އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ އަށްވަނަ ގުރުއާން މުބާރާތް މިއަދު ހެނދުނު އެސްކޫލުގައި ފަށައިފިއެވެ.
ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ “މިމުބާރާތަކީ އަފީފުއްދީން ސްކޫލުގެ ހުރިހާ ގުރޭޑް ތަކަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްދާ މުބާރަތެއް. މުބާރާތް ކުރިއަށް ދާނީ ތިން ގުރޫޕަކަށް ބަހަލައިގެން. އަދި ދެގޮތްޕަކަށް މުބާރާތު ކިޔެވުން ކުރިއަށްދާނެ.” އެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައާއި ނުބަލާ ކިޔެވުމުގެ ގޮފީގައި ޖުމްލަ 84 ކުދިން ކިޔަވާނެއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ވިދާޅުވީ ގުރުއާން މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތަޖްވީދުގެ ހަމަތަކުގެ މަތިން ކުދިން ގުރުއާން ކިޔެވުމަށް ބާރުއެޅުމާއި ގުރުއާން ހިތުދަސް ކޮށްދިނުންކަމަށެވެ. އަދި މިހާރު މުބާރާތް ކުރިއަށް ދާއިރުވެސް ތަޖްވީދުގެ ހަމަތައް ވަރަށް ބޮޑަށް ރަގަޅު ކުރަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.
“މިއަހަރު ގުރުއާން ޓީޗަރެއްވެސް ލިބި ގުރުއާން ކިޔަވާދިނުމުގެ ކަންތައްތައް ރަނގަޅަށް ކުރިއަށް އެބަ ގެންދެވޭ.” ޕްރިންސިޕަލް ވިދާޅުވިއެވެ.
މިމުބާރާތަށްފަހު ސްކޫލުތަކުގެ މުބާރާތަށާއި އަތޮޅު މުބާރާތަށް ކުދިން ހޮވާނެ ކަމަށާއި އެކުދިންނަށް ހާއްސަ ކުލާސްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އެސްކޫލުން މައުލޫމާތު ދެއްވައެވެ. މިމުބާރާތުގެ ނަތީޖާ ފާޅު ކުރާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެއެވެ.