މިއަހަރަށް ވުރެ ބޮޑުކޮށް، އަންނަ އަހަރު 'ބޮޑު ތިލަދުންމަތި ބޮޑު ބާޒާރު' ބާއްވާނެކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރުމަހު 30 އޮކްޓޯބަރު 4 އަކަށް ބޮޑު ކާނިވަލަކާއެކު ކުޅުދުއްފުށީގައި ބޭއްވި މި ބާޒާރާއަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެ އެވެ.
ބާޒާރު ނިންމާލުމުގެ ގޮތުން ބޮޑު ބާޒާރު ސަރަހައްދުގައި ހުންނަވައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އެ ބާޒާރަށް 25000 މީހުން ޒިޔާރާތްކޮށްފައިވާ ކަމަށެވެ.
އައިލެންޑް ކާނިވަލާއެކު ކުރިއަށްގެންދިޔަ މި ބާޒާރުގެ މިފަހަރުގެ ތަޖުރިބާއަށް ބަލާ ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކޮށް އަންނަ އަހަރު މިފަހަރަށް ވުރެ ބޮޑުކޮށް 'ބޮޑު ތިލަދުންމަތި ބޮޑު ބާޒާރު' ބާއްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، އަންނަ އަހަރު ބާއްވާ ބާޒާރުގައިވެސް އައިލެންޑް ކާނިވަލް މިއަށްވުރެ އިތުރު އާ ގޭމްތަކާއެކު ބައިވެރިވާނެކަމުގެ ޔަގީންކަން އެފަރާތުންވެސް ދީފައިވާ ކަމަށެވެ. އަންނަ އަހަރު ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ރަށުން ބޭރުގެ ވިޔަފާރިތަކަށްވެސް ހުޅުވާލާނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
22 ވިޔަފާރިއަކު ބައިވެރިވި މި ބާޒާރުގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެ އެވެ.




