.
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތިން ލައްކަ ރުފިޔާ ގެ ފައިސާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އޮގަސްޓް 22 އިން ފެށިގެން ނޮވެމްބަރު މަހުގެ 22 ގެ ނިޔަލަށް ކުރިއަށް ގެންދާ މިޕްރޮމޯޝަންގެ މުއްދަތުގައި 300ރ. ގެ ރީލޯޑްކުރާ ކޮންމެ ފަހަރަކު ގުރުއަތަށް އެ މީހެއްގެ ނަން ހޮވޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަށް ތިން ލައްކަ ރުފިޔާ ދިނުމަށް ދިރާގުން ދޭނެއެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކު 30 ރުފިޔާގެ ރިލޯޑް ކޮށްގެން ސެމްސަންގް އެސް ތްރީ ފޯނެއް ހޯދުމުގެ ފުރުސަތު ވެސް ދިރާގުން ވަނީ ހުޅުވާލާފައެވެ. މިގޮތުން ކޮންމެ ހަފްތާއަކު ވެސް އެކިފަހަރު މަތިން ކަމުގައި ވިޔަސް، 30 ރުފިޔާ ހަމަ ވާވަރަށް ރިލޯޑް ކޮށްފިނަމަ މި ގުރުއަތަށް ނޮމިނޭޓް ވާނެއެވެ. އަދި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ކޮންމެ ވެސް އެއްފަރާތަކަށް ސެމްސަން އެސް ތްރީ ފޯނެއް ލިބޭނެ އެވެ.
ދިރާގުގެ މި ޕްރޮމޯޝަން ގެ މަޢުލޫމާތު ދިނުމަށް ދިރާގުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދިރާގުގެ ޑިރެކްޓަރ މާކެޓިންގ އަހުމަދު މައުމޫނު ވިދާޅުވީ، މިފަދަ ޕްރޮމޯޝަނެއް މިހިންގަނީ ދިރާގުގެ ޕްރީ ޕެއިޑް ހިދުމަތަކީ އެންމެ މަގުބޫލު ހިދުމަތަށްވެފައި އަދި އެންމެ އާއްމުކޮށް ކަސްޓަމަރުން ބޭނުންކުރާ ހިދުމަތަކީ ވެސް ރިޗާޖް ކަމަށްވާތީއެވެ.
“އެނގިވަޑައިގަންނަވާނެ ފަދައިން ދިރާގުގެ ޕްރީޕެއިޑަކީ ރާއްޖޭގައި އެންމެ މަގުބޫލު އަދި އެންމެ ގިނަ މީހުން ބޭނުންކުރާ ހިދުމަތް. މިގޮތުން މިކަހަލަ ޕްރޮމޯޝަނެއް އަޅުގަނޑުމެން ތައާރަފު ކުރުމުގައި ބެލީ ތިންލައްކަ އަށް ވުރެ ގިނަ ޕްރީޕެއިޑް ކަސްޓަމަރުން ބޭނުން ކުރާ ހިދުމަތަކީ އާންމުކޮށް ރިޗާޖު ކަމަށްވާތީ،” ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގައި ދިރާގުގެ ޓަޗްނެޓް ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރި ވެވޭނެއެވެ. އަދި ބިދޭސީންނަށް ވެސް މި ޕްރޮމޯޝަންގެ އިނާމު ހޯދުމުގެ ފުރުސަތު އެބައޮތެވެ.