މިމަހުގެ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލާފައިވަނީ ބަޣާވާތަކުން ކަމަށާއި އަދި މިހާރު އޮތް ސަރުކާރު ގަބޫލުނުކުރާނެ ކަމަށް ބުނެ ކުޅުދުއްފުށީ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
ހަމައެކަނި އެމްޑީޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 2008 ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގެ ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވާފައިވަނީ ގ. ކެނެރީގެ މުހައްމަދު ނަޝީދު ކަމަށާއި މިމަހުގެ 7 ވަނަ ދުވަހު ގާނޫނުއަސާސީއާ ހިލާފަށް ދިވެހި ފުލުހުންނާއި އަސްކަރިއްޔާގެ މަދު ބަޔަކާއި ގުޅިގެން ހިންގި ބަގާވާތަކުން ސަރުކާރު ވައްޓާލާފައިވާ ކަމަށެވެ.
ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ސޮއިކުރައްވާ ނެރެފައިވާ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިހާރު އުފެދިފައިވާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި އަދި ބަގާވާތަކުން ސަރުކާރު ވައްޓާލުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެނޫސްބަޔާނުގައި ގޮވާލާފައި ވެއެވެ.
އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ނެރުނު މިނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީގެ ތަރައްޤީއަށް ރޭވިފައިހުރި މުހިއްމު ގިނަ މަޝްރޫއުތަކެއް ނަޝީދުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ހުއްޓުމަކަށް އަންނާނެ އެވެ. އަދި މިދިޔަ ދެތިން އަހަރުތެރޭ ކުޅުދުއްފުށީގެ ތަރައްގީ އަށް އައިސްފައިވާ ކުރިއެރުމަކީ ކުޅުދުއްފުށީގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާނެ ކަންތައްތަކެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން 7 ފެބްރުއަރީގައި އޭރުގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ ހަޔާތަށް ކުރިމަތިވި ގިލަންވެރިކަމުގެ ސަބަބުން މިއަހަރަށް ކަނޑައަޅާފައިވާ އެތަކެއް ޕުރޮޖެކްޓްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެފައި ވެއެވެ.
ކުޅުދުއްފުށީ ކައުންސިލުން މިސަރުކާރު ގަބޫލުނުކުރާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައި މިވަނީ އެކުވެރި ދައުލަތްތަކުން މިސަރުކާރު ގަބޫލުކުރާ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މުޒާހަރާއެއްގައި ބައިވެރިވެ ވާހަކަދައްކަވާފައިވާތީ ވެސް ކުޅުދުއްފުށީ ކައުންސިލުން އެކަން ކުށްވެރިކޮށް ބަޔާނެއް މީގެ ކުރިން ނެރެފައި ވެއެވެ.