ކޮންމެ އިންސާނަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވެ އެކަމަށް މަސައްކަތްކުރަމުން އަންނަ ބައެކެވެ. ހަށިގަނޑުގައި ބައްޔެއްގެ ވޭންއަޅާނަމަ އެ ބައްޔަކަށް ފަރުވާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮންމެ މީހަކުވެސް ކުރެއެވެ. ނަމަވެސް މި ހުރިހާކަމަށްވެސް ގިނަ ފަހަރު ހުރަސް އަޅަނީ މާލީ ހާލަތެވެ. ކުއްލިއަކަށް ބިންދާލާ ބޮޑެތި ރާޅުތަކުގައި އަރަގުވެ ދަނީ މި ސަބަބާހުރެއެވެ.
ރޯގާޖެހި ރަނގަޅުނުވެގެން އެކި ޑޮކްޓަރުންނަށް ދައްކާތާ 8 ވަރަކަށްމަސްފަހުން އާއިޝަތު ދިލްޝާނާ ނިންމީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކައިގެން ލުޔެއް ލިބޭތޯ އެވެ. އެގޮތުން ނޭވާލާން އުނދަގޫވެގެންނާއި މޭގައި ނުފިލާ ތަދެއް ހުންނާތީ ހިތުގެ ޑޮކްޓަރަށާއި ކިޑްނީގެ ޑޮކްޓަރުނަށް ދެއްކިއެވެ. އެންމެ ފަހުން ރައްޓެއްސެއްގެ ލަފާގެމަތިން ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އެނގުނީ ކެންސަރު ޖެހިފައިވާ ކަމަށެވެ.
ދިލްޝާނާ ކިޔައިދިންގޮތުގައި ފުއްޕާމޭގެ ޑޮކްޓަރަށްދެއްކުމުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި ފުއްޕާމޭގައި ސިސްޓެއް އުފެދި އެ ސިސްޓް ބޮޑުވެ، ނޭވާ ހޮޅީގައި ތައްލައި ނޭވާހޮޅި ދުޅަވުމުގެ ސަބަބުން ނޭވާލާން ދަތިވެ ވަރުބަލިވަނީ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ހެދި ޓެސްޓްތަކުން އެނގުނުގޮތުގައި އެ ސިސްޓްގައި ކެންސަރުގެ ހުރިކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ޑޮކްޓަރުން ލަފާދިނީ ވީހާ އަވަހަށް ރާއްޖެއިން ބޭރަށްގޮސް ފަރުވާ ފެށުމަށެވެ. އެކަމަކު ފަރުވާއަށް އާސަންދަ ހަމަޖެހިފައިވީނަމަވެސް އިންޑިޔާގައި ހޭދަވާނެ މުއްދަތު ނޭގުމާއި ހުރުމާއި ކެއުމުގެ އިތުރުން ހޮސްޕިޓަލް ދަތުރުތަކަށް ބޭނުންވާނެ ހަރަދުކުރުމަށް މާލީހާލަތު ތަންނުދޭތީ އެ ކުޑަކުޑަ އާއިލާއިން ބޭނުންވަނީ މާލީ އެހީތެރިކަމެވެ. މިހާރު 40 ގެ އަހަރުތައް ގުނަމުން އަންނަ ދިލްޝާނާވަނީ ސްޓޭޖް 4 ގެ ފުއްޕާމޭގެ ކެންސަރު (އެސިނަރ އެޑިނޯކާސިނޯމާ) ހުރުމުން ފަރުވާ ހޯދަމަށް އާންމުންގެ ދީލަތި އެހީއަށް ބޭނުންވެފަ އެވެ.
ދިލްޝާނާއަކީ އަމިއްލައަށް ވަޒީފާއަދާކޮށްގެން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުންއަންނަ ފަރާތެކެވެ. ފިރިމީހާ ނިޔާވެފައިވާ އޭނާއަކީ 2 ދަރިންގެ މަންމަ އެކެވެ. އެތަނުން އަންހެން ދަރިފުޅަކީ އެކަނިވެރިމަޔެއްކަމަށްވުމާއެކު އޭނާގެ ދަރިފުޅު އުމުރުން ހަގުވުމުން ވަޒީފާއަކަށް ދިއުމަށް ހާލަތު ތަންނުދޭތީ ދިލްޝާނާގެ އާމްދަނީއިން އެ ދެމައިންގެ ހަރަދުތައްވެސް ބަލަހައްޓަމުން އައި ބައެކެވެ. އަދި އޭނާގެ އަނެއް ދަރިފުޅަކީ ވަކިން ތަނެއްގައި ކުއްޔަށް އުޅޭ ކުއްޖެއްކަމުން އޭނާގެ މުސާރަވެސް ދެކޮޅު ނުޖެހޭތީ އާއިލާގައި މާލީ ދަތިތަކަށް ހައްލެއް ލިބެންނެތް އާއިލާއެއްކަމުން ދިލްޝާނާގެ ބަލީގެ ހާލަތުން މި އާއިލާ ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.
އަހަރެމެން އިންސާނުނަކީ ހާއްސަކޮށް ދިވެހިންނަކީ އެކަކަށް ދިމާވާ މިފަދަ ދަތި ހާލަތުން އަރައިގަތުމަށް ނަމޫނާ ދައްކާ ބައެކެވެ. އެހެންކަމުން މިއަދު މި އެދެނީ އެފަދަ ވޭނެއް ތަހަންމަލުކުރަމުން އަންނަ ކ.މާލޭ، މ. މަލަފެހި، އާއިޝަތު ދިލްޝާނާއަށް ދިމާވެފައިވާ ދަތި އުނދަގޫ ވޭނީ ހާލަތުން އަރައިގަތުމަށް އެންމެހާ އާންމުންގެ ފަރާތުން ދީލަތި އެހީއަކަށެވެ. ދިލްޝާނާ މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން ދިލްޝާނާގެ ކުޑަ އާއިލާއިން އެދެނީ ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.