twitterviber whatsapp telegramfacebookyoutube instagram
27th September 2026

4973 ދަރިވަރުންނާއެކު އޭލެވެލް އިމްތިހާން ފަށައިފި

Sep 27, 2026

މި އަހަރުގެ އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި އެޗްއެސްސީ އެޑެކްސެލް އިމްތިހާނުގައި 1،357 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

މި އިމްތިހާނު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނީ އަތޮޅު ތެރެއިން އޭލެވެލް އިމްތިހާނުގައި 1،689 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 906 ދަރިވަރުންނެވެ.

މިއަހަރު މުޅި ރާއްޖޭގައި އެ އިމްތިހާނު ކުރިއަށް ދަނީ 53 ސެންޓަރެއްގަ އެވެ. އެއީ މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރަކާއި އަތޮޅުތެރޭގެ 49 ސެންޓަރެއްގައި ކަމަށެވެ.

އިމްތިހާނާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި އަހަރު، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށާއި މަދަރުސާތަކަށް، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިލައްވާ ކަމަށެވެ.

ދަރިވަރުންގެ މުސްތަގްބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުޙަލާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ އިމްތިހާނަށް ތައްޔާރުވުމަށް ކުދީން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މާތްﷲ ގެ ހެޔޮ ރަހްމަތްފުޅާއެކު، އެ އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ކުދީން ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293