ރާއްޖޭގެ އަށް އަތޮޅެއްގެ އަށް ރަށެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައި ވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިޔަށްދާ ކަމަށެވެ.
ހުރިހާ ރަށަކަށް އެ ހިދުމަތް ދިނުމުގެ މަސައްކަތް އަންނަ އަހަރު ނޮވެމްބަރުގެ ކުރިން ނިންމަން އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެ މަސައްކަތަކީ ރައްޔިތުންނާއި މަސްވެރިން އަދި ސިނާއީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތަ އަށް ކުރާހޭދަ ދަށްވެ ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރު ކުރުމަށާއި ވަގުތު ސަލާމަތްވެ ތަކުލީފުތައް ކުޑަވާނެ މުހިންމު ކަމެކެވެ.
މިފަދަ އެތައް ކަމެއް ރައީސް މުއިއްޒުގެ ސިޔާސަތުގެ ދަށުން ލުއިކޮށްދެއްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވި އެވެ.