twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދީނީ ފިކުރަށް ޖެހޭ ތިން ބަލި

Jan 29, 2012

.

ނަބީލް

ދީނީ ގޮތުން މީހުންގެ ފިކުރު ހުންނަ ގޮތަށް ވިސްނީމެވެ. ދީނީ ގޮތުން އަހަރެންގެ ފިކުރު އެކި ޒަމާނަށް އެނބުރެމުން ސެނބުރެމުން އައި މަރުހަލާތަކަށް ނަޒަރު ހިންގީމެވެ. ތިން ވައްތަރެއްގެ އުނި ވިސްނުމެއް އަހަންނަށް ފާހަގަކޮށްލެވުނެވެ. އަދި މިއިން ކޮންމެ ވިސްނުމެއް ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި އަހަރެންނަށް ތަޖުރިބާކުރެވުނުކަން ޔަގީންކޮށްލެވުނެވެ. އޭގެ ފުރިހަމަ މިނުގައި ނޫން ނަމަވެހެވެ.

އެއް ވިސްނުމަކީ އެންމެ އަވަހަށް ތިމާ ނޫން އަނެކާއީ ކާފަރަކު ކަމުގައި ހެދޭނޭ ހަރުކަށި ވިސްނުމެވެ. ދީނީ ގޮތުން އެހާ ބޮޑު ނޫން މައްސަލައެއްގައި ތިމާގެ ޚިޔާލާ ދެކޮޅު ޚިޔާލެއް ހުށައަޅާ މީހާ ދީނުގެ ތަރަހައްދުން ފަސޭހަކަމާއެކު ބޭރުކޮށްލުމެވެ.

ދެވަނަ ވިސްނުމަކީ ފުރަތަމަ ވިސްނުމުގެ ނުރައްކާތެރިކަން ދަސްވެފައިވާ ވިސްނުމެކެވެ. އެހެންވެ މި ވިސްނުމުގެ މީހުން މީހުންނާއި ދިމާއަށް ކާފަރުންނޭ ގޮވުމާއި މީހުންނަކީ ކާފަރުން ކަމުގައި ދުށުމަށް ނިކަން ހަރުދަނާ ގޮތެއްގައި އިންކާރު ކުރެއެވެ. އެހެން ނަމަވެސް މި ވިސްނުމުގެ މީހުންނަކަށް މި މީހުންނާއި މުޅީން އެކީ އެކަށް އެއްގޮތް ނުވަނީހުން އެހެން މީހަކާއި ހަމަޖެހިގެން ސަލާންކޮށް އަނގައިން ބުނެވޭ ކަމުގައެއް ނުވެއެވެ. ނޭނގި ތިބެ ނަމަވެސް ނިންމައިގެން ތިބެވެނީ އަނެކުންނަކީ ފާސިޤުން އެހެންނާ މުނާފިޤުން ކަމުގައެވެ. ފުރަތަމައަށް ބުނި ވިސްނުމާއި މި ވިސްނުމުގެ ތަފާތަކީ ކާފަރުކުރުމާއި ފާސިޤުން ކަމުގައި ދުށުމާއި ހުރި ތަފާތެވެ.

ތިންވަނައަށް އޮތީ އަދި މާ އެހެން ކަހަލަ ވިސްނުމެކެވެ. އެއީ އިސްވެ ދެންނެވުނު ދެ ވިސްނުމުގެ އަހުލުވެރީންނަށް މަލާމާތްކުރާ ވިސްނުމެކެވެ. މި ވިސްނުން ލިބޭ އެއް ގޮތަކީ އިސްވެ ބުނި ދެވިސްނުމަށް ތަބާވާ މީހުންގެ ޢަމަލުތަކުގައި ހުރި ނުކިއްސަރުކަން ހަމަބުއްދިއާއި ފުށުއަރާތީ އެއީ މޮޔައިން ކަމުގައި ގަބޫލުކުރެވުމެވެ.

އަނެއް ގޮތަކީ އިސްވެ ދެންނެވި ދެ މަރުހަލާ ތިމާގެ ޢުމުރުގެ ހިސާބެއްގައި ކަޑައްތުކޮށް ތިމާގެ އަމިއްލަ ތަޖުރިބާގައި އަނެކުންނަކީ މޮޔަ ކުދީން ކަމުގައި ގަބޫލުކުރެވުމެވެ. ތިމާ ހިނގާފައި އައިމަގުން އެމީހުން ތިމާއާ ހަމައަށް އަންނަންދެން ތަހައްމަލުކޮށް ނުލެވުމެވެ.

ކާފަރުންނާއި ފާސިޤުންނަކީ މުސްލިމް އެންމެހާ މުޖުތަމައެއްގައި ވެސް އުޅޭ ބައެކެވެ. މޮޔައިންނާއި ސޭކުންނަކީ ވެސް އިންސާނީ މުޖުތަމައެއްގައި ނަމަ އުޅޭ ބައެކެވެ. ނަމަވެސް އަޅުގަނޑު މި ދަންނަވަނީ ޙުކުމްކުރުމުގެ ތިލަފަތް ހަމަ ނޫން ވިސްނުންތަކެއްގެ ވާހަކައެވެ.

މައްސަލައަކީ ލިބެންވީ ފުރިހަމަ މަޢުލޫމާތު ރަނގަޅަށް ނުލިބެނީހުން ނުވަތަ ލިބިހުރި މަޢުލޫމާތާއި މެދަށް ބުއްދީގެ ތަރާދުގައި ތިމާގެ މާހައުލު ކިރާލުމެއް ނެތި ގޮތްތައް ނިންމަމުންދިއުމެވެ. ނުވަތަ އެފަދައިން ޢަމަލުކުރާ މީހަކަށް ތަބާވަމުންދިއުމެވެ. ދީނުގައި އައިސްފައި ހުރި ވަކި ޙުކުމްތަކަކަށް އިސްކަން ދެވުމާއި އެކު، އެނގޭ އެއްޗެއް ފުރިހަމައަށް ނޭނގެނީހުން އަމިއްލަ ފިކުރުގައި ވާހަކަދައްކަން ފެށެވުމެވެ. ނުވަތަ އެފަދަ މީހަކަށް ތަބާވެވުމެވެ. ތިމާ ފަދަ އަނެއް އިންސާނާއާ މެދު ހެޔޮ ކޮށް ވިސްނަން ނޭނގުމެވެ. އަނެކުންނަކީ ޢުޒުރެއް އޮތް ބަޔަކު ކަމުގައި ގަބޫލުނުކުރެވުމެވެ.

ތިމާއަށް އެއްޗެއް އެނގޭ ކޮންމެ ފަހަރަކު ހަޤީޤަތުގައި އެނގެމުންދަނީ އިހުގައި ތިމާއަށް ނޭނގޭ މިންވަރުކަމަށް އީމާންވެ، ތިމާއަށް ނޭނގޭ ކިތަންމެ އެއްޗެއް ހުންނާނެކަން ހަނދާނުގައި ހަރުލައްވައި ނުލެވުމެވެ.

މިއީ ދީނީ ގޮތުން ހުރި ވިސްނުންތަކެއްގެ ވައްތަރުތަކެކޭ ކިޔަކަސް ހަގީގަތުގައި މިއަކީއެއް ވިސްނުމެއް ފިކުރެއް ނޫނެވެ. މިއީ ވިސްނުމާއި ފިކުރަށް ޖެހޭ ބަލިބައްޔެވެ. ޚިޔާލުގައި ހުންނަ ފަނިފަކުސާއެވެ. މިއިން ކޮންމެ ބައްޔެއް ފެތުރުމުގެ ނަތީޖާގައި ވަނީ ގުޅުންތައް ފަސާދަވުމެވެ. މުޖުތަމަޢުތައް ހަލާކުވުމެވެ. އިސްލާމްދީނުގެ ސޫރަ މީސްތަކުންގެ ލޯމަތީގައި ތަޣައްޔަރުވަމުންދިއުމެވެ. ދީނީ ދަޢުވަތުގެ މާނަ އޮޅެމުން ދިއުމެވެ. ދީނާއި ދުނިޔެއަށް ލޯނުހުޅުވޭ ޢާންމުން ދީނާއި މެދު ނަފުރަތުވަމުން ދީނީ މަޢުލޫމާތު ހަމައަށް ނުލިބި ދުނިޔެއަށް ލޯހުޅުވިފައި ތިބޭ މީހުން ދީނާ މެދު ސުވާލުއުފައްދަމުންދިއުމެވެ.

މުޖުތަމަޢުއެއްގައި ނަމަ ކާފަރުންނާއި ފާސިޤުން އަދި މޮޔައިންވެސް އުޅޭނެއެވެ. ނޫޅޭނެ ކަމަށް ނިންމުމަކީ ވެސް ވަކި އަތަކުން ހައްދު ފަހަނައަޅާ ދިއުމެވެ. ނަމަވެސް އިސްލާމީ ދިވެހި މުޖުތަމަޢުގައި އަސްލަކީ ކޮންމެ މީހަކީ ވެސް ހެޔޮލަފާ މުސްލިމެއް ކަމުގައި ވުމެވެ. ކާފަރެއް ކަމުގައި ނުވަތަ ފާސިޤެއް ކަމުގައިވުމީ އިސްތިސްނާއެވެ.

ކޮންމެ އިންސާނަކާއި މެދުގައި ވެސް އަސްލުގައި މުޢާމަލާތު ކުރަންވާނީ އޭނާއަކީ ބުއްދިވެެރިއެއް ކަމުގައި ދެކެގެންނެވެ. ތިމާއަށް ގަބޫލުނުކުރެވޭ ކަމެއް، ތިމާގެ ނަޒަރުގައި އޭނާގެ ހުރި މައްސަލަތައް ހައްލުކުރަން އުޅެންވާނީ ފުރައްސާރަކުރުމުގެ ފޯރީގެ ބަދަލުގައި އޯގާތެރި ރޫހެއްގައި ޙިކުމަތްތެރިކަންމަތީގައެވެ.

ތެދުބުނުން ފަދަ އިސްލާމްދީން ބާރުއަޅާ ސިފައެއް ކާފަރެއްގައި ހުރުމަކުން އޭނާއީ މުސްލިމަކަށް ނުބެލެވޭ ބީދައިން، ދޮގުހެދުން ފަދަ އިސްލާމްދީން ދެކޮޅު ހަދާ ސިފައެއް މީހެއްގައި ހުރުމަކުން އަދި އެމީހާއީ ކާފަރަކަށް ނުވަތަ ފާސިޤަކަށް ވެސް ނުވާނެ ކަން އަހަރެމެން ހަނދާނުގައި ބަހައްޓަންވެއްޖެއެވެ.

އަވަސްއަރައިގަތުމާއި ރޫހަށް އަންނަ ފޯރީގައި ބަސްތައް ބުނެ ލިޔުންތައް ލިޔުމާއި، އަރައިގަންނަ އައްސިގަނޑުގަނޑުގައި ބޮޑެތިހާ ނިންމުންތައް ނިންމުން ދޫކޮށްލަންވެއްޖެއެވެ. ކަންކަމުގެ ޙަޤީޤަތާއި ފުންމިނަށް ވާސިލުވުމުގައި ކެތްތެރިވެ، ކޮންމެ ދުވަހަކުމެ އަލަށް ކޮންމެވެސް އެއްޗެއް އެނގެމުންދާއިރު، ތިމާއަށް ނޭނގިހުރި މިންވަރާއި ޖާހިލުކަން ވަޒަންކުރުމުގައި ފަރުވާތެރިވާންވެއްޖެއެވެ.

މީހުންނަށް އޯގާތެރިވެފައި، ދުޝްމަނުންނަށް ހަމްދަރުދީވެފައި، ހެޔޮކޮށް ވިސްނެން އޮއްވާ، އަނެކާއަށް ޢުޒުރެއް ދެވެން އޮއްވާ، އޭނާ އާ މެދު ތުހުމަތުކޮށް ޝައްކުގެ ނަޒަރުން ދުށުމީ ތެދެއް ބުނެވެން އޮތްތާކު ދޮގެއް ހެދުން ފަދަ ކަމެއް ކަން ދަންނާންވެއްޖެއެވެ.

ތިމާގެ ރަހުމަތްތެރިޔާ ދުވާލުގެ އިރުހާ ސާފުކޮށް، ފަޟީޙަތްވުމުން އޭނާގެ ދިފާޢުގައި ތެދުވެފައި، އަނެކުންނަކީ ތިމާގެ މީހުންނަށް ނުވާތީ އެމީހުންނާއި މެދުގައި ނަމަ ހެއްދެވިހާ ތުހުމަތެއް ކޮށް އުޅުމަކީ ބުއްދީގެ ހަމައަކުން ދެކޮޅުޖެއްސޭނޭ ކަމެއް ނޫންކަން ބަޔާންވާއިރު އެކަން ދެން ގަބޫލުކުރަންވެއްޖެއެވެ.

ކުޑަކަންކަމާއި ބޮޑެތި ކަންކަން ވަކި ކުރުމުގައި އެކަމަކުން ނުކުންނަ އަސަރަކާއި ނަތީޖާއެއްގެ ކުޑަބޮޑުމިނަށް ވިސްނުން ބައްޓަންކޮށް، ތިމާގެ ދީނީ ފިކުރާއި އެ ފިކުރު ވަށާޖެހެނީ ކިހާ މިންވަރަކަށްތޯ އަމިއްލައަށް ދިރާސާއެއް ކުރަންވެއްޖެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355