ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ، ހދ. ހަނިމާދޫ ބޯގަންވިލާ މުހައްމަދު އާދަމް (ބޮޑޭ) 30، އަށް އެހީތެރިވުމުގެ ގޮތުން ފާހަގަ ކުރި މަސައްކަތު ދުވަހުން ބައިލައްކައެއްހާ ރުފިޔާ ހޯދައިފި އެވެ.
މިކަމާއި ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވީ މި ހަރަކާތަށް ގާތްގަނޑަކަށް ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާކަމަށެވެ. އަދި މިއީ މިފަދަ ކަމަކަށް މަސައްކަތު ދުވަހެއް ފާހަގަކުރި ފުރަތަމަ ފަހަރު ކަމަށާއި، މިފަހަރު ލިބުނު ތަރުހީބުން ރަށުގެ ރައްޔިތުން ދެން ފަހަރެއްގައި ވެސް އެއްބާރުލުން ދޭނެ ކަން ޔަޤީން ކުރެވިއްޖެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
މަސައްކަތު ދުވަސް ފާހަގަކުރުމުގައި ބޮޑަށް އިސްކަންދީފައިވާނީ ވަގުތު ބޭކާރުކޮށްނުލާ ފަސޭހައިން ނިންމާލެވޭނެ މަސައްކަތް ތަކަށް ކަމަށާއި މިކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. އަދި މީގެ ކުރިންނާއި އެދުވަހުގެ ހަރަކާތް ކުރިއަށް ދިޔައިރު އެހީތެރިކަން ވެދެއްވި ފަރާތްތަކަށްވެސް ހަލީލް ޝުކުރުއަދާ ކުރެއްވިއެވެ.
ބޮޑޭގެ އާއިލާގެ ފަރާތުން މިނޫހާ މައުލޫމާތު ހިއްސާކުރި އާދަމް އިބްރާހިމް ބުނީ ބޮޑޭގެ ހާލު ރަނގަޅުވަމުން ނުދާކަމަށާއި، ޤަވާއިދުން ޑައިލެސިސް ހަދަމުންދާ ކަމަށެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ވަރަށް ބޮޑު އަދަދެއް ޖަމާކުރެވިފައިވާ ކަމަށާއި، ވީއެންމެ އަވަސް މުސްތަގުބަލެއްގައި ފަރުވާއަށް ފުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.
“ކުޑަބެ (މުޙައްމަދު އާދަމް) ގެ ހާލު ވަކި ރަނގަޅެއް ނޫން. މިދިޔަ މަހު ވެސް ފުރޭތޯ އުޅުނީ. ކަންދިމާވި ގޮތުން ނުވީ. ދެން މިހާރު ފުދޭވަރަކަށް ރުފިޔާވެސް އެބަހުރި. މިބަލަނީ އަނެއްކާވެސް ވީއެންމެ އަވަހަކަށް ފުރޭތޯ.”” އާއިލާގެ ފަރާތުން އާދަމް ބުންޏެވެ.
އާދަމް ބުނީ ބޮޑޭއަށް އެހީތެރިވުމުގެ ގޮތުން އެކި ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ދުވަހަކުވެސް ހަނދާނުން ނުދާނެ ކަމަށާއި މިގޮތުން ފާހަގަ ކުރެވުނު މަސައްކަތު ދުވަހުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ.
ބޮޑޭގެ ދެ ކިޑްނީގެ 90 އިންސައްތަ ވަނީ ފެއިލްވެފައެވެ. އެހެން ކަމުން ބޮޑޭގެ ދާއިމީ ފަރުވާ ކަމަށްވާ ކިޑްނީ ޓްރާންސްޕްލާންޓަށް ގާތްގަނޑަކަށް 6 ލައްކަ ރުފިޔާ ނުވަތަ 35 ހާސް ޑޮލަރު ހަރަދުވާނެއެވެ.
ކިޑްނީ ރީނަލް ފެއިލިއަރގެ ފަހު ހަރުފަތުގައި ދުވަސްތައް ހޭދަކުރަމުންދާ ބޮޑޭއަކީ ކުރިން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސްގެ އިތުރުން ހަނިމާދޫ ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ނައިބު ރައީސް ކަންވެސް ކޮށްފައިވާ ޒުވާނެކެވެ.
ބޮޑޭއަށް އެހީތެރިވުމަށް އިތުރު ފައިސާ ހޯދަމަށްޓަކައި ހަނިމާދޫ ބޮޑުބެރު ގުރޫޕަކުން އިންތިޒާމު ކޮށްގެން މިމަހު ފާހަގަ ކުރާ އަންހެނުންގެ ދުވަހު، ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.