ ކޮޅު ނޫޑްލީސް ޕެކެޓެއް 3.50 ރުފިޔާއަށް ލިބުނު އިރު މިހާރު ނޫޑްލީސް ޕެކެޓެއް ލިބެން ހުރީ 4 ރުފިޔާއަށެވެ.

ރަމަޟާން މަހު އަގުބޮޑުވި ތަކެތީގެ ތެރެއިން ފާހަގަ ކޮށްލެވޭ އެކައްޗަކީ ކޭކު ފުއް ޕެކެޓެވެ. ރޯދަ މަހަށް ހަނދުބެލިއިރު ކޭކު ފުއް ޕެކެޓެއް 25 ރުފިޔާއަށް ލިބުން ކަމުގައި ވިޔަސް މިހާރު ކޭކު ފުއް ޕެކެޓް ބާޒާރުގައި 35 ރުފިޔާއަށްވެސް އެބަހުއްޓެވެ.

ޓޮމާޓޯ ސޯސް ކޭހެއް މިއަހަރު ކުރިން 170 ރުފިޔާއަށް ލިބުނެވެ. ނަމަވެސް މިރަމަޟާން މަހާއި ހަމައަށް އައި އިރު ޓޮމާޓޯ ސޯސް ކޭހެއް ހުރީ 220 ރުފިޔާއަށް ބޮޑުވެފައެވެ. ކުކުޅު ކިލޯއެއް ކުރިން 45 ރުފިޔާ އަށް ހުރި ކަމުގައި ވިޔަސް އީދަށް ހަނދު ބަލަން ވިއިރު ކުކުޅު ކިލޯއެއް މިހާރު ލިބެނީ 55 ރުފިޔާ އަށެވެ.

ލޯކަލް ބަނދަރުގައި ވިއްކާ މޭވާގެ އަގުތަކަށް ބަލާއިރުވެސް ފެންނަނީ ތަންކޮޅެއް ބޮޑެތި އަގުތަކެކެވެ. ކުޅުދުއްފުށްޓައް މުދާގެންނަ ބައެއް ރަށްރަށުގެ ދަނޑުވެރިން ބުނާގޮތުގައި މިފަހަރުގެ ރޯދަމަހު މޭވާގެ އަގުތަށް މަތިވެގެން އުޅެނީ، ރޯދަމަސް ފެށުނުއިރު މޭވާގެ ސަޕްލައި ދަށްވުމުގެ ސަބަބުން ނެވެ. އަދި ރޯދަމަސް ނިމުނަސް މޭވާގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ގަބޫލު ނުކުރާކަމަށްވެސް ދަނޑުވެރިން ބުނެއެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު ކެރެޓް ކިލޯއެއް އުޅެނީ 35ރ ގަ އެވެ. ޓޮމާޓޯ ކިލޯއެއްގެ އަގު 40ރ އަށް ހުރިއިރު ކެބެޖް ކިލޯއެއް އުޅެނީ 50ރ. އަށެވެ. ފިޔާ ކިލޯއެއް އުޅެނީ 15ރ އަށެވެ. އަލުވި ކިލޯއެއްވެސް އުޅެނީ އާންމުގޮތެއްގައި 15ރ އަށެވެ. ކުކުޅު ބިސް ހުރީ 2 ރ އަށެވެ.

ރޯދަމަހުގެ ބާޒާރުގެ އަގުތަކަށް ޖުމްލަގޮތަކަށް ބަލާއިރު ރޯދަމަސް ފެށުނުއިރާ އަޅާބަލާއިރު އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިި އިރު، އަހަރުގެ ކުރީ ކޮޅާ ބަލާއިރު އަގުތަކަށް ބޮޑު ބަދަލެއް އައިސްފައި ވާކަން ފާހަގަ ކުރެވެއެވެ. އަދި ބާޒާރުން ބައެއް ބާވަތްތަކުގެ ކާބޯތަކެތި މަދުވަމުންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި އަގުތަށް އުފުލިދާނެކަމަށް ބާޒާރުގައި ތަކެތި ވިއްކާ މީހުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355