twitterviber whatsapp telegramfacebookyoutube instagram
8th June 2025

ލަސްވި ޓެމޫ އޯޑަރާއި ބަންކަރިންގ އިން ނުލިބުނު ފައިދާ: މިފަހަރުވެސް މަށިމާލި ތަފާތު

އަބްދުލް ވާހިދު ޙަސަން
Jun 7, 2025

އޮންލައިން ވިޔަފާރި ފްލެޓްފޯމް، ޓެމޫ އިން މިފަހަރު އީދަށް ޖެހި ގިނަ އޯޑަރުތައް މާލެއާ ހަމައަށް އައިސް އަތޮޅުތަކަށް ނުލިބުމުން އެކަމުގެ ޝަކުވާ މަށިމާލި ޕެރޭޑްގައި ބަންޑުކޮށްލައިފި އެވެ.

ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު މާލި ޕެރޭޑް، 'މަށިމާލި' ގައި ޓެމޫއަށާއި ޕޯސްޓް އޮފީހަށް ހުރި މާލިތަކާއި ފުޅަނދުތަކުން އެނގިގެންދިޔައީ ވަރަށް ގިނަ ބަޔަކަށް ޓެމޫގެ އޯޑަރުތައް ލިބުން ލަސްވިކަމުގަ އެވެ.

ސިޔާސީ ޖޯކްތަކަށް ބަލާއިރު އެންމެ ރައީސް ޑރ މުހައްމަދު މުއިއްޒު އަޅަން ވައުދުވެވަޑައިގެންނެވި ބިއްލޫރި ޓަނަލް ފުޅަނދު ފާހަގަކޮށްލެވެ އެވެ. މާލި ޕެރޭޑްގައި ދައްކާލި ދައްކާލި އެ ފުޅަނދަށް ދީފައިވާ ނަމަކީ ' ރަސްމާލި ގުނބޯ ޓަނަލް' އެވެ. އަދި މީގެ އިތުރުން މީޑިއާ ބައްދަލުކުރައްވައި އެންމެ ދިގު ޕްރެސް އެއް ދެއްވިކަމުގެ ރެކޯޑް ހެއްދެވުމުން އެކަމަށް ތައުރީފުކޮށް ފުޅަނދެއް އުޅުނެވެ. އަދި ހއ ފެށިގެން ބަންކަރިންގެ ހިދުމަތް ނުދެވި ހުއްޓުނު މައްސަލާގައިވެސް މާލި އުޅުނެވެ. ބަންކަރިންނާއި ގުޅުން ހުރި ގިނަ ފުޅަނދުތަކެއް ފެނިގެންދިޔުމުން ހާމަވީ އެކަން ކުރަން އުތުރުން ބޭނުންވާ މިންވަރެވެ.

ކާޅާއި ވާލާއެކީ އުޅެން ދަސްކުރަން ޖެހޭނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވުމުން އެކަމާ ގުޅުން ހުރި މާލިތަކާއި ބުޅާ ފެސިލިޓީގެ ފުޅަނދުތައްވެސް މަށިމާލި ޕެރޭޑް ޖާގަ ހޯދި އެވެ. އަދި ބަރޯތަކެއް ހިފައިގެން ތިބި މާލިތަކެއް ކިޔައިދެނީ ސަރުކާރުން ހަދަން އުޅޭ ޓެކްސީ ލައިންގެ ވާހަކަ އެވެ. ބެންކޮކުން އާސަންދަ ލިބޭކަމަށް ސަރުކާރުން ބުނާތީ އެކަމަށްވެސް ފުޅަނދެއް އޮތެވެ.

މީގެ އިތުރުން ދާދިފަހުން ސަރުކާރުން އިފްތިތާހްކުރި 2.0 މޯލްޑިވްސްގެ ފުޅަނދަކަށް ހަޖޫ ކިޔައި މަށިމާލީގައި ދައްކާލީ ' 2.0 އުނބު ޓާން' އެވެ. ސައުދީގެ ޝާހީ އާއިލާގެ ބޭފުޅަކާ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރިކަމަށް ދައްކާ ވާހަކާ ގުޅުވައިވެސް ގިނަ ފުޅަނދު ހުއްޓެވެ. އޭގެ ތެރޭގައި 'ފޭކް ޕްރިންސް އާއި ޓެމޫ ޕްރިންސް' ފަދަ މާލި ފެނުނެވެ.

ބޭސް އަގުބޮޑުވުމާއި ބޭސް ނުލިބުމުގެ ޝަކުވާވެސް މަށިމާލިތައް ކުރި އެވެ. އަދި ވާނުވާ ނޭގި ކަރަންޓް ބިލު ބޮޑުވާ މައްސަލައިގެ މާލިތައްވެސް ގިނައިން އުޅުނެވެ. އެގޮތުން ' ކަރަންޓް ފުރޭތަ، އެޕުން ގެއްލުނު ކަރަންޓް ބިލް، އެޕްރީލް ޑިސްކައުންޓް ކިހާ ނޭނގޭ ދޯ' ފަދަ މާލިތައް ފެނިގެންދިޔަ އެވެ. އަދި ޑޮލަރުގެ އަގު ބޮޑުވުމުން އެކަމާ ގުޅޭ މާލިވެސް އުޅުނެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދޭ މާލިތަކާއި ކާޓޫ ކެރެކްޓަރ ތަކާއި އާންމުކޮށްވެސް އުޅޭ މަށި ލައިގެން ތިބޭ މާއްޔާއި ސުބާޑް އަދި ފަން މާލިތައް އުޅުނެވެ. މާލި ޕެރޭޑްގައި އެކި އުމުރުގެ މީހުން ބައިވެރިވިއިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355