twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ކުޅުދުއްފުށީގެ ދަރިންނަށް ރަން ވަނަތައް ނުލިބެނީ ކީއްވެ؟

Apr 21, 2013

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިމަހުގެ 11 އިން 13 އަށް ކުރިއަށް ގެންދިޔަ ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް ވެގެން ދިޔައީ ކުޅުދުއްފުށީގެ ސްކޫލުތަކަށް ވަރަށް ނާކާމިޔާބު މުބާރާތަކަށެވެ. ހދ ކުޅުދުއްފުށީގެ 4 ސްކޫލަކުން 14 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ކުޅުދުއްފުށީގެ 3 ސްކޫލަކަށް އެއްވެސް ވަނައެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ޖަލާލުއްދީން ސްކޫލުގެ ހުމައިދު އަލީ އަށް 19 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ އަދި 16 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އާއިޝަތު ޖަޒީލާ ހުސައިން 3 ވަނަ ހޯދާފައިވާކަން ފާހަގަކުރަމެވެ.

މި ނަތީޖާއަށް ބަލާއިރު ކުޅުދުއްފުށީގައި ހުރި ސްކޫލުތަކަށްވުރެ ވަސީލަތްތައް މަދު އާބާދީގެ ގޮތުން ކުދި ސްކޫލު ތަކުން ވަނަތައް ހޯދާފައިވާ ވުމަކީ ކުޅުދުއްފުށީގެ ރައްޔިތުން ލަދުގަންނަން ޖެހޭނެ ކަމެކެވެ. ވަކިން ޚާއްސަކޮށް ޤުރުއާން ކުލާސްތަކާއި ސްކޫލުތައް އަދި ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން މިކަމުގައި ވިސްނާނެކަން ކަށަވަރެވެ.

މިމުބާރާތުގެ ނަތީޖާ އާއި ބެހޭގޮތުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ޤުރުއާނަށް ދެވޭ ސަމާލުކަން ހުރިހާ ދިމާލަކުން ވެސް ކުޑަ ކަމަށެވެ. އަދި މިކަންތައް ކުރުމަށް ދަތި ތަކެއް ހުރި ކަން ފާހަގަ ކުރައްވަމުން އާދަމް މޫސާ ވިދާޅުވީ އަފީފުއްދީން ސްކޫލުގައި ހުންނަނީ އެންމެ ޤުރުއާން މުދައްރިސެއް ކަމަށާއި އެ ޤުރުއާން ޓީޗަރު 2 ދަންފަޅީ ގައި މަސައްކަތް ކުރަން ޖެހުމުން އިތުރަކަށް ސްކޫލުގައި ޤުރުއާން ކިލާސްތައް ނުގެންދެވޭ ކަމަށެވެ.

އާދަމް މޫސާ ވިދާޅުވީ ކުޅުދުއްފުށީ ދަރިވަރުން ތެރޭގައި ބަލައިގެން ކިޔެވި ގޮފިތަކުން ނަތީޖާ ނެރެވޭނެ ކުދިން ތިބި ކަމަށެވެ.އަދި މިމުބާރާތަކީ އަތޮޅު މުބާރާތަކަށް ވާއިރު ކުޅުދުއްފުށީގެ ސްކޫލުތައް ޓީމެއްގެ ގޮތުގައި ފެނިގެން ގޮސްފައިނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އިތުރަށް އާދަމް މޫސާ ވިދާޅުވީ ނިމިގެން މިދިޔަ ޤުރުއާން މުބާރާތުގައި ވާދަކުރި ކުދިންނަކީ ރަށު ފެންވަރުގައި ކިޔަވައިގެން ހޮވައިލެވުނު ކުދިންނަށް ވާއިރު އެދަރިވަރުންގެ ފަރާތުން ނަތީޖާ އެއް ނުފެނުމުން އެއީ އަޅުގަނޑުމެން ޤުރުއާނަށް ދޭ އަހަންމިއްޔަތު އިތުރު ކުރަންޖެހިފައިވާ ކަމެއް ކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ  ތަޢުލީމީ ނިޒާމުގެ ތެރޭގައި ޤުރުއާނަށް ދޭން ޖެހޭ އަހަމިއްޔަތު ކަމެއް ދެވިފައި ނުވާ ކަމަށާއި ޤުރުއާނަށް ދޭ ސަމާލުކަން ސްކޫލު ތަކުގައި ފުޅާކޮށް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށެވެ. ޒިޔާދު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ ދަރިން ޤުރުއާނަށް ވަރަށް ބޮޑަށް އިސްކަން ދޭންޖެހިފައިވާ ކަން ނިމިގެން މިދިޔަ މުބާރާތުން ވެސް ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ޖަލާލުއްދީން ސްކޫލު ހިންގުމާއި ހަވާލުވެހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ވިދާޅުވީ ނިމިގެންދިޔަ އަތޮޅު ޤުރުއާން މުބާރާތުން ރަގަޅު ވަނައެއް ކުޅުއްފުއްޓަށް ލިބިފައިނުވަނީ އެމުބާރާތަށް އެކަށީންގެންވާ ވަރަށް ކުޅުދުއްފުށީގެ ސްކޫލު ތަކަށް ތައްޔާރު ވެފައި ނެތުމުން ކަމަށެވެ. އަދި ސްކޫލު ތަކުން ޤުރުއާން ކިޔަވައިދެއްވަނީ އެޑިކޭޝަންގައި އަންގަވާފައިވާ ވަރަށް ކަމަށާއި މުބާރާތަކުން ރަގަޅު ވަނަ ހޯދޭނީ އިތުރު ގަޑީގައި ޤުރުއާން ކްލާސްތައް ނަގައި ދީގެން ކަމަށެވެ.

އަލީ އިސްމާއިލް ވިދާޅުވީ އިތުރު ކްލާސްތައް ކުރިއަށް ގެންދިއުމަށް ދަތިދަކެއްވެސް އެބަހުރި ކަމަށާއި އެގޮތުން ދަރިވަރުން ތަފާތު އެކި މާއްދާތަކުގެ އެކްސްޓްރާ ކްލާސްތަކަށް އަންނަން ޖެހުމުން ވަގުތުގެ ތާށިކަން ހުރިކަމަށެވެ.

ކުޅުދުއްފުށީގެ ސްކޫލު ތަކުގެ މާލިމީންގެ ވާހަކައިން ވެސް ޖުމްލަ ގޮތެއްގައި ފާހަގަ ކުރެެއްވިގެން ދިޔައީ ގުރުއާން ކިޔެވުމަށް ދެވޭ އަހަމިއްޔަތު ކުޑަ ކަމެވެ. ސްކޫލް ތައްވެސް، ބެލެނިވެރިން ވެސް މިކަމުގައި އެންމެ އެދެވޭ ނަތީޖާ ހޯދައިދިނުމަށް ނުކުޅެދިފައިވާ ކަމެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ގުރުއާން ކިޔެވުމާއި ދަރިވަރުން ގެ ހިތްތަކުގައި ގުރުއާން ލޯބި އުފެއްދުމަށް ސްކޫލުތަކުގެ މުޤައްރަރުގައި މާބޮޑު އިސްކަމެއް ދީފައި ނުވިނަމަވެސް، އަހަރެމެންނަކީ މުސްލިމުންނަށް ކަމަށްވާއިރު، ރީތިކޮށް މޮޅަށް ޤުރުއާން ކިޔަވަން ދަސްކުރުމަކީ މުހިއްމު ކަމެކެވެ. އަދި، އަތޮޅު ފެންވަރުގެ މުބާރާތްތަކުން ކުޅުދުއްފުއްޓަށް ރަން ވަނަތައް ނުލިބޭކަން ފާހަގަކޮށް އެހިސާބުން އެވާހަކަ ނިންމާލުމުގެ ބަދަލުގައި، ގަދައަޅައި މަސައްކަތްތަކެއް ފަށަން ޖެހެއެވެ. އޭރުން އަތޮޅު ފެންވަރުގައިވެސް އަދި ގައުމީ ފެންވަރުގައި ވެސް ކުޅުދުއްފުށީގެ ދަރިންނަކީ ޤުރުއާން ކިޔެވުމުގެ ރޮގުން ފާހަގަކޮށްލެވޭ ފަދަ ރަން ވަނަތަކެއް ލިބޭ ދަރިން ކަމުގައި ވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355