ކުޅުދުއްފުށީގައި ބާއްވާ "ބޮޑުތިލަދުންމަތި ބޮޑު ބާޒާރު"ގައި 22 ވިޔަފާރިއަކުން ބައިވެރިވެއްޖެ އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލް މެންބަރު، ރިލްވާން މުހައްމަދު ވިދާޅުވީ މި ބާޒާރުގައި ބައިވެރިވުމަށް ހދ އަތޮޅުގެ ހުރިހާ ރަށްތަކަކަށް ހުޅުވާލި ނަމަވެސް ބައިވެރިވެފައި ވަނީ ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތައް އެކަނި ކަމަށެވެ.
މި ބާޒާރުގައި ބައިވެރިވެފައިވާ ވިޔަފާރިތަކަކީ ލަބެވަންޑާ، ޓްރިއޯ ޓޭސްޓް، ޒޯޔާ، އިޒޫ އެމްވީ، ކޭކްސް ބައި ހަމްދާ، ސިލްކް ގުލެމަރ، ދަ ޒިމާރމޭން ޑެކް، ޖަލާލުއްދީން ސްކޫލް ޕީޓީއޭ، މިރާލި މޯލްޑިވްސް، ފަރިރީތި، ފަރިރީތި1 ހާޑްވެއަރ، މައްޔާ އިންވެސްޓްމެންޓް، ކަޑެލްސް، މެކްސް ޑީ، ހަތްތަރި، ބައުންޓީ، ނިއު ޑިޒައިން، އެޑްމޭން، ބެވެރެޖް ކޯނަރ، ރޫހު އަދި އެވަރ ގުރީން އިންވެސްމެންޓް އެވެ.
ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު މި ބާޒާރު ކުރިއަށްދާނީ މުނިފޫހި ފިލުވުމުގެ ޚަރަކާތްތަކާއެކުގައެވެ. އެގޮތުން މި ބާޒާރުގައި އައިލެންޑް ކާނިވަލްގެ ގޭމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
ސެޕްޓެމްބަރ 30 އިން އޮކްޓޯބަރު 4 ގެ ނިޔަލަށް ކުރިއަށްދާ މި ބާޒާރު އޮންނާނީ ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައެވެ.




